އެކްސިޑެންޓް ހިނގީ ޑްރައިވަރުންގެ މަސައްކަތު ވަގުތު ދިގުވެގެނެއް ނޫން: އެމްޓީސީސީ

ހުޅުމާލޭގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު---

ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ ކަމަށާއި ޑްރައިވަރުން ބަސް ދުއްވަންޖެހޭނީ ގިނަ ވެގެން ހަތަރު ގަޑިއިރު ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޔޫކްރެއިންގެ ފަތުރުވެރިއަކު މަރުވީ އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހުނު ވަގުތު، މަގުމަތިން ހިނގާފައި ދިޔަ ޓޫރިސްޓެއްގެ ގައި މައްޗަށް ބަސް އަރައިގެން އެވެ.

އެ އެކްސިޑެންޓާ ގުޅިގެން "ސަން" އިން ސުވާލުކުުރުުން އެމްޓީސީ ސީއީއޯ ޝާހު ވިދާޅުވީ މިއަދު ބަސް ދުއްވި ޑްރައިވަރަކީ އެމްޓީސީސީގައި މަސައްކަތްކުރާތާ ދެ އަހަރުވެފައިވާ ތަޖުރިބާކާރު ޑްރައިވަރެއް ކަމަށެވެ. އަދި އެ މުވައްޒަފަކީ އަހުލާގު ވެސް ރަނގަޅު މުވައްޒަފެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޑްރައިވަރުން އަށް ގަޑިއިރު ޑިއުޓީ ނަގާނެ. އޭގެ ތެރެއިން ދުއްވަން ޖެހޭނީ ހަތަރު ގަޑިއިރު. އަނެއް ހަތަރު ގަޑިއިރަކީ ސްޓޭންޑްބައި. މިހާރުވެސް މުވައްޒަފުންނަށް ބްރީފިން އެއް ދީފައި މަސައްކަތަށް މި ނެރެނީ ވެސް. ރަނގަޅުކުރަން އިތުރު ފިޔަވަޅުތަކެއް އަޅާނަން،" ޝާހު ވިދާޅުވި އެވެ.

މިއަދު ހެނދުނު 6:15 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ ފިތުރޯން މަގުގައި ހުންނަ އެފްއެސްއެމް ފިއުލް ސަޕްލައި ޝެޑް ކައިރީގަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި އިރު ބަހުގައި ދެތިން މީހަކު ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

comment ކޮމެންޓް