މިއަދަކީ (4 މެއި 2019، ހޮނިހިރު ދުވަހަކީ) 1440 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ގޮތުން ބަލާއިރު މި އަހަރުގެ ޝައުބާން މަސް ފުރިހަމަވެ، ރަމަޟާން މަހުގެ ހަނދު އުފަންވާނީ ރާއްޖޭ ގަޑިން މިރޭ ފަތިހު 3:45 ގައެވެ.
ދިވެހިރާއްޖޭގައި ރޯދަ މަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ.
ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަދު މާލެއަށް އިރުއޮއްސުމުގެ 20 މިނެޓު ކުރިން ހަނދު އޮއްސޭނެއެވެ.
މުސްލިމުންގެ ހަރަމްފުޅުތައް އެ ބިމެއްގައި ހުރި ސައުދީ އަރަބިއްޔާގައި ހަނދު ބެލުމުގައި ބޮޑަށް އިސްކަން ދެނީ ހަމަ ލޮލުން ފެނުމަށެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހަނދު ނުފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ނަމަ ހަނދު ބަލަން ދިއުމެއް ސައުދީ އަރަބިއްޔާގައި ނޯވެއެވެ.
ހަމަ ލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތު ކުރުމުގެ އުސޫލެއްވެސް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފައި ވެއެވެ. މި ގޮތުން އެ ގައުމުގައި އަމަލުކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރިން މާރަހަވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ.
ޝައުބާންމަސް ފުރިހަމަ ވެ ރަމަޟާން މަސް ފެށުމަށް ދުނިޔެއާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވާނީ (ނުވަތަ އިޤްތިރާން ވާނީ)، ރާއްޖޭގެ ނިސްބަތުގައި ބަލާއިރު މެއި ފަސްވަނަ ދުވަހުގެ ފަތިހު 3:45 ގައެވެ. މައްކާ ގަޑިން މިރޭ މެންދަމު 1:45 ގައެވެ. މާރަހަވަނީ މައްކާއަށް އިރު އޮއްސޭ ފަހުން ކަމަށް ވާތީ، ސައުދީ އަރަބިއްޔާގައި ހަނދު މަސް ފެށުމުގައި އަމަލު ކުރާ އުސޫލުން ބަލާއިރު، މާދަމާ (5 މެއި 2019 ވާ އާދީއްތަ ދުވަސް)އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމުގެ ފުރުސަތެއް ނެތެވެ.
ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަދު އެއްވެސް އިސްލާމީ ގައުމަކަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.
އެހެންކަމުން އިސްލާމީ ގިނަ ގައުމުތަކުގައި ހަނދު މަސް ފެށުމުގައި އަމަލުކުރާ އުސޫލުން ބަލާއިރު، މާދަމާ، 5 މެއި 2019 ވާ އާދީއްތަ ދުވަހަކީ 1440 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ 6 މެއި 2019 ވާ ހޯމަ ދުވަހެވެ.