ހޫނު ގަދަވެ ފަރުތައް މަރުވަނީ، ގެއްލުންވާނެ ކަމެއް ނުކުރޭ: ރިސާޗް ސެންޓަރު

ފަރުތަކުގެ ދިރުންތައް ނެދެމުން ދަނީ. -- ފޮޓޯ/ ގާޑިއަން

މިދުވަސްވަރު ލޮނުގަނޑު ވަރަށް ބޮޑަށް ހޫނުވެ، ފަރުތަކުން ގާހުދުވެ ފަރުތައް މަރުވުމުގެ މައްސަލަ ކުރިމަތިވަމުން އަންނާތީ ފަރުތަކަށް ގެއްލުންވާނެ މަސައްކަތްތައް މަޑުޖައްސާލުމަށް ރާއްޖެ މެރިން ރިސާޗް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ ފަރުތަކުން ވަރަށް ބޮޑަށް ގާ ހުދުވެ، ފަރުތައް މަރުވުމުގެ މައްސަލަ އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ 1998 ވަނަ އަހަރު ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެފަދަ ހާދިސާތައް މެދުވެރިވާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުން ބުނި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ފަރުތަކުން ގާހުދުވުމަށް ފަހު، އަލުން ފަރުތަކަށް ދިރުން ލިބޭ މިންވަރު އަވަހެވެ. ނަމަވެސް މިފަދަ ދުވަސްވަރެއްގައި ހިންގާ ނޭދެވޭ ހަރަކާތްތަކެއްގެ ސަބަބުން ފަރުތަކުގެ ދިރުން އިއާދަ ވުން ލަސްވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުންޏެވެ.

އެ ސެންޓަރުން ފާހަގަ ކުރާ ގޮތުގައި ފަރުތަކަށް އެންމެ ބޮޑު ގެއްލުމާ ކުރިމަތިވަނީ، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކުގެ ސަބަބުން އެވެ.

އެ ނޫސްބަޔާނުގައި ބުނީ ފަހުގެ ސެޓަލައިޓުގެ މައުލޫމާތަކަށް ބަލައި ރާއްޖެ މިވަގުތު އޮތީ، ލެވެލް ދެވަނަ ގިންތީ ގައި ނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގައި ނުރައްކާ ލެވެލް އަށް ފަރުތައް މަރުވުމުގެ މައްސަލައާ ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި އެލާރޓް ލެވެލް 1 އަށް ފޯރުންވެސް އެކަށީގެންވާ ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ގުޅި ލާމެހިފައިވާއިރު ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރަންޖެހޭ،" މެރިން ރިސާޗް ސެންޓަރުގެ ބަޔާނުގައިވެ އެވެ.

ކަނޑުތަކުގެ ހޫނުމިން މަތިވެ ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ ދުވަސްވަރުގައި ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލުމަށް މެރިން ރިސާޗް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް