މޫދު ކުޅިވަރުގެ ދާއިރާއަކީ މިއަދު އަހަރެމެންގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ގިނަ ޒުވާނުންތަކެއްގެ ޝައުގުވެރިކަން މި ދާއިރާއަށް ލިބެމުުން އަންނައިރު، މިއީ ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދައިދެމުން އަންނަ ކާމިޔާބު ދާއިރާއެއްވެސް މެއެވެ.
މޫދު މަދިރި، މިއީ މި ރަމަޟާން މަހު 'ސަން' އިން މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ގެނެސްދޭ ސެގްމަންޓެކެވެ. ތަފާތު އެކިއެކި މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތައް ހަފްތާއަކު އެއްފަހަރު ފީޗާރ ކުރެވިގެން ދާއިރު، މަގްސަދަކީ މި ދާއިރާއަށް ވީހާވެސް ގިނަ ފަރާތްތަކެއް ހޭލުންތެރިކޮށް މޫދު ކުޅިވަރުތައް ކުޅޭ ޒުވާނުންނަށް ތަރުހީބުދީ ވީހާވެސް ގިނަބަޔަކު މިދާއިރާއަށް ނެރުމަށް ހިތްވަރުދިނުމެވެ.
'މޫދު މަދިރި' ގެ ފުރަތަމަ މެހެމާނަކީ 'މޫދު ބުޅާ ޑައިވް ސެންޓާ"ގެ ފައުންޑާ އަދި އޯނަރު ކަމުގައިވާ ޒޫނާ ނަސީމް އެވެ. އޭނާކުރި ފުރަތަމަ ޑައިވްއާއި އެކު ޑައިވިންއަށް ލޯބި ޖެހުނު އިރު، މިއަދު އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ޕަޑި ކޯސް ޑައިރެކްޓާވެސް މެއެވެ.
އެއްވެސް ވަރަކަށް ދިވެހި އަންހެނުން ހަރަކާތްތެރި ނުވާ ދާއިރާއެއްގައި މުޅީން އަލަށް މަސައްކަތްކުރަން ފަށައި މިއަދު އެ މަސައްކަތް ބޮޑު ވިޔަފާރިއަކަށްވެ ކާމިޔާބު ކަމާއި އެކީ މެދުނުކެނޑި މި ދާއިރާގައި ދެމިހުރުމުގެ ފަހަތުގައިވަނީ ކޮން ކަމެއް ބާވައެވެ؟ މޫދުގައި އެހާގިނަ ވަގުތު ހޭދަކުރަމުން އާންމު ދިރިއުޅުން އޭނާ މެނޭޖް ކުރަނީ ކިހިނެއްބާވައެވެ؟ މިއީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ބާވައެވެ؟
މި ހުރިހާ ސުވާލުތަކެއްގެ ޖަވާބާއި އަދި އިތުރު އެތައް ވާހަކައެއް ޒޫނާ މިވަނީ ކިޔާދީފައެވެ. ލަސްނުކޮށް ވީޑިއޯ ބަލާލާށެވެ. ޔަގީނުންވެސް ޑައިވިންއާ ދޭތެރޭ ދެކޭގޮތް ބަދަލު ކޮށްލާނެ އެވެ.