ޑައިވަރު ޒޫނާއަށް ބައިނަލްއަގުވާމީ އެވޯޑެއް

ޒޫނާއަށް ރެހެންދި އެވޯޑް އެރުވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޓުވިޓާ

'މޫދު ބުޅާ ޑައިވް ސެންޓަރ"ގެ ފައުންޑާ ޒޫނާ ނަސީމް އަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެއެވެ.

ޒޫނާއަށް ލިިބިފައިވަނީ އިނގިރޭސިވިލާތުގެ ބޯޓް އިންޓަނޭޝަނަލް މެގަޒިން އާއި ބްލޫ މެރީން ފައުންޑޭޝަނުން ދެމުން އަންނަ އޯޝަން އެވޯޑް އެވެ. ޒޫނާއަށް އެ އެވޯޑް ލިބިފައިވަނީ ލޯކަލް ހީރޯގެ ކެޓަގަރީގެ ބައިންނެވެ.

ޒޫނާއަށް އެ އެވޯޑް ލިބުމާ ގުޅިގެން ކުރި ޓުވީޓެއްގައި ވިދާޅުވީ އެ އެވޯޑް ލިބުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަަށާއި އަދި އެވޯޑް ލިބުމުން ﷲ އަށް ޝުކުރުވެރިވާ ކަމަށެވެ.

އެއްވެސް ވަރަކަށް ދިވެހި އަންހެނުން ހަރަކާތްތެރި ނުވާ ދާއިރާއެއްގައި މުޅީން އަލަށް މަސައްކަތްކުރަން ފެށި ޒޫނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑި ކޯސް ޑައިރެކްޓާވެސް މެއެވެ.

https://sun.mv/118984

ޒޫނާގެ ހިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ވަނީ ރެހެންދި އެވޯޑްވެސް އަރުވައިފައެވެ.

އަދި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "ފަރު ކޮއި" ޕްރޮގްރާމް ވުޖޫދަށް ގެނައުމުގައިވެސް ޒޫނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސްކޫލުތަކުގެ 75 ޕަސެންޓް ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ވަނީ ދައްކާލައިފައެވެ.

comment ކޮމެންޓް