ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން "އެންމެން މޫދަށް" ނަމުގައި މޫދު ހަރަކާތްތަކެއް ހިންގަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ނިންމައިފިއެވެ.
ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން އެ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކޮންމެ ރަށެއްގައި ވެސް މޫދުގެ ހަރަކާތްތަކެއް ހިންގަން ރަށު ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި ގޮތުން، "އެންމެން މޫދަށް"ގެ ނަމުގައި ރަށްރަށުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ޖޫން މަހުގެ އަށްވަނަ ދުވަހު ކުރިއަށް ގެންދިއުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި، އެއިން ކޮންމެ މުބާރާތަކުން ވެސް ވަނަތައް ހޮވައި އިނާމު ދޭން ވަނީ ނިންމައިފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުރާއިން ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ކަނޑުފަޅާ ބެހޭ އާންމު މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުއިޒް މުބާރާތަކާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ދުވަހާ ގުޅުވައިގެން ފަންނީ ބޭފުޅުން މެދުވެރިކޮށް ސެޝަނެއް ނެގުމަށް ވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. މި ސެޝަންގައި ބައިވެރިވާ ދަރިވަރުން، މޫދަށް އަޅާ ކުނި މަދުކުރުމަށް ގަރާރެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ހިންގުމާއި މާލެ ސަރަޙައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސް ރޭހެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.
ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކަނޑު ރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. މި ފެސްޓިވަލްގައި ދުވަހާ ގުޅޭ އެކި މައުލާމާތު ދިނުމަށް ޚާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.