"އިމްލީ"އަށް ކަންގަނާގެ ބަދަލުގައި ދީޕިކާ؟

ޑައިރެކްޓަރު އަނޫރާގް ބާސޫގެ ކުރިއަށް އޮތް ފިލްމު 'އިމްލީ'ގެ ލީޑު ރޯލަށް ބަތަލާ ދީޕިކާ ޕަދުކޯން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

'އިމްލީ' ފުރަތަމަ ހުށަހެޅީ ބަތަލާ ކަންގަނާ ރަނައުތު އަށެވެ. އަދި ކަންގަނާ ވަނީ ފިލްމަށް އެއްބަސް ވެފަ އެވެ. ނަމަވެސް ފަހުން ފިލްމަށް ވަގުތު ދެވެން ނެތުމުން އޭނާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

އެހެންކަމުން އަނޫރާގް މިހާރު ވަނީ އެ ރޯލު ދީޕިކާއަށް ހުށަހަޅައިފަ އެވެ. މިވަގުތު ފިލްމު 'ޗަޕާކް'ގެ ޝޫޓިންގައި ބުރަކޮށް އުޅެމުން އައި ނަމަވެސް ދީޕިކާ އާއި އަނޫރާގް ފިލްމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދީޕިކާ ފިލްމަށް އެއްބަސް ވެއްޖެ ނަމަ، 'އިމްލީ' ވެގެންދާނީ އަނޫރާގް އާއެކު ދީޕިކާ މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.

'އިމްލީ' އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ތަފާތު ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމާ ގުޅޭ މާގިނަ ތަފްސީލުތަކެއް އަދި ހާމަކޮށްފައި ނުވާއިރު، ފިލްމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް