ރޯދަ މަހެއް އެހެން މަހެއް ނޯވޭ، މި ވެރިން އެލާޓްގައި!

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއް--- ފޮޓޯ/ މިޒްނާ

"އަސްލު ވަރަށް ބުރަކޮށް ރޯދަމަހު ވެސް އުޅެންޖެހެނީ. ރޭގަނޑު ޑިއުޓީ ނަގާ ދުވަސް ދުވަހު ޑިއުޓީ ނިންމާފައި ގެއަށް އައިސް ކުދިންގެ ކަންތައްތައް ބަލަމުން ރޯދަ ވީއްލަން ތަކެއްތި ތައްޔާރުކުރަމުން. އެދުވަހު އަނެއްހެން އުޅެންޖެހޭނީ ހަމަ ނިދި ނުލިބި،" އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ އައިމިނަތު މިޒްނާ އޭނާގެ ރޯދަ މަސް ސިފަކުރަނީ މިގޮތަށެވެ.

ނަރުހުން ތިބެން ޖެހެނީ، އީދެއް ހަފްތާ ބަންދެއް އަދި ސަރުކާރު ބަންދު ދުވަހެއް ނެތި، 24 ގަޑިއިރުހެން އެހެން މީހުންގެ ހިދުމަތުގަ އެވެ.

އެކަމަކު، ރޯދަ މަހަކީ ނަރުހުންނަށް އެންމެ ބުރަ އެއް މަހެވެ. ޝިފްޓް ޑިއުޓީ އަދާކުރަމުން ގޭތެރޭ ކަންތައްތައް ބަލަމުން ދަރިންގެ ކަންތައްތައް ކުރަމުން ހަޔާތުގެ ކަންކަން ތަރުތީބު ކޮށްލެވެނީ ހަމަ ކިރިޔަ ކިރިޔާ އެވެ. ގިނަ ފަހަރު ކިތަންމެ ކަމެއް އަތުން ދޫވެގެން ވެސް ދެ އެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ގައިނޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތްކުރަމުން އަންނަ މިޒްނާ ބުނީ، އެހެނިހެން މަސް މަހު ތިން ޝިފްޓަކަށް ބަހާލައިގެން މަސައްކަތްކުރާއިރު ރޯދަ މަހު މަސައްކަތް ކުރަން ޖެހެނީ ހަތަރު ޝިފްޓަށް ކަމަށެވެ. ހަތަރު ޝިފްޓަށް ބަހާލުމުން އެކުގައި މަސައްކަތްކުރާ މުވައްޒަފުން މަދުވެ އެވެ. ނަރުހަކު އެދުވަހު ސަލާމް ބުނެފި ނަމަ އިތުރު ގަޑިއަށް ވެސް ނުކުންނަން ޖެހޭނެ އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއް--- ފޮޓޯ/ މިޒްނާ

"ކޮންމެ ދުވަހަކުހެން އެބަޖެހޭ 10 ޕޭޝަންޓް އަދި ބޭބީ ބަލަން. އެ މީހުންގެ ކަންތައްތައް ނިންމަމުން އެމީހުންނަށް ބޭސްދެމުން ސާފުކުރަމުން. އަނެއްކޮޅުން ގިނަ މީހުންނަށް ބޭސްވެސް ދޭންޖެހިފައި އިންނަ ގަޑިއަކީ އިރުއޮއްސި ހައެއްޖަހާއިރު،" މިޒްނާ ބުންޏެވެ. އެހެން ކަމުން ރޯދަ ވީއްލަން ވެސް ޖެހެނީ ހޮސްޕިޓަލްގަ އެވެ.

ބަންގި ގޮވާއިރު ވެސް ބަލި މީހުންނަށް ބޭސްދީ ވެސް ގިނަ ފަހަރަށް ނިންމައި ނުލެވެ އެވެ.

"ނަރުހުން އެބަޖެހޭ ޕޭޝަންޓު ބޭސް ކަންދެން މަޑުކުރަން. އެއް ޕޭޝަންޓެއް ކައިރީ މަޑުކުރަންޖެހިދާނެ 15 މިނެޓަށްވެސް. އެކަމަކު އަހަރުމެންނަކަށް މިއީ މައްސަލައެއް ނޫން،" މިޒްނާ ބުންޏެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި ނަރުހެއްގެ ވަޒީފާޔާ އޭނާ ހަވާލުވީ ގައުމަށް ހިދުމަތެއް ކޮށްދިނުމުގެ ޝައުގުގައި އެކަމަށް ހިތުގައި އަޒުލް ކަނޑައަޅައިގެން އެވެ. އެހެންވެ ރޯދަ މަހެކޭ އެހެން މަހެކޭ އިންސާނީ ހިދުމަތެއް ކޮށްދިނުމުގައި ތަފާތެއް ނޯންނާނެ ކަަމަށް މިޒްނާ ހުރީ ގަބޫލުކޮށްގެން އެވެ.

ބަންގި ގޮވާއިރު ބަލި މީހަކަށް ހިދުމަތްދޭން ހުރެއްޖެނަމަ އެކަން ހުއްޓާލާފައި ރޯދަ ވީއްލަންދެވޭނެ ޖާގައެއް ނޯވެ އެވެ. އެހެންވެ، މިޒްނާ ވެސް ގިނަ ފަހަރަށް ޖެހެނީ ފެންފޮދަކުން ރޯދަ ވީއްލައިގެން ބަލި މީހުންގެ ހިދުމަތުގައި ހުންނާށެވެ. އަނގަޔަށް ކާއެއްޗެއް ލެވެނީ ވެސް ހަތެއްޖަހާ ބޮޑުވެދާ ފަހުން ކަމަށް މިޒްނާ ބުންޏެވެ. އެކަމަކު އޭނާއަށް އޮތް ހިތްހަމަ ޖެހުމަކީ ބަޔަކަށް އިންސާނީ ހިދުމަތެއް ފޯރުކޮށްދެވޭތީ އެވެ.

"ރޯދަ މަސް ކަހަލަ މަހެއްގައި މިކަހަލަ ހިދުމަތެއް ކޮށްދެވޭތީ މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" މިޒްނާ ބުންޏެވެ.

ރޯދަ މަހަކަސް ނަރުހުން ތިބެން މިޖެހެނީ އެލާޓްގަ އެވެ. މިޒްނާ ބުނި ގޮތުގައި، އެއް ޕޭޝަންޓް ޑިސް-ޗާޖްކުރުމަށް ފަހު އާ ޕޭޝަންޓެއް އެޑްމިޓް ކުރުމާ ހަމަޔަށް ލިބެނީ އެންމެ 15 ވަރަކަށް މިނެޓްގެ ވަގުތުކޮޅެކެވެ. އެ ވަގުތު ކޮޅު ތެރޭގައި އެނދު ތަން ސާފުކޮށް "ތަންމަތި"އަޅައި އެހެން ޕޭޝަންޓަކަށް އެނދުނު ހުންނަން ޖެހެނީ ތައްޔާރުކޮށްފަ އެވެ.

ހުސްބަޑާ ހުރެ ނަމަވެސް، ކިތަންމެ ބުރަކޮށް މަސައްކަތް ކުރަންޖެހުނަސް ނަރުހުން އެ ހިދުމަތް ކުރުން ނޫން ގޮތެއް ނޯންނާނެ އެވެ. ރޯދަ މަހަކަސް މީހުން ބަލިވެ ހޮސްޕިޓަލަށް އާދެ އެވެ. އެ އާދައަށް ބަދަލެއް ނާދެ އެވެ. އެހެން ވީމާ ނަރުހުން ޖެހޭނީ ރޯދަ މަހަކަސް އެލާޓްގައި ތިބޭށެވެ.

"ވިހައިގެން އައި ޕޭޝަންޓެއް. ކުއްލިއަކަށް ދަންވަރު ގަޑީގައި ވަރަށް ގަދައަށް ބްލީޑްވާން ފެށީ. އެއީ އެމަޖެންސީއެއްދޯ. ދެން އޭނަ އަށް އަވަސް ފަރުވާ ދިނުމުގައި އުޅުނީ ހާރުދަމާ ޖެހެންދެން އުޅުނީ. އެރޭ ނުވި ހާރުކާކަށް އެއްވެސް ވަގުތެއް. ފެންފޮދެއްހާ ހިސާބުވެސް ނުބޮވުނު. އެއްވެސް އެއްޗެއް ނުކައި ނުބޮއެ އެދުވަހު ރޯދައަށް ހުރީ،" މިޒްނާ އޭނާގެ ތަޖުރިބާއެއް ހިއްސާކުރި އެވެ. ހިތައް އެރި އެވެ. މި މީހުން ހާދަވާހާ ހިތްވަރުގަދަ އެވެ.

މިޒްނާ ބުނާ ގޮތުގައި ނަރުހުންގެ ވަޒީފާޔާ ކުރިމަތިލާން ވާނީ ވެސް ބިޒީވާނެކަން ވިސްނައިގެން އެވެ. ރޯދަ މަހު އަންނަ ބަދަލާ އެކު އެ ބިޒީކަން އެތައް ގުނައެއް ނަރުހުންނަށް މާބޮޑުވެގެންދެ އެވެ.

އެހެން މަސްތަކެކޭ ތަފާތެއް ނެތި، ރޯދަ މަހު ވެސް ބަލި މީހުންގެ އުންމީދަކީ ނަރުހުންނެވެ. އެ މީހުން ބަރޯސާވަނީ ނަރުހުންގެ އޯގާތެރި ހިދުމަތަށެވެ. މިޒްނާ އެންމެ އުފާވެފައި ހުރީ އޭނާގެ ހިދުމަތް، ޕޭޝަންޓުން ޝުކުރާ އެކު ބަލައިގަންނާތީ އެވެ.

"ބިޒީ ޝެޑިއުލްއެއް ނަމަވެސް އެންމެ ކުރާ ހިތްވާ ކަންތައް މިއީ. މިފަހަރު ލިބުނު ލޯކަލް ނާސް އޮފް ދަ އިޔާ އެވޯޑްވެސް. މިއީ މުޖުތަމައުއަށް ދެވޭ ހިދުމަތެއް. ނުހަނު ލޯބިން އަދާކުރާ ވަޒީފާއެއް. މިއީ އަބަދުވެސް ދެކުނު ހުވަފެނަކީ. ވަރަށް އުފާވޭ ޕޭޝަންޓުން ކުރާ މަސައްކަތް ބަލައިގަންނާތީ،" މިޒްނާ ބުންޏެވެ.

ގޭތެރެ ކިތަންމެ ބިޒީ ނަމަވެސް، ރޯދަ މަހުވެސް ނަރުހުން ބަލިމީހުންނާ ބައްދަލު ކުރާނީ އުފަލާ އެކު އެވެ. އެ މީހުންގެ މަސައްކަތުގައި ރޯދަމަހެއް އެހެން މަހެއް ވަކި ތަފާތެއް ނެތެވެ. އަބަދު އެ ތިބެނީ އެލާޓްގައި ބަލިމީހުންގެ ހިދުމަތުގަ އެވެ. މިއީވާ ހިތްވަރުގަދަ ބައެކެވެ.

comment ކޮމެންޓް