ގާލްގައިޑް އެސޯސިއޭޝަން އާއި ސްކައުޓް އެސޯސިއޭޝަނަށް ހާއްސަކޮށް ހަކަތައިގެ ބެޖެއް ތައާރަފްކޮށްފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ބެޖް އިފްތިތާހްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ދެ އެސޯސިއޭޝަންގެ ކުދިންނަށް ހަވާލުކުރެވޭ އެ ބެޖަކީ އެ އުމުރުފުރާތަކާ ގުޅޭގޮތުން ހަވާލުކުރާ މަސައްކަތްތަކެއް ފުރިހަމަ ކުރުމުން ދެވޭ ބެޖެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ތައާރަފްކުރެވުނު ބެޖަކީ މުޖްތަމައުއަށް ވަރަށް މުހިއްމު ބެޖެއް ކަމަށާއި އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަނީ އާބާދީ ގިނަވާ ނިސްބަތުން ނޫންކަމަށާއި އެ އިތުރުވަނީ އޭސީ އަދި ޒަމާނީ ވަސީލަތްތައް ބޭނުންކުރާ އުސޫލުތަކުން ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ވާހަކަފުޅު ދަައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ރާއްޖޭގެ ޒުވާން ޖީލަކަށް ހަކަތައިގެ މުހިއްމުކަން ވިސްނައިދޭ އެއްބާރުން ހޯދަން ކުރާ މަސައްކަތެއް މިއީ. ދެ އެސޯސިއޭޝަން އަކީ ރާއްޖެ ވަކި ގޮތަކަށް ބަށްޓަން ކުރުމަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް،"
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގާލްގައިޑް އަދި ސްކައުޓް ބޭފުޅުންނަކީ ވަރަށް ބޮޑު އަގެއް އަދާކުރައްވާ ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ އަގުވަޒަންކުރަންޖެހޭ ކަމަށެވެ. އަދި މަސައްކަތްތަައް ފާހަގަކޮށް ބެޖާއި އިނާމް އެ ބޭފުޅުންނަށް ލިބެންޖެހޭ ކަމަށެވެ.

ގާލްގައިޑްގެ އިސްވެރިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދުނިޔޭގެ ނިސްބަތުން ވެސް އެ ދެ އެސޯސިއޭޝަން އަކީ ރަނގަޅު އާދަތައް އުނގަންނައިދޭ ލާމަސީލު ދެ ތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްކައުޓް ދަރިވަރުން--- ސަން ފޮޓޯ/ ފަޔާޒު މުސާ
މިއަދު ތައާރަފްކުރެވުނު އެނާޖީ އެންޑް އެފިޝަންސީ ބެޖަކީ ގާލްގައިޑް އަދި ސްކައުޓް ބެޖުތަކުގެ ނަމޫނާއަކަށް ބަލައިގެން ފަރުމާކުރެވުނު ބެޖެކެވެ.
އެ ބެޖަކީ މިނިސްޓްރީއާއި ގާލްގައިޑް އެސޯސިއޭޝަން އަދި ސްކައުޓް އެސޯސިއޭޝަނުން ގުޅިގެން ހަކަތަ އެންމެ ބޭނުންތެރި ގޮތުގައި ބޭނުން ކުރުމާ ބެހޭގޮތުން ހޭލުންތެރި ކުރުވުމުގެ މަޤްސަދުގައި 2016 ވަނަ އަހަރު ސޮއި ކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރެވުނު މަސައްކަތެކެވެ.