ސީ ސްޕޯޓްސް ރާޅު ސީސަން އޯޕެނިންގްގެ ޗެމްޕިއަންކަން އިބޫ އާއި ޖާއްޓެ އަށް

ސީ ސްޕޯރޓްސް ރާޅު ސީސަން އޯޕަނިންގް 2019 ގެ ތެރެއިން --- ސަން ފޮޓޯ

މޯލްޑިވް ސާފިން އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވި "ސީ ސްޕޯރޓްސް ރާޅު ސީސަން އޯޕަނިންގް 2019" ރާޅާ އެޅުމުގެ މުބާރާތުގެ ޝޯޓްބޯޑް ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) އަދި ބޮޑީބޯޑް ޗެމްޕިއަންކަން އަލީ ޖާވީދު (ޖާއްޓެ) ހޯދައިފި އެވެ.

މި މަހުގެ އެއްވަނަ ދުވަހު ފެށި މި މުބާރާތަކީ ކުރިން ވަރަށް ފޯރިއާ އެކު މާލޭގައި ބާއްވަމުން އައި ރާޅާ އެޅުމުގެ މުބާރާތް އަހަރުތަކަކަށް މެދު ކެނޑުމަކަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ. މާލޭ ލޮނު ޒިޔާރަތް ކޮޅުގައި އޮންނަ ރާޅުގަނޑު އެ ސަރަހައްދުގައި ބުރިޖު އެޅުމަށް ބަންދު ކުރުމުން އެ ހިސާބުގައި ބާއްވަމުން އައި މުބާރާތްތައް ހުއްޓުމަކަށް އައި ނަމަވެސް މިއަހަރުގެ މުބާރާތައް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އެގޮތުން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމަލް 44 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ޖުމްލަ 23 ރާޅާ އެޅުންތެރިން ބައިވެރިވި މިއަހަރުގެ ޝޯޓްބޯޑް ކެޓަގަރީގެ ދެ ވަނަ އަހުމަދު އަގީލް (އަންމަޑޭ) ހޯދި އިރު ތިން ވަނަ އަކީ އިސްމާއިލް ރަޝީދު (ސްމައިލޭ) އެވެ.

ބޮޑީބޯޑިން ކެޓަގަރީގެ ދެ ވަނަ ހޯދީ އަސްވާން މުހައްމަދެވެ. ތިން ވަނަ ހޯދީ އަހުމަދު ނަޒްމީން އެވެ. މި ބައިގައި 21 ރާޅާއެޅުންތެރިން ބައިވެރިވި އެވެ.

ވަރުނުލާ ރާޅުގަނޑުގައި ކުރިޔައްދާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސީ ސްޕޯރޓްސް އެވެ. ކޯ ސްޕޮންސަރަކީ ލިޒީ އެވެ. އަދި ޕާޓްނާ ސްޕޮންސަރުންނަކީ ސީ ގިއާ އަދި ދިރާގެވެ.

https://sun.mv/118756

ގިނަ އަދަދެއްގެ ރާޅާއެޅުންތެރިން ބައިވެރިވި މި މުބާރާތުގައި މާލޭގެ އިތުރުން އެކި އަތޮޅުތަކުގެ ޒުވާން އެތްލީޓުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މުބާރާތުގައި އެންމެ ގިނައިން ބައިވެރިވެފައި ވަނީ ލާމު އަތޮޅާއި ފުވައްމުލަކުގެ އެތުލީޓުންނެވެ.

comment ކޮމެންޓް