ކުރިމަތިލުމުގައި ޒަހަމްވި މީހުންގެ ތެރޭގައި ޒަހްރާންގެ އަންހެނުންނާއި ދަރިފުޅު ހިމެނޭ

ލަންކާގައި ހުކުރު ދުވަހުގެ ރޭ ހިނގި ކުރިމަތިލުމަށް ފަހު އެސަރަހައްދުގައި ހުރި ގެޔަކުން ފެނުނު، ބޮން އުފައްދަން ބޭނުން ކުރާ ތަކެތި-- ފޮޓޯ: އޭޕީ

ކޮލަމްބޯ (އޭޕްރިލް 28): ސްރީލަންކާގައި ހުކުރު ދުވަހުގެ ރޭ ފުލުހުންނާއި ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުމުގައި ޒަހަމްވި މީހުންގެ ތެރޭގައި، އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި އިސްކޮށް އުޅުނު ޒަހްރާން ހާޝިމީގެ އަންހެނުންނާއި ދަރިފުޅު ހިމެނޭ ކަމަށް ރިޕޯޓުކޮށްފި އެވެ.

އެކުރިމަތިލުން ހިނގީ ޒަހްރާންގެ ގެޔާ މާދުރުނޫން ހިސާބެއްގަ އެވެ. އެއް ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާ ބަދަލުކުރުންތަކަށް ފަހު ހަނގުރާމަވެރީންގެ ތެރެއިން ތިން މީހަކު ވަނީ އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާދީފަ އެވެ. އެހާދިސާގައި 15 މީހުން މަރުވި އިރު އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެ އެވެ.

އެކުރިމަތިލުމަށް ފަހު އެ ސަރަހައްދުގައި ހުރި ގެޔެއް ބަލައި ފާސްކުރުމުން ގޮވާ ތަކެއްޗާއި ޑްރޯންއެއް ފުލުހުންނަށް ފެނިފައިވާ ކަމަށް މިޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އަދި ޒަހްރާންގެ އާއިލާގެ މެމްބަރެއް ކަމަށްވާ މުހައްމަދު ހާޝިމް މަތަނިޔާއާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެކުރިމަތިލުމުގައި ޒަހަމްވި މީހުންގެ ތެރޭގައި ޒަހްރާންގެ އަންހެނުންނާއި ކުޑަދަރިފުޅު ހިމެނެ އެވެ. މަތަނިޔާ ބުނި ގޮތުގައި ފުލުހުން ވަނީ އެއީ ޒަހްރާންގެ އަންހެނުންކަން ޔަގީންކޮށް ދިނުމަށް އޭނާ ގާތުގައި އެދިފަ އެވެ.

އަދި ފުލުހުން ވަނީ ކުރިމަތިލުމުގައި ޒަހަމްވި މީހުންގެ ތެރޭގައި ޒަހްރާންގެ އާއިލާގެ މެމްބަރުން ހިމެނޭކަމަށް ބުނެފަ އެވެ. އެކުރިމަތިލުމުގެ ޒިންމާ އައިއެސްއިން ވަނީ ނަގާފަ އެވެ.

ލަންކާގެ ސަރުކާރުން ބުނާ ގޮތުގައި އީސްޓާ ސަންޑޭގައި ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތު މިއްލަތި އިބްރާހީމް (ޖޭއެމްއައި) ގުޅިގެންނެވެ. އަދި އެންޓީޖޭގެ ލީޑަރު ކަމަށްވާ ޒަހްރާން ވަނީ އެދުވަހުގެ ދިން ހަމަލާތަކުގެ ތެރެއިން ޝަންގްރިއްލާ ހޮޓަލުގައި ދިން ހަމަލާގައި އަމިއްލައަށް މަރުވެފަ އެވެ.

އެހަމަލާތަކުގައި 253 މީހުން މަރުވެ، 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ހަމަލާތަކާ ގުޅިގެން ލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 100އަށް އަރާފަ އެވެ.

comment ކޮމެންޓް