މޯދީއާ ދެކޮޅަށް ކޮންގްރެސްއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފި

އިންޑިއާގެ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވޯޓު ދެއްވާފައި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މެއި 9): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ އާއްމު އިންތިހާބުގައި އަމަލު ކުރަން ޖެހޭ ގޮތުގެ ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ބުނެ ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މިދިޔަ މަހުގެ 11ގައި އިންޑިއާގެ އާއްމު އިންތިހާބު ފެށުނު ފަހުން ކޮންގްރެސް ޕާޓީން ވަނީ ބޮޑުވަޒީރު މޯދީ އާއި ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ރައީސް އަމިތު ޝާހާ ދެކޮޅަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނަށް 11 ޝަކުވާ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ އަވަހާރަވީ އިރު އޭނާއަކީ "ގައުމުގެ އެންމެ ކޮރަޕްޓު މީހާ" ކަމަށް ވިދާޅުވެ މޯދީ ދެއްކެވި ވާހަކައިގެ ޝަކުވާ ވެސް ހިމެނެ އެވެ.

ނަމަވެސް އޭގެ ތެރެއިން އެއްވެސް ޝަކުވާއަކާ ގުޅިގެން އީސީން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ކޮންގްރެސްއިން ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

އެ މައްސަލަ ހުށަހެޅި ފަހުން އީސީން ވަނީ މޯދީ އާއި އަމިތު ޝާހާ ދެކޮޅަށް ހުށަހެޅި ޝަކުވާތައް ބަލައި، އެދެ ބޭފުޅުން ސުލޫކީ މިންގަނޑާ ހިލާފުވި ކަމުގެ ހެކި ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ އެޝަކުވާތަކާ ބެހޭ ގޮތުން އީސީން ގޮތެއް ނިންމާފައި ވުމުން، އެމައްސަލަ ބެލުމުގެ ބޭނުމެއް ދެން ނެތް ކަމަށެވެ.

ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންޑިއާގެ އާއްމު އިންތިހާބު ނިމޭނީ މިމަހުގެ 19ގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ 23ގަ އެވެ.

comment ކޮމެންޓް