ފަސް އަހަރަށް ފަހު ރާޅުގަނޑަށް އީދެއް!

މިއަދު މާލެ އިރުމަތީ ވަރުނުލާ ރާޅުގަނޑުގައި ފެށި ރާޅާ އެޅުމުގެ މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ

އަލީގެ އެންމެ އުފާވެރި ހަނދާންތައް ގުޅިފައި އޮތީ މާލޭގެ ވަރުނުލާ ރާޅުގަނޑުގެ ބިޔަ ރާޅުތަކާ އެވެ. އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އާދައަކީ، ކަނދުގަނޑެއް ނަމަވެސް ހިފައިގެން މާލޭ އިރުމަތީ ފަރާތު ވަރުނުލާ ރާޅުގަނޑަށް އެރި ރާޅާ އަޅާލުމެވެ. އެކަމަކު މީގެ ފަސް ވަރަކަށް އަހަރު ކުރިން ބްރިޖް އެޅުމަށް އެ ސަރަހައްދު ބަންދު ކުރުމާ އެކު އެ ހަނދާންތައް އޭނާ ޖެހުނީ މާޒީއަށް ދޫކޮށްލާށެވެ.

އެކަމަކު އެކުވެރިންނާ އެކު މޫދަށް ގޮސް މަޖާކޮށް އުޅުނު އެ ހަނދާންތަކާ އަލީއަކަށް މުޅިން ދުރަކަށް ނުދެވުނެވެ. ދުވަސްތައް ދިގުވަމުން ގޮސް، އަހަރުތަކަށް ބަދަލުވީ އިރު ވެސް އެ ސަރަހައްދަށް އޮތީ މޫދަށް އެރުން މުޅިން މަނާވެފަ އެވެ. އެކަމަކު އެ ދިގު އިންތިޒާރަށް ނިމުން އައީ، މިދިޔަ އަހަރުގެ ފަހުކޮޅު ރާޅުގަނޑު ސަރަހައްދު އަލުން ހުޅުވާލުމުން އެވެ. އޭނާ އަނެއްކާ ވެސް އެނބުރި ރާޅުގަނޑަށް އައިސް އެ ހުރީ ރަހުމަތްތެރިންނާ އެކު އުފަލުން އެވެ. ކަނދު ހިފައިގެން ނުކުމެ އޭނާ ރާޅުތަކުގެ ތެރެއިން ދެމިގަނެގެން އެ ދަނީ މިނިވަންކަމާ އެކު އެވެ.

މިއަދު މާލެ އިރުމަތީ ވަރުނުލާ ރާޅުގަނޑުގައި ފެށި ރާޅާ އެޅުމުގެ މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ

މިއަދު އަލީ އާއި އޭނާގެ އެކުވެރިންނަށް އުފަލުގެ ކޮޅެއް ވެސް ނެތެވެ. ފަސް އަހަރުދުވަހަށް ފަހު އަނެއްކާވެސް ވަރުނުލާ ރާޅުގަނޑުގައި ރާޅާ އެޅުމުގެ މުބާރާތެއް މިއަދު ވަނީ ފަށައިފަ އެވެ. މިއީ ރާޅާ އެޅުންތެރިންނަށް އެ މީހުންގެ ބޮޑު އުންމީދެއް ހަގީގަތަކަށްވެ ކުލަ ޖެހުނު ދުވަހެކެވެ.

މޯލްޑިވް ސާފިން އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ "ސީ ސްޕޯރޓްސް ރާޅު ސީސަން އޯޕަނިންގް 2019" ރާޅާ އެޅުމުގެ މުބާރާތް މިއަދު ފަށާފައިވާ އިރު މި މުބާރާތަށް ބޮޑު ތަރުހީބެއް އެބަ އޮތެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރަކާ ހަމަޔަށް ކުރިއަށް ގެންދާ، މި މުބާރާތުގައި ޖުމަލަ 44 ރާޅާ އެޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ އިރު ޝޯޓްބޯޑިންގްގައި ބައިވެރިވުމަށް 23 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. އަދި ބޮޑީ ބޯޑިން ޑިވިޝަނުގައި 21 ފަރާތަކުން ވަނީ ބައިވެރި ވެފަ އެވެ.

ސާފިން އެސޯސިއޭޝަނުން ބުނާ ގޮތުގައި މިއަދު ފެށި މި މުބާރާތަކީ ރާޅާ އެޅުމުގެ ސީޒަން ފެށުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. ބޭނުމަކީ ދިވެހި ރާޅާ އެޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފެއްދުމެވެ. ރާއްޖޭގެ ރާޅާ އެޅުންތެރިންގެ ހުނަރު އިތުރަށް ފުޅާ ކުރުމަކީ ވެސް އެ މުބާރާތުގެ އަމާޒެކެވެ.

ސާފިންގް އެސޯސިއޭޝަންގެ ނައިބު ރައީސް ޝާހިދު އަމީން (ޝާޑު) "ސަން" އަށް ބުނީ، މިއީ ގިނަ ބަޔަކު ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. މިއަދު މި ފެށި މުބާރާތަކީ ފެށުމެއް ކަމަށް އޭނާ ބުންޏެވެ.

"މި މުބާރާތަކީ ސީޒަން އޯޕެނިންގް މުބާރާތް،" ޝާޑު ބުންޏެވެ. "އެއީ ރާޅާ އެޅުމަށް އެންމެ ރަނގަޅު އޮއެވަރާއި ރާޅުތައް ރީތިވީމަ މީގެ ކުރިން ވެސް ބާއްވަމުން އައި މުބާރާތެއް. ބުރިޖުގެ މަސައްކަތް ފެށުމުން އެކަން ހުއްޓުމަކަށް އައީ."

ކޮންމެ ޑިވިޝަނެއްގައި ވެސް ޖުމްލަ ހަ ބުރެއް އޮންނާނެ އެވެ. ފުރަތަމަ ބުރުގައި ހުރިހާ އެތުލީޓުން ވެސް ވާދަ ކުރާނެ އެވެ. ހީޓުތަކަކަށް ބަހާލައިގެން ފުރަތަމަ ބުރު ކުރިއަށް ގެންދާއިރު ދެވަނަ ރައުންޑަށް ދަތުރު ކުރާނީ ކޮންމެ ހީޓަކުން ވެސް އެންމެ މޮޅު ދެ ރާޅާ އެޅުންތެރިންނެވެ.

ނަމަވެސް ހީޓުން ތިންވަނަ ނުވަތަ ހަތަރުވަނައަށް ދިޔަ ކަމުގައި ވިޔަސް ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

ގިނަ އަދަދެއްގެ ރާޅާއެޅުންތެރިން ބައިވެރިވާ މި މުބާރާތުގައި މާލޭގެ އިތުރުން އެކި އަތޮޅުތަކުގެ ޒުވާން އެތްލީޓުން ވެސް ވަނީ ބައިވެރިވެފަ އެވެ. ބ އަތޮޅާއި ފުވައްމަލުކުގެ އިތުރުން ލ އަތޮޅުން ގިނަ އަދަދެއްގެ ޒުވާން އެތްލީޓުން ބައިވެރިވެފައިވާ ކަމަށް ސާފާޒް އެސޯސިއޭޝަނުން ބުންޏެވެ.

މުބާރާތް ބާއްވާ ރާޅުގަނޑު ސަރަހައްދަކީ ބްރިޖު އަޅަން ބޭނުންކުރި ބައެއް ސާމާނުގެ ސަބަބުން ވަރަށް ބޮޑަށް ތަގައްޔަރުވެފައި އޮތް ސަރަހައްދެކެވެ. ބްރިޖު އަޅަން ބޭނުންކުރި ދަގަނޑު ހޮޅިފަދަ ތަކެތި އެ ސަރަހައްދުގެ މޫދު އަޑީގައި ހުރުމުގެ ސަބަބުން ރާޅާ އެޅުންތެރިންނާއި ފުލުހުން ނިކުމެ މުބާރާތުގެ ކުރިން އެ ސަރަހައްދު ވަނީ ކޮންމެވެސް ވަރަކަށް ސާފު ކޮށްފަ އެވެ.

އެހެން ނަމަވެސް އެ ސަރަހައްދު ސާފުކުރަން އަދިވެސް ކުރަން ހުރި މަސައްކަތް ބޮޑެވެ. އެކަމަކު މި މުބާރާތާ އެކު ރާޅާ އެޅުންތެރިން އެ ދަނީ މަޖާނަގަމުން އެވެ. މިއީ އެ މީހުންނަށް އައި އަނެއްކާ ވެސް ބޮޑު އީދެކެވެ. މާޔޫސްކަމަށް ފަހު އުފަލާއި މަޖާ އެ މީހުންނާ އަނެއްކާ ވެސް ބައްދަލުކޮށްފި އެވެ.

comment ކޮމެންޓް