ނަމްބަރުން މަޖިލިސް 18: ހާސިލްވީ 94 ޕަސެންޓް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---

އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން 94 ޕަސެންޓްގެ މަސައްކަތް ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަށާރަވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ މިއަދު އެވެ. މިއަދު ޖަލްސާ ނިންމާލައްވަމުން ގާސިމް އިބްރާހިމް ވަނީ މަޖިލީހުގައި މަސައްކަތްތައް ހިނގާ ދިޔަގޮތާއި ނިންމުނު މައްސަލަތަކުގެ ތަފްސީލެއް ދެއްވާފަ އެވެ.

މޭ، 28، 2014 އިން ފެށިގެން މިއަދާ ހަމައަށް 174 ބިލާއި ހަތް ގަރާރު މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

18 ވަަނަ މަޖިލިސް ކުރުކޮށް:

  • 174 ބިލު ފާސްކުރި
  • ހަތް ގަރާރު ފާސްކުރި
  • ސަރުކާރުން ހުށަހަޅުއްވާފައިވާ 154 މައްސަލަ ނިންމި
  • ރިޔާސަތުން ހުށަހަޅުއްވާފައިވާ 26 މައްސަލަ ނިންމި
  • މެމްބަރުން ހުށަހަޅާފައިވާ 19 މައްސަލަ ނިންމާފައިވޭ
  • ދައުލަތުގެ ފަސް ބަޖެޓާއި އެއް ސަޕްލިމެންޓްރީ ބަޖެޓް ފާސް ކުރި
  • އެކި މައްސަލަތަކާއި ގުޅޭ 150 ރިޕޯޓު ނިންމާފައިވޭ
  • 60 ވަޒީނުންނާއި ސުވާލު ކުރި

ގާސިމް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ވަރަށް މުހިންމު ބިލުތަކެއްގެ އިބްތިދާއީ ބަހުސް މަރުހަލާ ނިމި ކޮމިޓީ މަރުހަލާގައި އެބަހުރި ކަމަށެވެ.

ގާސިމް އިބްރާހިމް ވަނީ މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ މަސީހު މުހައްމަދު އަދި ނައިބު ރައީސްކަން ކުރެއްވި މޫސާ މަނިކަށް ވަރަށް ހާސް ޝުކުރެއް އަދާކުރައްވައިފަ އެވެ. އޭގެ އިތުން މަޖިލީހުގެ މެމްބަރުންނާއި އަމީންއާންމު އަދި ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

"ތި އިއްޒަތްތެރި މެމްބަރުން 18 ވަނަ މަޖިލީހުގައި ކޮށްދެއްވި އިހުލާސްތެރި މަސައްކަތްތަކަށް ފައްފަށުން ޝުކުރު ދަންނަވަން. ކޮންމެ ތަނެއްގައިވެސް ކޮންމެ މުއައްސަސާއެއެއްގައިވެސް އަބަދުވެސް ހުންނާނެ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް. އެގޮތުން އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުންގެ މެދުގައި އަދި ރައީސްގެ މަގާމުގައި އިންނަ މީހަކުވެސް ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުންނާނެކަން ގަބޫލުކުރާ ހިނދު އެކަންތައްތައް ރަނގަޅު ކުރުމަށް ހުތުރު ބަސްތައް ނުބުނެ ކުރިއަށް އޮތްތަން ރަނގަޅު ކުރުން ބިނާ ކުރަނިވި އުސޫލަކަށް ވާނީ." މަޖިލީޙުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ކޮމިޓީ މަރުހަލާގައި 28 ބިލެއް

މި ދައުރު މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރެއިން އެއްވެސް ވަރަކަށް މަަސައްކަތް ކުރިއަށް ނުގޮސް ހުރި ބިލުތަކެއް އެބަހުއްޓެވެ. ކޮމިޓީ މަރުހަލާގައި އެގޮތަށް 28 ބިލެއް އެބަ އޮތެވެ. އޭގެ ތެރޭގައި މުހިންމު ބިލުތަކެއްވެސް އެބަހުއްޓެވެ.

ކޮމިޓީ މަރުހަލާގައި ތާށިވެފައި ހުރި މުހިންމު ބިލުތަކަށް ބަލާއިރު ހެއްކާބެހޭ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމުގެ ބިލާއި ތައުލީމީ ބިލުވެސް ހިމެނެ އެވެ.

މީގެ އިތުރުން މަޖިލީހުގެ އެންމެ ފަހު ދައުރުވެސް މުހިންމު ބިލުތަކެއް އާ ސަރުކާރުން ހުށަހެޅި އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުމާ ބެހޭ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު އަދި ޖަމިއްޔާތަކުގެ ބިލް ހިމެނެ އެވެ. އަދި ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައި މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލުވެސް ހިމެނެ އެވެ. އެ ބިލުތައް ދެން ކުރިއަށް ގެންދެވޭނީ އަލުން މަޖިލީހަށް ހުށަހަޅައިގެން އެވެ.

293 ޖަލްސާ

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި 292 ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. އޭގެތެރެއިން އެންމެ މަދުން ޖަލްސަ ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ދެ ދައުރެއްގައި ބޭއްވީ އެންމެ 11 ޖަލްސާ އެވެ.

އެންމެ ގިނައިން ޖަލްސާ ބާއްވާފައިވަނީ މަޖިލިސް ފެށިގެން އައިއިރު 2014 ވަނަ އަހަރުގެ ދެވަނަ ދައުރު އަދި ތިން ވަނަ ދައުރު އެވެ. އެ ދައުރުގައިވެސް ކޮންމެ ދައުރެއްގައި 30 ޖަލްސާ ވަނީ ބާއްވާފަ އެވެ.

ނަވާރަ ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުން ހުވާ ކުރުން އޮންނާނީ މޭ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް