އުރީދޫ ބަދިގެ: ކެޔޮ ކަނދި

އުރީދޫ ބަދިގޭގައި މިއަދު މި ތައްޔާރު ކޮށްލަނީ ކެޔޮ ކަނދިއެވެ. ޝައުފާ ހުސެއިންގެ މި ރެސިޕީއަކީވެސް ދިވެހި ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ގައިމުވެސް ވަރަށް މީރުވާނެ އެއްޗަކަށްވާނެ އެވެ.

ރޯދަ ވީއްލާ ވަގުތާއި އަދި ތަރާވީސް ގަޑިއަށްވެސް ކަމުދާނެ ކެޔޮ ކަނދި ތައްޔާރުކޮށްލުމަކީ މާ އުނދަގޫ ކަމަކަށްވެސް ނުވާނެއެވެ.

ސަބަބަކީ ބޭނުންވާ ހުރިހާ ތަކެއްޗަކީ އަހަރެމެންގެ ބަދިގެތަކުގައި އަބަދުވެސް ހުންނަ އަދި ފަސޭހައިން އަގުހެޔޮކޮށް ލިބެން ހުންނަ ތަކެއްޗެވެ.

ބޭނުންވާ ތަކެތި

  • 2 ކެޔޮ (ތުނިކޮށް ކޮށާލާފައި)
  • 1 ޖޯޑު ހަކުރު
  • 1/2 ޖޯޑު މާފެން
  • 1/2 ޖޯޑު ހަނޑޫ ފުށް
  • 4 އިންޗި ރާނބާ ފަތް (ރަހަ މީރުކުރަން ބޭނުންނަމަ އިތުރު ކުރެވިދާނެ)
  • 3 ޖޯޑު ފެން
  • 1 ޖޯޑު ކާށި ކިރު ކްރީމް

ތައްޔާރު ކުރާނެގޮތް

ކުޑަ ތެއްޔެއްގައި ފެން ހޫނުކުރަން އުދާށެވެ. އަދި އޭގެ ތެރެއަށް ރާނބާފަތް އަޅާލާށެވެ. އެއަށްފަހު ތުނިތުނިކޮށް ކޮށާފައި ހުރި ކެޔޮތައްވެސް އަޅާލާށެވެ. ކެޔޮތައް ކައްކާނީ މަޑުވެ، އެއްކޮށް ކުލަ ދާ ވަރަށެވެ. އެއަށްވުރެ ގިނައިރު ނުކެއްކުމަށް ސަމާލުކަންދޭން ވާނެއެވެ. އެއަށްފަހު ހަކުރު އަޅާ މަޑު ގިނީގައި އޮލަ ވަންދެން ކައްކާލާށެވެ. އެއާއިއެކު މާފެން ފޮދާއި ކާށި ކިރު ކްރީމްކޮޅު އެޅުމަށްފަހު 1 މިނިޓްވަރު ކައްކާލާށެވެ. އެއަށްފަހު އުނދުން ނިއްވާލާ 4 ގަޑިއިރުވަންދެން ފިނިކޮށްލުމަށްފަހު ސާވްކޮށްލާށެވެ. ހޫނުކޮށް ކެއުމަށްވެސް މިއީ ހަމަ ވަރަށް މީރު އެއްޗެކެވެ.

* ހަނޑޫ ފުށް ހެދުމަށްޓަކައި 1 ޖޯޑު ބާސްމަތީ ހަނޑޫ ދޮވެ، އެއްރޭވަންދެން ފެނުގައި ބަހައްޓާށެވެ. އެއަށްފަހު މިކްސަރަކުން ކުޑަ ފެންފޮދަކާއި އެކު ހަނޑޫ ގްރައިންޑްކޮށްލާށެވެ. ނިމޭއިރު ހުންނަންވާނީ ވަރަށް އޮމާން ޕޭސްޓްގަނޑެއް ހެންނެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު

comment ކޮމެންޓް