ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ދެ މީހަކަށް އަނިޔާވެއްޖެ

ފެބްރުއަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މެންދުރު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދު މެންދުރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ ކާރު ދުއްވަން އިން މީހާ އާއި ސައިކަލު ދުއްވަން އިން މީހާއަށެވެ.

ފަރުވާ ދެމުން ދަނީ ދިވެހި އަންހެނަކަށާއި ފިރިހެނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ކާރު ދުއްވީ ފިރިހެން މީހާ ކަމަށާއި ސައިކަލުން ދުއްވަން އިނީ އަންހެން މީހާ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އެ ދެމީހުންނަށް މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުުންނެވެ.

އެކަން ހުޅުމާލޭ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، އަނިޔާވި ދެމީހުން މިއަދު މެންދުރު 14:00 އެހާކަންހާ އިރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

ނަމަވެސް، އެ ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި އެނގިފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް