އެމްއެމްއޭގެ އެފްއައިޔޫއިން އެގްމޮންޓް ގައި ބައިވެރިވަނީ

އެފްއައިޔޫ އިން އެގްމޮންޓްގައި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން --- ފޮޓޯ: އެމްއެމްއޭ

ބައިނަލް އަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕާއި ގުޅުމުގެ މަސައްކަތް އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން ފަށައިފި އެވެ.

ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްތަކާއި ބެހޭ ގްރޫޕް، އެގްމޮންޓް ގައި ބައިވެރިވުމުގެ ގޮތުން ދެ ގައުމަކުން ރާއްޖޭގެ އެފްއައިޔޫ އެންޑޯސް ކުރަންޖެހެ އެވެ. އެގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫއިން ވަނީ ރާއްޖޭގެ އެފްއައިޔޫ އެންޑޯސް ކޮށްފަ އެވެ.

އެގްމޮންޓްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންކަމަށްވާތީ އެ ޝަރުތުތައް ރާއްޖޭގެ އެފްއައިޔޫގައި ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމެއް ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ވަނީ މި ޓީމާ ބައްދަލުކުރައްވައިފަ އެވެ. ރާއްޖޭގެ އެފްއައިޔޫންއިން ދަނީ މި ޓީމާއި ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ

މީގެ އިތުރުންވެސް ފައިނޭންޝަލް އިންޓލިޖެންސް ޔުނިޓް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

އެގްމޮންޓްގައި ދުނިޔޭގެ 159 ގައުމެއްގެ އެފްއައިޔޫ ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް