ރަމްޔާއާއި ދެމީހުން ސަލާންކޮށްލަމުން އެކަކު އަނެކަކުގެ ހާލު އަހުވާލު އެހުމަށްފަހު ދެން ދައްކަން ފެށީ އަނާލްގެ ވާހަކައެވެ. އަނާލްއަށް އަންނަމުންދިޔަ ކުރިއެރުމާއި ބެހޭގޮތުން ވާހަކަދައްކާ އިތުރަށް ކުރަންޖެހޭ ކަންތައްތަކާ ދެމީހުން މަޝްވަރާ ކުރިއެވެ. އިތުރުކަމެއް ދިމާނުވާނަމަ އަނާލް ވަރަށް އަވަހަށް ރަނގަޅުވުމުގެ ޗާންސް ބޮޑުކަން ރަމްޔާ ފާހަގަކުރުމުން ކައިސް ވެސް އެކަމާ އެއްބަސްވިއެވެ.

ދެމީހުން ވާހަކަދައްކާ ގޮތެއް ނިންމުމަށްފަހު އައްމާރުއާ ވާހަކަދައްކަން ނިންމިއެވެ.

*****

އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. ޝަފޫން ކާރުގައި އެކުވެރިއެއްގެ ގެއަށް މިސްރާބުޖެހީ އެކުވެރިޔާ އުމްރާއަށް ފުރަން އުޅޭތީ ޒިޔާރަޔް ކޮށްލުމުގެ ގޮތުންނެވެ. ޝަފޫންއާ އެކު އަފާޒުއަށް ދެވެންނެތުމުން އޭނާ ދިޔައީ ގޭގެ ޑްރައިވަރާއެކު ކާރުގައެވެ. އަމީނީމަގުން އައިސް ބުރުޒުމަގަށް ލަނބާލި ކާރު ޓްރެފިކްގައި ޖެހުނެވެ. ފޫހިކަމާއެކު ދެފަރާތަށް ބަލާލަމުން އޭނާ އަނގަޔަށް ވައްތަރެއް ޖައްސައިލީ އަވަހަށް ނުދެވޭނަކަން އެނގިގެންނެވެ. އެ މަޑުކޮށްލައިގެން އިން އިނުމުގައި އެއްފަރާތުގައި ހުރި ގޯޅިއެއްތެރެއިން ނުކުތް މީހެއް ފެނި ޝަފޫންގެ މޫނުގެ ކުލަ އޮއްސިގެން ދިޔައެވެ. މޭގައި އަތް އަޅާލެވުނީ ހަށިގަނޑަށް ވެރިވި އުނދަގޫކަމުން ސަލާމަތް ވުމަށެވެ. ނޭވާ ހިސާބަކަށް އަވަސްވިއެވެ. ބުނެދޭން ނޭނގޭ އުދަގުލެއް އޭނާއަށް ވެގެންދިޔައެވެ. ދުވަހަކުވެސް އޭނާއަކަށް އެސޫރައެއް ނޯޅޭނެއެވެ. އެއީ ހަމަ އެ ސޫރައެވެ. ހަށިގަނޑަށް އައިސްފައި ހުރި ބަދަލުން އޭނާއަށް ހައިރާންކަންވެރިވި ނަމަވެސް މާޒީ ހަނދާންވުމާއެކު އެހެންކަމަކާ މެދު ވިސްނާކަށް ޝަފޫންގެ ސިކުނޑިތަނެއްނުދިނެވެ. އަތުގައި އޮތް ފޯނަށް ބާރުކުރަމުންދިޔަ ޝަފޫން ސިހުނީ ކާރު ދުއްވާލުމުންނެވެ. އެ މީހަކު ފަސްދީ ދާން ފެށުމުންވެސް ފަހަތަށް އެނބުރި އެނބުރިފައިވެސް އެމީހަކާ ދިމާލަށް ޝަފޫން ބެލިއެވެ. އަނެއްމަގުން ލަނބާލަންދެން ޝަފޫންގެ ނަޒަރު އެ ފެނުނު މީހަކުން ދުރަކަށް ނުދެއެވެ. އެމޫނުމަތިން މީގެ ކުރިން ނުފެންނަ ފަދަ އަސަރެއް ފެންނަމުންދިޔައިރު މީހާގެ މޫނުމަތިން އުދާސްކަންވެސް ފެންނަމުންދިޔައެވެ.

ކެބިންގެ ދޮރު ހުޅުވާލާފައި ވަތް ފިރިހެންމީހާ ފެނުމާއެކު ކިނާން ހިނިތުންވެލިއެވެ. ބަސީމްގެ ގާތުގައި ހާމިޒް ހުއްޓެވެ. ގޮނޑީގައި ގެނެސް ބަސީމް މޭޒުކައިރީގައި ބެއއިންދުމަށްފަހު އެ ޒުވާން ފިރިހެން ކުއްޖާ ގޮނޑީގައި އިށީނެވެ. ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދެއްކީ ހާމިޒްއެވެ. އެގޮތުން އިތުރަށް ބަސީމްގެ ހާލަތު ގޯސްވަމުން ދާކަމަށް ކިޔައިދިނެވެ.

ބަސީމްއަށް ސްޓްރޯކެއްޖެހި އެއްފަޅި ވާގި ދިޔަގޮތަށް ވަނީ ވާހަކަ ދެއްކުމަށްވެސް ދަތިވެފައެވެ. އަނގައިގެ އެއް އަރިމަތި ވަނީ ވާތް ފަރާތަށް ގޮސްފައެވެ. މިދޭތެރޭގައި ހިނގުނުނަމަވެސް އަނެއްކާވެސް ސަކަރާތްވެ ގޮނޑީގައި އިށީންނަން ޖެހުނީއެވެ. ކިނާން ހިތްވަރުދިނެވެ. ބަސީމްއަށް ވެސް ބޭނުންވަނީ އެހެންމީހުންގެ ހެޔޮ ދުޢާކަމަށް ބުންޏެވެ. ކިނާންގެ ވާހަކަތަކުން ބަސީމް ހިނިތުންވާން މަސައްކަތް ކުރިއެވެ.

ދުވަހުގެ ޝެޝަންތައް ނިންމާލުމަށްފަހު ހޮސްޕިޓަލުން ނުކުމެނުކުމެ ހުއްޓާ ހޮސްޕިޓަލަށް އެގަޑީގައ ވަތް އަންހެން މީހެއް ބަސީމްގެ ލޮލުގައި އަޅައިގަތެވެ. ހާސްވެ ކަންބޮޑުވި ގޮތަކަށް ބަސީމްއަށް ފުންކޮށްނޭވާއެއް ދޫކޮށްލެވުނެވެ. އަތަށް މަޑު ތުރުތުރު އެޅުމެއްވެރިވެގެން ދިޔުމާއެކު އޭނާއަށް ހިންދިރުވާލެވުނެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިނަމަވެސް ހަރަކާތެއްނުކުރެވުނެވެ.

"ބައްޕާ ކިހިނެތްވީ؟" ހާމިޒް ބަސީމްއަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ. އޭނާއަށްވެސް ބަސީމްއަށް އައި ކުއްލިބަދަލު ފާހަގަ ކުރެވުނީއެވެ. އެހެންކަމުން ހިސާބެއްގެ ހާސްކަމަކާއެކު އޭނާ ވާހަކަދެއްކިއެވެ.

"އެ މީހާ... އެ މީހާ" އަޅައަޅައިގަންނަމުން ބުނި ވާހަކަ ދެނެގަނެވުނީ އުދަގުލުން ކަމަށްވުމާއެކު ހާމިޒް ބަސީމް ގާތު ހަމަޖެހެން ބުންޏެވެ. ބައްޕަ ކެނޑި ނޭޅި އެ ދިމާލަށް ބަލަމުން ދިޔުމުން އޭނާ ވެސް އެ ދިމާލަށް ބަލާލިއެވެ. އޭނާއަށް ފެނުނީ ފުރަގަސްދީގެން އެމީހުންނާ ދުރަށް ހިނގަމުންދިޔަ އަންހެނެކެވެ. ބަސީމްއަށް ބަލާލާ އޭނާ ސުވާލުކޮށްލިއެވެ. އޭރު ހައިރާންކަމުގެ ކުލަވަރުތައް އެމޫމަތިން ސާފުކޮށް ފެންނަމުންދިޔައެވެ.

"ދަންނަ މީހެއްތަ އަނެއްކާ؟" ހާމިޒް އަހާލިއެވެ. އެއާއެކު ބަސީމް ބޯޖަހާލަމުން އާއެކޭ ބުނެލިއެވެ. ހާމިޒް ހައިރާންވިއެވެ. އެހެންނަމަވެސް އޭނާ އެކަމަށް ފަރުވާލެއްނުބަހައްޓާ ބައްޕަ ހަމައަކަށް އަޅުވާލަމުން ހާމިޒްވެސް ގޮނޑި ދުއްވާލިއެވެ.

އަނާލް އޮފީހުގައި އިނދެފައި ތިރިއަށް ފޭބީ ބަނޑުހައިވެފައި ހުރުމުން އެއްޗެއް ކާލުމުގެ ނިޔަތުގައެވެ. ޒައުނާ އޭނާ ކެންޓީނުގައި މަޑުކޮށްގެން ހުރި ވާހަކަ ބުނުމުން އަނާލް ކެންޓީނާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު ކެންޓީން ސަރަހައްދުގައ ފުދޭވަރަކަށް މީހުން ގިނައެވެ. ޒައުނާ ފެނޭތޯ ކަޅި އެއްލަމުންދިޔަ އަނާލް ސިހުނީ އޭނާގެ ފަހަތުން މީހަކު ގޮވާލުމުންނެވެ. ގޮނޑި އެއްފަރާތަކަށް ޖައްސާލާ ހިނގާ މީހުންނަށް ތަންދެމުން އޭނާ ފަހަތަށް އެނބުރުނެވެ. ޔުމާން ފެނުމުން އޭނާއަށް ހައިރާންކަން ވެރިވިއެވެ. ކުރީ ދުވަހެކޭ އެއްގޮތަށް ޔުމާންގެ އަތުގައި ހިފާލައިގެން މިފަހަރުވެސް އޭނާގެ ދަރިފުޅު ހުއްޓެވެ. އަނާލްގެ ނަޒަރު ހުއްޓުނީ އެ ފިރިހެން ކުއްޖާއަށެވެ. އެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ޔުމާން އޭނާއާއި ދިމާލަށް ފިޔަވަޅުތައް އަޅަން ފެށުމުން އަނާލް ހިސާބަކަށް ޖެހިލުންވާ ގޮތްވިއެވެ. ޔުމާން އަނެއްކާ މިއުޅެނީ ކީކޭ ކިޔަންހެއްޔެވެ؟ އެއްޗެކޭ ނުބުނެ އަނާލް ބޭނުންވީ އެތަނުން ދާށެވެ. އެހެންނަމަވެސް ޔުމާން އެ ދިމާލަށް އަންނަމުން ދިޔައީތީ އެގޮތަށް އަމަލްކުރާކަށް އަނާލްއަކަށް ނުކެރުނެވެ.

"އަނާލް" ނޭވާ ހޮޅީގައި ތާށިވެފައި ހުރި ނޭވާ އޭނާއަށް ދޫކޮށްލެވުނީ ގާތަށް ހުއްޓެމުން ޔުމާން ވާހަކަ ދެއްކުމުންނެވެ. ބޯ ޖަހާލި އަނާލް ދުރަށް ނަޒަރު ހުއްޓާލިއެވެ. ޔުމާން އޭނާއާ ވާހަކަދައްކަން ޖެހޭ ސަބަބެއް އޮވެދާނެހެއްޔެވެ؟ ނޫނެކެވެ. ޔުމާން ދައްކާ ވާހަކައެއް އަޑުއެހުމުގެ ޝައުގުވެރިކަން ހިތުގައިވިނަމަވެސް ސިކުނޑި ވިސްނައިދެމުން ދިޔައީ ޔުމާންއާ ދުރަށް ދިޔުމަށެވެ. އެކަމަކު މިފަހަރު އަނާލް އަޑު އެހީ ހިތުގެ އަޑެވެ. ޔުމާންގެ މޫނުމަތިން ފެނުނު ކުލަވަރުތައް މާނަކުރަން އޭނާއަށް ނޭނގޭތީ ބޭނުންވީ ޔުމާން ދައްކާވާހަކައެއް އަޑުއަހާށެވެ.

"ދައްތާ" ބަލާލަން މަޖުބޫރުވީ ތުއްތު ކުއްޖެއްގެ އަޑުންނެވެ. ޔުމާން ގާތުގައި ހުރި ފިރިހެން ކުއްޖާއަށް ބަލާލާ އަނާލް ބޯ ޖަހާލާ ހިނިތުންވެލިއެވެ. ޔުމާންދެކެ ރުޅިއައިސް ހުއްޓަސް އެ ކުއްޖާ އެހާ ލޯބިކޮށް ގޮވާލުމުން އެ ހިތް ހަރު ހިލައަށް ހަދައިގެން ހުންނާކަށް އޭނާގެ ސިކުނޑި އެއްބަހެއް ނުވިއެވެ. އޭނާގެ ހިތަކީ ވަރަށް އާދަޔާ ހިލާފް އެއްޗެކެވެ. އަނާލް އެ ކުއްޖާގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި ނަން އަހާލިއެވެ. ޒަހްވާ ކޮބާބާއޭ އަނާލްގެ ހިތަށް އެރިއެވެ. އޭނާއަށް މިހާރު އެއްގޮތަކަށް ވެސް ޒަހްވާ އެއް ނުފެނެއެވެ. އެ ސުވާލު ޔުމާންއާއި ކުރަން އުޅެފައިވެސް އަނާލް އެއީ އޭނާއާއި ބެހޭ ކަމެއްނޫނޭ ހިތާ އަޅާނުލީއެވެ. ޔުމާންއަކީ މިހާރު އޭނާއާއި އެއްވެސް ގުޅުމެއް އޮތް މީހެއްނޫނެވެ.

"ދައުސް" ދައުސްގެ އަޑު އަނާލް ދައުސްގެ ކޮލުގައި ހިފާލިއެވެ. ކެންޓީނާ ދިމާލަށްދިޔަ އިޒިއަންގެ ލޮލުގައި މި މަންޒަރު އަޅައިގަތް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އަނާލް ހީލާފައި ދައުސް އާއި ވާހަކަ ދައްކަމުން ދިޔައިރު ޔުމާންވެސް ކައިރީގައި މަޑުކޮށްލައިގެން އެދެމިހުންނަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އިޒިއަން އެދެމީހުންނަށް ހުރިއިރު އޭނާގެ މެއަށް ތޫނު ކަށިތަކެއް ހެރެމުންދިޔަ ފަދަ އިޙްސާސް ކުރެވުނެވެ. ހިތުގައި ޝަކުވާ އުފެދުނީ އޭނާއާ ނުބާއްވާ ގުޅުމެއް އަނާލް ޔުމާންއާ ބާއްވަނީތާއޭ ހިތަށް އެރީތީއެވެ. ޤަބޫލް ކުރަން ބޭނުންނުވިޔަސް ސިކުނޑި އިޖާބަދިނީ ފެނުނު މަންޒަރަށެވެ.

އަނާލްއާ ވާހަކަދައްކަން ބޭނުންވިޔަސް އެހިތްވަރު ޔުމާންއަކަށް ނުލިބުނެވެ. އެހެންކަމުން އޭނާ ދައުސްގޮވައިގެން ދާންވެގެން ހިނގައިގަތެވެ. އަނާލްވެސް ދެފަރާތަށް ބޯ ހޫރާލަމުން ކެންޓީނާ ދިމާލަށް ދާން އޭނާގެ ގޮނޑި ދުއްވާލިއެވެ. އިޒިއަން ހުރީ ފުރުސަތަކަށް ބަލަބަލައެވެ. އަނާލް އެ ހިސާބަށް އަރާ ހަމަވުމާއެކު އިޒިއަން އަނާލްގެ ކުރިމައްޗަށް އެރިއެވެ. އަނާލް ސިހިފައި ގޮނޑި ފަހަތަށް ދުއްވާލިއެވެ.

"އަހަރެންވެސް ނާލްއަށް ފެންނަނީ މިހާރު ބިރުވެރިއެއްޗެއްގެ ސިފައިގަތަ؟ އެއީ ހަމައެކަނި އަހަރެންނަށް ވީމަތަ؟" އިޒިއަން ފަހުން ބުނި ޖުމްލަ މާނަކުރާކަށް އަނާލްއަކަށް ނޭނގުނެވެ.

"އިޒިއަން އަހަރެންގެ މަސައްކަތު ގަޑީގައި އަހަރެންނަށް އުނދަގޫކުރަން ކީކުރަން ތި އަންނަނީ" ނުރުހުންތެރިކަން އަޑަށް ގެންނަން މަސައްކަތް ކުރަމުން އަނާލް ވާހަކަދެއްކިއެވެ. އިޒިއަން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

އަނާލް ގޮނޑި އަނެއްފަރާތަށް ދުއްވާލުމުން އިޒިއަން އަނެއްކާވެސް އެފަރާތަށް ގޮސް ހުއްޓިލިއެވެ. އިޒިއަންގެ މިއަމަލުން އަނާލް ރުޅިއައެވެ. އޭނާ ތުންފަތުގައި ދަތް އަޅާލަމުން ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. ދަތްކުނޑި ވިކާލަމުން އޭނާގެ ކުރިމަތިން ދިޔުމަށް ބުންޏެވެ. ނޫނީ ތަނުގެ ސެކިއުރިޓީއަށް ގޮވައިގެން ބޭރުކުރާނެކަމަށް ބުނެ އިންޒާރުދިނެވެ.

"އެންމެ ރަނގަޅޭ. އަހަރެން ގޮސްދާނަމޭ. މީ ނާލްގެ ތަނެއްނު. އަހަރެން ކުރި ބުރަ މަސައްކަތް ހަނދާންނައްތާލީތީ ދެރަވެއްޖެ. ނާލްއެކޭ އެއްގޮތަށް މިތަން މިގޮތަށް ކުރިއަށް ގެންދިޔުމަށް އަހަރެންވެސް އަމިއްލަ ދާ އޮހޮރުވިން. ނާލްގެ ތި ކާމިޔާބީގެ ފަހަތުގައި ހުރީ އަހަރެން. މިއަދު ނާލް އަހަރެން އެއްވެސް މީހަކަށް ނުހެދިޔަސް، ކިތަންމެ ދެރަވިޔަސް، ނާލްގެ އުފާތަކަށް އިސްކަންދޭން މަސައްކަތް ކުރާތީ މިހާދުވަސްވީއިރުވެސް ނާލް ބުނި ގޮތަކަށް ހަދައިގެން މިއުޅެނީ. " އިޒިއަން އަނާލްއަށް ބަލާލާ ވާހަކަދެއްކިއެވެ. އެއަށްފަހު އޭނާ އަނާލް ފަސްދީ ހިނގައިގަތެވެ. އިޒިއަންގެ ވާހަކަތަކުން އަނާލް ހިންދިރުވާލިއެވެ. އިޒިއަން އެބުނީވެސް ތެދެކެވެ. އިޒިއަން ގޮސް ލޯމަތިން އޮބާލަންދެން އަނާލްއަށް ބަލަން އިނދެވުނެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެމް.އެޗް.ޑީސީ އިމާރާތުގެ ތެރެއިން ޔުމާންއާއެކު ދައުސް ފެންނަލެއް ގިނަވަމުން ދިޔައެވެ. އަނެއްކޮޅުން އިޒިއަން އަނާލްއާ ބައްދަލުކުރަން ކިތަންމެ ފަހަރަކު ވެސް ގޮސްފިއެވެ. އެހެންނަމަވެސް ބައްދަލުކޮށް ވާހަކަދައްކާކަށް އަނާލްއެއް ފުރުސަތެއްނުދެއެވެ. އިޒިއަން އަނާލް ގާތަށް އަންނަ ކޮންމެފަހަރަކު ހިތި ބަސްތަކުން އިޒިއަންގެ ހިތް ޒަޚަމް ކުރުމުގައި އަނާލް ކާމިޔާބު ހޯދަމުންދިޔައެވެ. އެއިންކޮންމެ ފަހަރަކު އިޒިއަން ދާން ޖެހެނީ އަނާލް ގާތު ކަރުނައަޅާ ރޮއިފައެވެ. އަނާލްއަށްޓަކައި އެ ހިތުގައި އޮތީ ތެދުވެރި ސާފު ލޯބިކަން އަނާލްއަށް ފަހުމްވާނީ ކޮން ދުވަހަކުންހެއްޔެވެ؟ އިޒިއަންގެ ހިތްވަރު އެލޭ ގޮތްވަނީއެވެ. ދުވަހަކު އަނާލްގެ މާފު އޭނާއަށް ލިބެން ނެތީ ހެއްޔެވެ؟ އޭނާގެ އާއިލާގެ މާފު ލިބެންނެތީހެއްޔެވެ؟

މިއަދުވެސް އިޒިއަން އެ ނުކުންނަނީ އަނާލް ގާތު އާދޭސްކޮށްފައެވެ. އެހެންނަމަވެސް އަނާލް ބުނިހާވެސް އެއްޗަކީ އިޒިއަންއަށް ދޭން އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތްކަމެވެ. އިޒިއަންއަށްޓަކާ އޭނާ މާފުކުރުމަކީ ނެތް ގޮތެއްކަމެވެ. އެތައްއިރަކު އިމާރާތުގެ ބޭރުގައި ވިސްނުމަކަށް ގެއްލިފައި އިޒިއަން ހުއްޓެވެ. ސިކުނޑިއަށް ނުކުޅަދާނަ ވާވަރަށް ހިޔާލުތައް އަންނަންފެށުމުން ހިނގައިގަތީ އެތަނުން ދާށެވެ. އަނާލް އެދޭގޮތަށް އަނާލް ވަރިކުރަންވެސް އިޒިއަންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަން އެގޮތަކަށް ކުރަން ހިތާއި ސިކުނޑި އެއްބަހެއްނުވިއެވެ. އިޒިއަންގެ ލޮލުގައި އެތަނަށް ވަތް ޔުމާން އާއި ދައުސް އަޅައިގަތީ އެވަގުތުއެވެ. ބޭއިޙްތިޔާރުގައި މަޑުކޮށްލާ އޭނާއަށް ޔުމާންދިޔަ ދިމާލަށް ބަލާލެވުނެވެ. އެމް އެޗް. ޑީ.ސީ އިމާރާތަށް ވަންނަ މައި ބޮޑު ދޮރުގެ ކުރިމަތިން ޔުމާން ހުއްޓުނެވެ. އިޒިއަން ފަރުވާތެރިވެލިއެވެ. ރަނގަޅަށް ބަލާލުމާއެކު އޭނާގެ ލޮލުގައި އަނާލް އަޅައިގަތެވެ. އިރުއޮއްސެމުންދިޔަ ވަގުތަށްވުމާއެކު އިމާރާތުގެ ބިއްލޫރުތަކަށް ވަނީ ރީތި ކުލަތަކެއް ވެރިވެފައެވެ. ބަލާލަން ރީތިމަންޒަރެކެވެ. އެހެންނަމަވެސް އިޒިއަންގެ ސަމާލުކަން ހަމައެކަނި ހުއްޓިފައިހުރީ އަނާލްއާއި ޔުމާންއަށެވެ. ވަށައިގެންވި ހިތްގައިމު މަންޒަރުތަކާ ކުލަވަރުތައް އޭނާއަށްނުފެންނަފަދައެވެ.

"ދައްތާ" އިމާރާތުން ނުކުމެނުކުމެ އިން އަނާލްގެ ކަންފަތުގައި ކުޑަ ކުއްޖެއްގެ އަޑު ޖެހުމާއެކު އޭނާއަށް ބަލާލެވުނެވެ. ޔުމާންގެ ގާތުގައިހުރި ދައުސް ފެނުމާއެކު އަނާލް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެ ހިނިތުންވުމުގެ ސަބަބުން ޔުމާންވެސް ހިނިތުންވެލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ޔުމާންއާއި އަނާލްއާ ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ އެހެންނަމަވެސް ދާދިއަވަހަށް އެ ނަޒަރު ބަދަލުކޮށްލައިފިއެވެ. އަނާލް ގާތުގައި ހުއްޓާ ދައުސްއަށް ތަންކޮޅެއް ދުރުގައި ހުރި އޭނާގެ އެކުވެރި ކުއްޖެއް ލޮލުގައި އަޅައިގަތުމާއެކު އޭނާ ޔުމާންއަށް ބަލާލާފައި އެ ކުއްޖާއަށް ގޮވާލާފައި އެބަ އަންނަމޭ ބުނެލިއެވެ. ޔުމާން ވެސް ބޯ ޖަހާލީ އޭނާ އަނާލްއާއެކު އެކަނިވެރި ވަގުތުކޮޅެއް ބޭނުންވެފައި ހުރުމުންނެވެ. ޔުމާން ހުއްދަދިނުމާއެކު ދައުސް ދުރަށްޖެހިލާ އެ ކުއްޖާއާ ކައިރިވެލިއެވެ. ޔުމާން ކަޅިޖަހާނުލާ އޭނާއަށް ބަލަންފެށުމުން އަނާލްއަށް އުނދަގޫވިއެވެ. އެހެންކަމުން އޭނާ ނަޒަރު ތިރިކޮށްލަމުން ދުރުބަލާލިއެވެ. އެއާއެކު ތަންކޮޅެއް ދުރުގައި އެދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި އިޒިއަން އަނާލްގެ ލޮލުގައި އަޅައިގަތެވެ. އަނާލް ބަލާލިކަން އެނގިގެން އިޒިއަން ދުރުބަލާލިކަން ވެސް އެނގުނެވެ. އަނާލްގެ ހިތަށް ވަތް ހިޔާލުން އޭނާ ޔުމާންއަށް ބަލާލިއެވެ. ބޭނުންވީ އިޒިއަން ދެރަކުރާށެވެ.

"އަނާލް" ޔުމާން އަނާލްއަށް ގޮވާލިއެވެ. އެއާއެކު އަނާލް ޔުމާންއަށް ބަލާލާ ބޯ ޖަހާލިއެވެ.

"އަހަރެން ބޭނުން ވާހަކަ އެއްބުނަން" ޔުމާންގެ އަޑުގައި ހުރި ޖެހިލުންވުން އަނާލްއަށް ވެސް ނަގައިގަނެވުނެވެ. އޭނާ ދެބުމަ އަރުވާލިއެވެ.

"އަހަރެންނަށް... އަހަރެންނަށް އަނާލްއާ ދޭތެރޭ ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް، އަހަރެންނަށް މާފުކޮށްދީ. އަހަރެން އޭރުކަންތައް ކުރިގޮތުގެ ހިތި ނަތީޖާ މިއަދު ފެނިއްޖެ. މިއަދު އަހަރެންނަކީ އެކަނި މާ އެކަނި ފިރިހެން ކުއްޖަކު ބަލަމުންދާ އެކަނިވެރިއެއް. ދައުސްގެ މަންމަ އަދި ބައްޕަގެ ރޯލު އަދާކުރާ މީހަކީވެސް ޚުދު އަހަރެން. ޒަހްވާ ފަދަ ބައިވެރިއެއް ހަޔާތަށް ގެނެވުނުކަމަށްޓަކާ އަހަރެން މިއަދު ހިތާމަކުރަން. އޭރު އަހަރެން އެހެންކަންތައް ކުރިކަމުގެ ހަގީގީ ސަބަބު މިއަދު އަނާލް ގާތު ހާމަކޮށްގެން އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ. އެހުރިހާ ވާހަކައެއް ކިޔައިދީގެން އަނާލްގެ ހަމްދަރުދީއެއް އަދި އެހީތެރިކަމެއް ވެސް ބޭނުމެއްނޫން. ހަމައެކަނި ބޭނުމީ އަނާލްގެ މާފު. އެކަކަށް ހިތާމައެއް ދީފައި އެއްވެސް ބަޔަކަށް އުފަލުގައި ނޫޅެވޭނެ. އެއްވެސް ބަޔަކަށް އަބަދަކު ބޭނުންވާ ހުރިހާކަމެއް ހާސިލެއްވެސް ނުވާނެ" ޔުމާން ބުނެލިއެވެ. އޭނާ ވަރަށް ފުންނަޒަރަކުން އަނާލް އަށް ބަލާލިއެވެ.

ޔުމާން މާފަށް އެދުމުން އަނާލްއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އިޒިއަންހުރި ދިމާލަށް އަނާލްއަށް ބަލާލެވުނީ ބޭޢިޚްތިޔާރުގައެވެ. އެހެންނަމަވެސް މިހާރު އިޒިއަން ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަނާލް ޔުމާންއަށް ބަލާލިއެވެ. އެހާ އަވަސްއަވަހަށް ކަންތައް ތައްވަމުން ދިޔައީތީ އެއްވެސް ކަމަކަށް ވިސްނާނުލާ ޖަވާބެއް ދެވޭ ވަރަށްވުރެ އަނާލް ބަލިކަށިވެއްޖެއެވެ. އިޒިއަން ވެސް އާދޭސް ކުރަނީއެވެ. އަނެއްކޮޅުން ޔުމާން މާފަށް އެދުނީއެވެ. ދެމީހުންވެސް އޭނާއަށް ދިނީ ކެއްސެވެ. ހިތްދަތިކަމެވެ. ވީއިރު އޭނާގެ ހިތުގައި އެމީހެއްގެ މައްޗަށް ލޯބި އޮތް އިޒިއަންއަށް މާފުނުދިންއިރު ޔުމާންއަށް މާފުކުރަންވީހެއްޔެވެ؟ އިޒިއަންއަކީ އޭނާގެ އަބުރާ ޢިއްޒަތް ފައިދަށުލީ ފިރިހެނާއެވެ. އަދި އިޒިއަންމެން ކުރި ކަމެއްގެ ސަބަބުން އޭނާގެ ގާތުގައި ހުރުމުގެ ބަދަލުގައި އޭނާ ދޫކޮށްލީ ޔުމާންއެވެ. ޔުމާންއަކީ ކައިވެންޏަށް ހުރިހާކަމެއް ނިންމާފައި އޮއްވާ އޭނާ ދޫކޮށްލި މީހާއެވެ. ކައިވެނީގެ ކާޑުތައް ބަހާ އާއިލާގެ ހުރިހާ އެންމެނަށް އަންގާ ވާންޖެހޭ ހުރިހާ ތައްޔާރީއެއްވުމަށްފަހު ޔުމާން އޭނާ ދޫކޮށްލުމުން އޭނާއަށް ކުރިމަތިވީ ވެސް ދުވަހަކު ހިތުން ފޮހެނުލެވޭ ވަރުގެ ހިތްދަތިކަމަކާ ނޫންހެއްޔެވެ.؟ ޔުމާން އުފާވެރި ހަޔާތެއް ހޭދަ ކުރަމުންދިޔައިރު އޭނާ ދިޔައީ ހިތާމައިގެ ކަނޑެއްގައި ފަތަމުންނެވެ.

ވީއިރު އިޒިއަންއާއި ޔުމާން އާދެމީހުން ކުރެ އެކަކަށްވެސް އޭނާގެ މާފު ހައްޤުވާނެހެންނެވެ؟. އަނެއްކޮޅުން އޭނާ ޔުމާންއާއެކު ހުރުމުން އިޒިއަން ދެން ކަންތައްކުރާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ.

"މާފަށް އެދޭހާ އަވަހަށް މާފު ކުރުމަކީ ވެސް ފަސޭހަކަމެއް ނޫން ޔުމާން!. އެންމެންގެ ދިރިއުޅުމަށްވެސް މިވަނީ ގިނަ ބަދަލުތަކެއް އައިސްފަ. މާޒީގައި ދިމާވި ކަންކަމުގެ ވާހަކަ އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތް. އަދި އަމްދުން ޔުމާން އަހަރެންނާ ވާހަކަ ދެއްކުމަށް އެއްވެސް އުޒުރެއް ހޯދާނެކަމެއް ނެތް. ޔުމާން ވެސް އަހަރެންގެ ހިތުގަ ޖެއްސީ. އެއަށްފަހު ޒަހްވާގެ ފަރާތުން ރައްދުވި ހިތި ބަސްތަކުންވެސް އަހަރެންގެ ހިތް އިތުރަށް ޒަޚަމްކުރުވި. އެމީހަކަށްޓަކާ ޔުމާން އަހަރެން ފަދަ ނިކަމެއްޗަކު ދޫކޮށްލި ޒަހްވާއާއެކު ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ ބަލާ. ޔުމާންގެ އެ ހުރި ކުޑަދަރިފުޅަށް ޓަކާ ވެސް. ރަނގަޅު ތަރުބިއްޔަތެއް އެ ދަރިފުޅަށް ދީ. ކުރިން ޔުމާން ނުވި ހަމްދަރުދީއެއް މިހާރު ވަކި އަހަރެންނާ ދޭތެރޭ ތި ވަނީ ކީއްވެ؟ މި ހަމަ ކުރީގެ ވެސް އަނާލްއޭ. އެއްވެސް ކަމެއް ތަފާތެއް ނުވޭ. އޭރުވެސް އަހަރެން ހިނގުމުން މަހުރޫމްވީމަ ޔުމާން އަހަރެން ދޫކޮށްލީ. މިއަދު ވަކި ތި މޫނުމަތިން ތަފާތު އަސަރުތަކެއް ފެންނަން ޖެހެނީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގެ!" އަނާލް ބުނެލިއެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އަނާލް ގޮނޑި ދުއްވާލީ އަދި އެއްފަހަރު ޔުމާންގެ ވާހަކަ އަޑުއަހަން އޭނާ އެދިއެދި ހުއްޓައެވެ. އަނާލް ގޮސް ލޯމަތިން ގެއްލެން ދެން ޔުމާން ބަލަންހުއްޓެވެ.

ދައުސްގެ ކްލާސް ނިންމާލުމަށްފަހު ޔުމާން ދައުސްއާ އެކު ހޮސްޕިޓަލަށް ވަދެލަން މިސްރާބުޖެހީ އެކުވެރިއަކު ބާއްވާފައި އޮތީތީ ގޮވާލުމުގެ ގަސްތުގައެވެ. ހޮސްޕިޓަލަށް ވަދެވަދެ ހުއްޓާ ކުރިމަތިން އޭނާއަށް ފެނުނު މީހެއްގެ ސަބަބުން ދެފައިގައި ކަސްތޮޅު އެޅުނެވެ. އަތުގައި ހިފައްޓާލައިގެން ހުރި ދައުސްއަށް ބަލާލުމާއެކު ޔުމާން އަނެއްކާވެސް ކުރިމަތީ ހުރި މީހާއަށް ބަލާލިއެވެ. ވާހަކަ ދައްކަން ބޭނުންވިޔަސް ތުންފަތް ހަރަކާތެއް ނުކުރިއެވެ. ނަފްސަށް ހިސާބެއްގެ ހަރުކަށިކަމެއް ވެރިވެގެން ދިޔައެވެ.

ކުރިމަތީ ހުރީ ޒަހްވާއެވެ. ޖާނުން ވަރުގަދަ ފިރިހެނަކު ޒަހްވާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރިތަންފެނި ޔުމާން ދަރިފުޅަށްބަލާލިއެވެ. ދައުސްވެސް ޔުމާންއަށް ބަލާލިއެވެ. ބައްޕަ މަޑުކޮށްގެން ހުރީތީ ޔުމާންވެސް ހުރީ މަޑުކޮށްގެންނެވެ. ޒަހްވާ ފެނުމުން އެ މޫނުމަތިން ކޮންމެވެސް ކަހަލަ ބިރުވެރި އަސަރުތަކެއް ފެނިލިއެވެ. ޔުމާންގެ ފަހަތަށް ޖެހިލާ ކުޑަކޮށް ފޮރުވެލިއިރު ޔުމާންގެ އަތަށް ވެސް ބާރުކޮށްލިއެވެ.

ދައުސްގެ އަތަށް ޔުމާން ވެސް ބާރުކޮށްލިއެވެ. ޒަހްވާއަށް ރުޅިވެރި ނަޒަރެއްދިނުމަށްފަހު ޒަހްވާ ފަސްދީ ޔުމާން ހިނގައިގަތެވެ. ދައުސް ވެސް ދިޔައީ ފަހަތަށްބަލަމުންނެވެ.

"ކާކުތަ؟ ކުރީގެ ފިރިމީހާތަ؟" ޒަހްވާގާތު ހުރި ފިރިހެންމީހާ އަހާލުމާއެކު ޒަހްވާ ފޫހިވައްތަރެއް އަނގަޔަށް ޖައްސާލަމުން ބޯ ޖަހާލިއެވެ. އެއަށްފަހު އެ ފިރިހެންމީހާގެ އަތަށްބާރުކޮށްލިއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ވައިގަދައެވެ. ވިއްސާރައެވެ. ދުވާލު އުޑުމަތި ނުހަނު ސާފުކޮށް އޮވެފައި ވިއްސާރަ އަތަށްއެޅީ ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. ކޮޓަރިތެރޭގައި އިޒިއަން އޮތްއިރު ބެލްކަނީ ދޮރުތައް ހުރީ ހުޅުވާލެވިފައެވެ. ކާރޓެއިންތައް އެއްވެސް ހުރަހެއްނެތި އޭރުވެސް ނަށަމުން ދިޔައިރު ހިސާބަކަށް ވައިގެ ބޫން އަޑުވެސް ފަޒާގައި ގުގުމާލާފައި ހުއްޓެވެ. އޭސީ ނިވާލާފައި ހުއްޓަސް ކޮޓަރީގެ މާހައުލު ފިންޏެވެ. އޮށޯވެލީ ނަފްސަށްވެރިވެފައި ހުރި ވަރިބަލިކަން ފިލުވާލާ މި އަރާމު މާހައުލުން ހަމަޖެހުން ހޯދާލާށެވެ. ހައްޓަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނޭތީއެވެ. އެހެންނަމަވެސް ސިކުނޑި އެކަމަށް ތަންނުދޭން މަސައްކަތްކުރާ ފަދައެވެ. ޔުމާންއާއި އަނާލްއާއެކު ފެނުނު މަންޒަރު ލޮލުގެ ކުރިމައްޗަށް ސިފަވާ ކޮންމެ ފަހަރަކު އާދަޔާޚިލާފް ރުޅިއެއް އާދެވެއެވެ. ދެއަތް މުށްކަވާލެވެނީ ބޭއިޙްތިޔާރުގައެވެ. ދެބުމަ ގޮސްޖަހާލެވެއެވެ. އަނާލް ވާންވާނީ އޭނާގެ ހައްގަކަށެވެ. އޭނާ އަނާލް ދުވަހަކުވެސް ދޫނުކުރާނެއެވެ. އަނާލްއަކީ އޭނާގެ ހިތުގެ އެއްބަޔެވެ. އަނާލްއަކީ އޭނާގެ ދިރިހުރުމެވެ. ދިރި އުޅުމެވެ.

ވިސްނާ ވިސްނާ އޭނާގެ ބޮލުގެ ނާރުތަކަށް ވާންވެ ރުޅިގަދަވާންފެށުމުން އެނދުން ތެދުވެ ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. އެއްވެސް ހުރަހެއްނެތި ހާމައަށް ހުރި ހަށިގަނޑުގައި ފެންތިކިތައް ބޮސްދޭންފެށުމާއެކު އިޒިއަންރެއިލިންކައިރިއަށް ޖެހިލިއެވެ. އެތައްއިރަކު ވާރޭގެ ތެރެއަށް ގެއްލިފައިހުއްޓެވެ. ސިކުނޑިއަށް އަރާމެއްލިބޭތޯއެވެ. އެހެންނަމަވެސް އެކަމުންވެސް އޭނާއަށް ލިބުނީ އިތުރުނުތަނަވަސްކަމެކެވެ. މި ހިނގަމުންދާ ހުރިހާކަމެއްވެސް ގުޅިފައިވަނީ މިފަދަ ވިއްސާރަ ރެއެއްގައ އެމީހުންނަށް ހިންގުނު ނުބައި އަމަލަކާއެވެ. ނަފްސަށް އަމާންކަން ހޯދައިދިނުމަށް ސިކުނޑި ކުރަމުންދިޔަ މަސައްކަތަށް ހަށިގަނޑުގައި އުފެދިފައ ހުރި އުދާސްތައް ތަނެއް ނުދިނެވެ. އައި ރުޅީގައި ރެއިލިންގައި އަތުގެ ހުރި ބާރުލާފައި އިޒިއަން ޖެހިއެވެ. ހަޅޭއްލަވައިގަތެވެ. އެވަރުންވެސް އޭނާއަށް ހަމަޖެހުން ލިބުނު ކަމަކަށްނުވިއެވެ. ކޮޓަރިއަށްވަދެ ބެލްކަނީގެ ދޮރު ބާރަށް ލައްޕާލިއެވެ. ޑްރެސިންޓޭބަލް ކައިރިވެފައި ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށްބަލާލިއެވެ. ތެމިފައި ހުރުމުން ބޮލުގެ އިސްތަށިތައް އެހެންޏާ ހުންނަ ވަރަށްވުރެ ދިގުކަމަށް ދައްކާއިރު ބައެއް އިސްތަށިތައް ވަނީ ނިތްކުރިމައްޗަށް ވެއްޓިފައެވެ. އެ އަޅިކުލައިގެ ދެލޮލުން ފެންނަނީ ނޭނގޭ ރިހުމެކެވެ. ޖަޒްބާތުގެ އޮއިވަރުގައި ޖެހި އެ ރީތި ދެލޮލުގެ ކުލަވަނީ އިއްސިފައެވެ. ލޮލުގައި އަޅައިގަތީ އެތަނުގައި ބާއްވާފައި އޮތް އަނާލްގެ ފޮޓޯގަނޑެވެ. ފޮޓޯގަނޑުނަމާ އެއަށް އިޒިއަން ނަޒަރު ހުއްޓާލިއެވެ. އިރުކޮޅަކު އެހެން ހުރިއިރު އަނެއްކާވެސް ދެލޯފެންކަޅިވިއެވެ.

ފޮޓޯގަނޑު އެއްލާލުމަށްފަހު ޑްރެސިންޓޭބަލް މަތީގައިހުރި ހުރިހާ އެއްޗެއްވެސް އިޒިއަން އުކާލިއެވެ. އެވަރު ނުވެގެން އެނދުގެ ސައިޑްކަބަޑްމަތީގައި ހުރި ލޭމްޕް ވެސް އެއްލާލިއެވެ. ކޮޓަރިތެރޭގައި ހުރި އެކި އެއްޗެއްސަށް ގެއްލުންދިނެވެ. އެނދުގެ ކައިރީގައި އިށިނީ ވަރުބަލިވެ އިތުރަށް ކަމެއްކުރާނެހާ ހަކަތަ ނުލިބުމުންނެވެ.

"ނޫން" އިޒިއަން ހަޅޭއްލަވައިގަތެވެ.

*****

ރަމްޔާއާއި ކައިސްއާއި ދެމީހުން ރަމްޔާގެ ކެބިންގައި ތިބިއިރު ކުޑަދޮރުތަކުގައި ހުރި ފޮތިތައް އެއްފަރާތަކަށް ކަހާލާފައިވުމުން ވާރޭގެ ތިކިތައް ލޯގަނޑުގައި ބޮސްދެމުންދާ ހިތްގައިމު ރީތި މަންޒަރު ފެނެއެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހޭއަޑުވެސް އިވެމުން ދިޔައެވެ. އޭސީ ޖައްސާފައި ހުރުމުން ކޮޓަރިތެރޭގައި އާދަޔާ ހިލާފްފިނިކަމެއް ހުއްޓެވެ. މޭޒުގެ އެއްފަރާތުގައ ބެހެއްޓިފައ ހުރި ސޯފާތަކުގައި އިށީނދެގެން ތިބިއިރު އެ ދެމީހުން އިންތިޒާރުކުރަމުން އެދަނީ އައްމާރު އަންނާނޭ އިރަކަށެވެ. މަޝްވަރާތަކުގައި ދެމީހުން ތިއްބާ އައްމާރު އައިސް ވަނުމުން ދެމީހުން ވެސް ކޮޅަށްތެދުވިއެވެ. ރަމްޔާއާއި ކައިސްއާއި ދެމީހުންނަށް ބަލާލަމުން އައްމާރުވެސް އައިސް ސޯފާގައި ޖައްސާލިއެވެ. ރަމްޔާއާއި ކައިސް ދައްކަން އުޅޭ ވާހަކައަށް އައްމާރު ސަމާލުކަން ދިނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލުމަށްފަހު ރަމްޔާ އެދުނީ ކައިސް ވާހަކަ ފެށުމަށެވެ.

"ނާލްގެ އިމްޕްރޫވްމެންޓް ހީކުރިވަރަށްވުރެ އަވަސް. ވަރަށް ބޮޑުތަން ރަނގަޅުވަމުން ދަނީ. އިތުރު ފަރުވާއަށް ނާލް ބޭރަށް ފޮނުވަން އަޅުގަނޑުމެން ދެމީހުންނަށްވެސް ފެނޭ. އެކޮޅުގައި ހުންނާނެ އަޅޫގަނޑުގެ ޕްރޮފެސަރެއްވެސް. ވާހަކަދައްކައިލިން މިއަދުވެސް. އަނާލްގެ ރިޕޯޓް ތައްބަލާފައި އެކޮޅުންވެސް ބުނަނީ ރަނގަޅުކުރެވިދާނެކަމަށް."

"އަނެއްކޮޅުން އަނާލް ހިންހަމަޖެހިފައި ހުރުންވެސް ވަރަށް މުހިންމު. މިހާރު އިޒިއަންވެސް ޖަލުން ނެރުމާއެކު އަނާލްގެ ސިކުނޑީގައި ބައިވަރުކަންތައްތައް ފުނިޖެހިފަ ހުންނާނީ. ކުރިންދުވަހުވެސް އަނާލް އަޅުގަނޑުގާތަށް އައި އެކަމާ ވާހަކަދައްކަން. އަދިވެސް އެ ހާދިސާ އަނާލްއަށް ކޮންމެވެސް ވަރަކަށް އުނދަގޫކުރޭ. އެހެންވީމަ ކުޑަދުވަސްކޮޅަކަށް ވިޔަސް މި މާހައުލާ ދުރަށް އަނާލް ގެންދިޔުމަށް އަޅުގަނޑަށްވެސް ފެނޭ. އެއީ އަނާލްއަށް އަނެއްކާވެސް ގޯސް އަސަރުތަކެއް ކުރަމުން ދާކަން ފާހަގަކުރެވޭ." ރަމްޔާވެސް ކައިސް ވާހަކަ ދައްކާ ނިމުމާއެކު ވާހަކަދެއްކިއެވެ.

އެ ދެމީހުންގެ ވާހަކައާވެސް އައްމާރުއަށް އެއްބަސްވެވުނެވެ. އޭނާވެސް ބޭނުންވީ ކައިސްމެން އެދުނު ގޮތަށް ކަންތައްކުރާށެވެ.

"އެހެންވީމަ ތިގޮތަށްކަންތައްތައް ކުރިއަށް ގެންދަން ނިންމަމާ. އިތުރުއެއްވެސްކަމަކާ ހާސްވާނެކަމެއްނެތް! ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރަށް ކުރިއަށް ގެންދާނަން އިންޝާ ﷲ. ވީހާވެސް އަވަހަކަށް ހުރިހާކަމެއް ހަމަޖައްސަދޭނަން. އަދި އަނާލްއާއި އާއިލާގެ އެންމެނާވެސް ވާހަކަ ދައްކާނަން" އައްމާރު ބުނެލިއެވެ. އެއާއެކު ކައިސްއާއި ރަމްޔާ ހިނިތުންވެލާ ބޯޖަހާލިއެވެ. އައްމާރުތެދުވުމުން ދެމީހުންގެ ތެދުވެ އައްމާރުއާ ސަލާމް ކޮށްލިއެވެ. އައްމާރުދަމުން ވެސް ދިޔައީ ދެންމެ ކައިސް މެން ބުނި ކަންތައް ކުރަން އޭނާ ތައްޔާރަށް ހުރިކަމަށްބުނެއެވެ.

ރޭގަނޑު ވެހެންފެށި ވާރޭ ފަތިސް ވީއިރު ހުއްޓާލައިފިއެވެ. ފޯންގެ އެލާމްގެ އަޑާއެކު އިޒިއަންއަށް ސިހިފައި ހޭލެވުނެވެ. ސައިޑްކަބަޑްމަތީގައި އޮތް ފޯނަށް ބަލާލަމުން އެލާމް ނިއްވާލިއެވެ. ކަންނެތްކަން ހަށިގަނޑުގައި ވިޔަސް އޭނާ ތެދެވިއެވެ. އަރާމު ނިދީގައި އޮވެފައި އެ ގަޑީގައި ތެދުވާ ހިތްވާނީވެސް ކާކުހެއްޔެވެ؟ އެނދުން ތެދުވެ ގޮސް ފާޚާނާއަށް އިޒިއަން ވަނީ ވެސް ކަންނެތްވެފައި ހުރެއެވެ. ދެލޯ އޭރުވެސް ހުރީ މެރިފައެވެ. އެހެންނަމަވެސް ނަމާދަށް ނުގޮސްނިދަން އޮންނާކަށް އިޒިއަންގެ ސިކުނޑި އެއްބަހެއް ނުވިއެވެ. ސަލާމަތްކަމާއި ނަސީބުލިބިގަތުމަށް އައުމަށްނަމާދުގައި ގޮވާލެވެއެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް ކުރާތީ އިޒިއަންއަށް އެންމެ ނަމާދެއްވެސް ނުކޮށް ހުންނަން މިހާރު އުނދަގޫވެއެވެ. ނަފްސަށް ހަމަޖެހުން ލިބެނީ ނަމާދުކޮށް ދުޢާ ކުރެވުމުންނެވެ.

(ނުނިމޭ...)

https://sun.mv/118962

comment ކޮމެންޓް