ޗައިނާއިން 31 މިސްކިތެއް ސުންނާފަތިކުރި ކަމުގެ ތުހުމަތު

ޗައިނާގެ ޝިންޖިއަންގްގައި ހުންނަ މިސްކިތެއް ކުރިމަތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އޭޕީ

ބެއިޖިން (މެއި 8): ޗައިނާގެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ޝިންޖިއަންގްގެ 31 މިސްކިތާއި ދެ ޒިޔާރަތް ފާއިތުވި ތިން އަހަރު ތެރޭ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.

ގާޑިއަން ނޫހާއި އިންވެސްޓިގޭޓިވް ވެބްސައިޓް، ބެލިންކެޓުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެތަހުގީގު ކުރިއަށް ގެންދިޔައީ ސެޓެލައިޓު ފޮޓޯތަކަށް ބިނާކޮށެވެ. އެރިޕޯޓުގައިވާ ގޮތުން ޝިންޖިއަންގްގެ 15 މިސްކިތާއި ދެ ޒިޔާރަތް ވަނީ އެއްކޮށް ބިމާހަމަކޮށްފަ އެވެ. އަދި އިތުރު 16 މިސްކިތަކަށް ގެއްލުންދީ، އެއިމާރާތްތަކުގެ މުންނާރާއި ގުއްބުތައް ވަނީ ހަލާކުކޮށްފަ އެވެ.

ޗައިނާގެ ޝިންޖިއަންގައި 12 މިލިއަން އުއިގާ މުސްލިމުން ދިރިއުޅެ އެވެ. އަދި ޗައިނާއިން އެމީހުން ހައްޔަރު ކުރުމަށް ގައިދުހާނާތައް ހަދައި، އެމީހުންނަށް އަނިޔާކޮށް، ވަކި ބަޔަކާ ކައިވެނި ކުރަން މަޖުބޫރުކޮށް، އެމީހުންނަށް ދަރިން ނުލިބޭ ގޮތް ހަދަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ނޫސްވެރިޔާ ސީޖޭ ވާލްމަން ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި އިސްލާމް ދީނަށް އަމަލު ކުރުމަކީ ޗައިނާގެ ބައެއް ސަރަހައްދުތަކުގައި މަނާ ކަމެކެވެ. އަދި އެސަރަހައްދުތަކުގައި ނަމާދުކޮށް، ރޯދަ ހިފާ، ތުނބުޅި ދިގުކުރާ އަދި ބުރުގާ އަޅާ މީހުން ހައްޔަރު ކުރެ އެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނާ ގޮތުގައި ޝިންޖިއަންގްގައި ދިރިއުޅޭ 12 އަހަރުން މަތީގެ އެންމެންގެ "ޑީއެންއޭ ސާމްޕަލްތަކާއި، ފިންގާޕްރިންޓާއި، ލޮލުގެ ސްކޭނާއި ލޭގެ ގުރޫޕު" ޗައިނާ ސަރުކާރުން ވަނީ ހޯދާ، ޑޭޓާބޭސްއަކަށް އަޅާފަ އެވެ.

comment ކޮމެންޓް