ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލަކަށް ބަޑިން ހަމަލާދީ، ތިން މީހަކު މަރާލައިފި

ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލަކަށް އިއްޔެ ވަނީ ބަޑިން ހަމަލާދީފައި -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (މެއި 12): ޕާކިސްތާނުގެ ބަލޮޗިސްތާނުގައި ހުންނަ ލަގްޒަރީ ހޮޓަލަކަށް ހަތިޔާރު ހިފައިގެން ތިބި ހަތަރު މީހަކު ވަދެ ދިން ހަމަލާތަކުގައި ތިން މީހަކު މަރާލައިފި އެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި އެހަމަލާ ދީފައި ވަނީ ގުވާދަރުގައި ހުންނަ ފަސް ތަރީގެ ޒަވިރު ޕާލް ކޮންޓިނެންޓަލް ހޮޓަލަށެވެ. އަދި ހަމަލާ ދޭން ފެށުމާ އެކު ފުލުހުން ވަނީ ހޮޓެލް ވަށާލައި، ގެސްޓުން ހޮޓެލުން ނެރެފަ އެވެ. އެ ހަމަލާގައި މަރުވީ ތިން ސެކިއުރިޓީ ގާޑުންނެވެ. އަދި ފުލުހުންނާ ދެމެދު ހަމަލާ ބަދަލު ކުރުމަށް ފަހު، ހަމަލާގައި ބައިވެރިވި ހަތަރު މީހުން ވެސް ވަނީ މަރުވެފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ބަލޮޗިސްތާނުގެ ވަކިވަނެގެން އުޅޭ ލިބަރޭޝަން އާމީން ވަނީ ހަމަލާގެ ޒިންމާ ނަގައިފަ އެވެ. އަދި ހަމަލާ ދިނީ ޗައިނާ އާއި އެހެން ގައުމުތަކުގެ އިންވެސްޓަރުންނަށް އަމާޒުކޮށް ކަމަށާއި މުސްތަގުބަލުގައި ވެސް އެފަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެޖަމާއަތުން ބުނާ ގޮތުގައި ޗައިނާގެ އިންވެސްޓުމެންޓުތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށް ފައިދާއެއް ނުލިބެ އެވެ.

އިއްޔެގެ ހަމަލާ އަމާޒު ކުރި ހޮޓެލް ހުންނަނީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ)ގެ ދަށުން ތަރައްގީ ކުރަމުންދާ ގުވާދަރު ބަނދަރު ކައިރީގަ އެވެ. ސީޕީއީސީއަކީ ޕާކިސްތާނާއި ޗައިނާ ދަތުރުފަތުރުން ގުޅުވާލުމަށާއި ޕާކިސްތާނުގެ އިންފްރާސްޓުރަކްޗާ ތަރައްގީ ކުރުމަށް 2015 ވަނަ އަހަރު ދެގައުމުން ހެދި 60 ބިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

comment ކޮމެންޓް