މި މަހު ހަ ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަ ކުރި 386 ކެންޑިޑޭޓުންގެ ތެރެއިން އިއްޔެއާ ހަމަޔަށް ވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާ، 301 ކެންޑިޑޭޓުންނަށް ޖަލު ހުކުމެއް އައުމުގެ ބިރު ބޮޑު ވެއްޖެ އެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ، 21 ދުވަސް ތެރޭ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
އެ މުއްދަތު މިރޭ 12:00އަށް ހަމަވާއިރު، މާލީ ބަޔާން ހުށަނޭޅުމަކީ، ބޮޑު ޖޫރިމަނާއެއް ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ރޭގެ 12:00 އާ ހަމައަށް އެކޮމިޝަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ، 94 ކެންޑިޑޭޓުންކަމަށެވެ.
"ރެޔާ ހަމައަށް ހުށަހެޅީ 94 ކެންޑީޑޭޓޫން. މިއަދުވެސް ވަރަށް ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅުމުން އެބަދޭ،" އަކްރަމް ވިދާޅުވިއެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ. އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.
ގާނޫނުގައި ބުނާގޮތުން، ކެންޑިޑޭޓު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާން ޖެހެ އެވެ. މިކަމާ ގުޅިގެން މާލީ ބަޔާން ތައްޔާރު ކުުރުމަށް ކެންޑިޑޭޓުންނަށް ވަނީ އުނދަގޫވެފަ އެވެ.
މާލީ ބަޔާން ހުށަހެޅުން މިއަދަށް ހަަމަވާއިރު، މާލީ ބަޔާން ބަލައިގަތުން ހަމަޖެހިފައިވަނީ، މއިަދު ހެނދުނު 9:00 އިން މިރޭ 12:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.