"ގަދަރް"ގެ ސީކުއެލްއެއް ހަދަނީ

މީގެ 18 އަހަރު ކުރިން ރިލީޒްކުރި ސަނީ ޑިއޯލްގެ ބްލޮކްބަސްޓާ ފިލްމު "ގަދަރް: އެކް ޕްރެމް ކަތާ"ގެ ދެވަނަ ބައެއް ހަދަން ނިންމައިފިއެވެ.

އަނިލް ޝަރްމާ ޑައިރެކްޓު ކުރި އެ ފިލްމަކީ ބޮކްސްް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ފިލްމެކެވެ. އެ ފިލްމަށް ވަނީ 256 ކުރޯރުގެ އާމްދަނީއެއް ލިބިފައެވެ.

ފިލްމުގައި ފެނިގެން ދަނީ ޕާޓިޝަނަށްފަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އުފާވެރި އާއިލާއަކަށް ދިމާވާ ގޮންޖެހުންތަކެވެ. ފިލްމުގައި ސަނީއާއެކު ފެނިގެން ދިޔައީ އަމީޝާ ޕަޓޭލްއެވެ.

"ގަދަރް"ގެ ސީކުއެލްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާއިރު، ފިލްމުގެ ވާހަކަ ފެށިގެން އަންނާނީ "ގަދަރް" ނިމުނު ހިސާބުންނެވެ. ފިލްމުގައި ފެނިގެންދާނީވެސް ހަމަ އެއް ކާސްޓެކެވެ. ފިލްމުގެ ވާހަކަވެސް ބިނާކޮށްފައި ވަނީ އިންޑިއާ-ޕާކިސްތާނު ހަމަނުޖެހުމުގެ މައްޗަށެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި، ނަމަވެސް މިހާރު ސަނީއާއެކު ފިލްމުގެ މަޝްވަރާތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.

"ގަދަރް"ގެ އިތުރުން 2009 ވަނަ އަހަރު ރިލީޒްކުރި ސަނީ އަދި އަނިލްގެ ކާމިޔާބު ފިލްމު "އަޕްނޭ"ގެ ދެވަނަ ބައެއްގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ ސަނީއާއި ބޮބީ ޑިއޯލް އަދި އެ ދެމީހުންގެ ބައްޕަ ދަރްމެންދުރާއެވެ.

comment ކޮމެންޓް