150 ރުފިޔާ ހަރަދު ކޮށްގެން ކަރާ ކިލޯއެއް ހިލޭ!

ދިރާގު ޕޭ މެދުވެރިކޮށް މާރުކޭޓުގެ ގޮޅިއަކަށް ފައިސާ ދައްކައިގެން ކަރާ ކިލޯއެއް ހިލޭ ހޯދުމުގެ ފުރުސަތު

ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް މާރުކޭޓުގެ ގޮޅިއަކުން ދިރާގު ޕޭގެ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގު އިންތިޒާމް ކޮށްފިއެވެ.

މިއަދު މާރުކޭޓުގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން އެންޑް އިވެންޓްސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ މާރުކޭޓުން ވެސް ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލީ ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަ ކަމާއެކު ހިދުމަތްތަށް ފޯރުކޮށްދީ ޑިޖިޓަލް ރާއްޖެއެއް ގާއިމް ކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ހިދުމަތް ފެށުމުގެ ގޮތުން މި ރޯދަމަހު ދިރާގު ޕޭގެ ހިދުމަތް ބޭނުން ކުރައްވައިގެން މާރުކޭޓުގެ އެ ގޮޅިން އަދި އަމީނީ މަގުގައި ދިރާގު ޕޭގެ ހިދުމަތް ލިބޭ ފިހާރައިން 150 ރުފިޔާ އަށް ވުރެ ގިނައިން ވިޔަފާރި ކުރައްވައިގެން ކަރާ ކިލޯއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައި ވާކަމަށެވެ.

"150 ރުފިޔާގެ ވިޔަފާރި ކުރައްވައި ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން، އެއްކިލޯ ކަރާ މުޅިން ހިލޭ ލިބިގެންދާނެ،" ޝާރިހު އާދަމް ވިދާޅުވިއެވެ.

ޝާރިހު އިތުރަށް ވިދާޅުވީ "މި ރޯދަ މަހު ރީލޯޑް ކުރާ ކަސްޓަމަރުންނަށް ވެސް 20 ޕަސެންޓް އިތުރަށް ލިބިގެންދާނެ. އަދި ދިރާގު ޕޭ ފޯރުކޮށްދޭ ރެސްޓޯރެންޓް ތަކުން (އެޗްއައިއެޗް، އޮކްސިޖަން، އޮކްސިޖަން ބުލޫ، އޮލިވް ގާޑަން އަދި ސީ ހައުސް) ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ބޭފުޅުންނަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ،"

މި ހިދުމަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު، މޯބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް، މުހައްމަދު ނަހުޝަން މިއަދު ވިދާޅުވީ ދިރާގު ޕޭގެ އިދުމަތަކީ ރައްކާތެރިކަމާ އެކު ފައިސާ ދެއްކުމަށާއި ކުދ ކުދި ޕޭމެންޓްތައް ސެޓްލް ކޮށްލުމަށް ރަނގަޅު ހިދުމަތެއް ކަމުގައެވެ.

"ތިޔަ ބޭފުޅުން ބައްލަވައި ގަންނަ އެއްޗަކަށް ފައިސާ ދެއްކުމަށް ކި އުއާރް ކޯޑް ސްކޭން ކުރުމަށް ފަހު ފޮނުވާލުމުން މާޗެންޓުގެ އެކައުންޓަށް އެ ފައިސާ ދާނެ. އެހިސާބުން ޕޭމެންޓް ދައްކާ ނިމުނީ،" ނަހުޝަން ވިދާޅުވިއެވެ.

ނަހުޝާން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިރާގު ޕޭގެ ހިދުމަށް އިތުރަށް ފުޅާކޮށް، މިހާރަށް ވުރެ ގިނަ ތަންތަނުން އެހިދުމަތް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް މި ހިދުމަތް ފޯރުކޮށްދޭ މާޗެންޑަރުންގެ އަދަދު 170 ވުރެ ގިނަ ކަމަށެވެ. އަދި މި ހިދުމަތް މިހާރު ދެމުން އަންނަނީ 60 ގިނަ އޭޖެންޓުން މެދުވެރިކޮށް ކަމަށެވެ.

ދިރާގުން ބުނީ ރޯދަ މަސް ނިމުމުން ވެސް މި ހިދުމަތް މާރުކޭޓު ގޮޅިން ލިބިގެންދާނެ ކަމަށާއި ރޯދަމަހުގެ ތެރޭގައި މިހިދުމަތް ލިބޭ ގޮޅިތައް އިތުރވެގެން ދާނެ ކަމުގައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލޭގެ މާރުކޭޓުންވެސް މި ހިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

comment ކޮމެންޓް