ޕީއެންސީގެ ނައިބު ރައީސުންނަށް ނިހާން، ޝުޖާއު، ސައީދު އަދި މުންދު އިންތިހާބު ކޮށްފި

ޕީއެންސީގެ އިންތިހާބު ކުރި ހަތަރު ނައިބު ރައީސުން އަދި ޕީޖީ ލީޑަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސުންގެ ގޮތުގައި ހަތަރު ބޭފުޅަކު އިންތިހާބު ކޮށްފި އެވެ.

މިއަދު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލްގައި ކުރިއަށް ދިޔަ އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި އެޕާޓީގެ ނައިބު ރައީސް ކަމަށް ފަސް ބޭފުޅަކު ވާދަ ކުރެއްވިއެވެ.

މިއަދު ހަވީރުން ފެށިގެން ކުރިއަށް ދާ އެޕާޓިގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިވީ ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލެވެ.

އެންމެ ގިނަ ވޯޓާއެކު ނައިބު ރައީސް ކަމަށް އިންތިހާބުވީ، އެޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި، ޕީޕީޕއެމް ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ. ނިހާންއާއެކު ދެން ނައިބު ރައީސް ކަމަށް އިންތިހާބުކޮށްގައިވަމީ، މާވަށު ދާއިރާ އިންތިހާބީ މެމްބަރު މުހައްމަދު ސައީދު އާއި ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ލަންކާގެ ކުރީގެ އެމްބަސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.

ވޯޓުގެ ތަފްސީލު

  • މުހައްމަދު ސައީދު - 120 ވޯޓު
  • އަހުމަދު ނިހާން - 126 ވޯޓު
  • އިބްރާހިމް ޝުޖާއު - 122 ވޯޓު
  • މުހައްމަދު ހުސައިން ޝަރީފް (މުންދު) - 122 ވޯޓު
  • މުހައްމަދު ނިމާލް - 39 ވޯޓު

މިއަދު ކޮންގްރެސް ގައި އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަކީ ނައިބު ރައީސުންގެ ފެންވަރުގެ މަގާމަށް ބަދަލު ކުރުމާއެކު، ނައިބު ރައީސުންގެ ގޮތުގައި ފަސް ބޭފުޅަކު ތިއްބަވާނެ ކަމަށް ރިޔާސަތުން ވަނީ އިއުލާން ކޮށްފައެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަކީ، މަޑުއްވަރީ ދާއިރާގެ އިންތިހާބީ މެމްބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެހެން ކަމުން އެޕާޓީގެ އިންތިހާލީ ނައިބު ރައީސްގެ ގޮތުގައި މީގެ ކުރިން ހުންނެވި އާދަމް ޝަރީފަކީވެސް ޕީއެންސީގެ ނައިބު ރައީސެކެވެ.

މީގެ އިތުރުން މިއަދު ކޮންގްރެސްގައި ވަނީ އެޕާޓިގެ މަޝްވަރާ މަޖިލީހަށް އިންތިހާބު ކުރާ އަންހެން ފަސް މެމްބަރުންނާއި ފިރިހެން ފަސް މެމްބަރަކު ވެސް އިންތިހާބު ކޮށްފައެވެ.

މިހާރު ކޮންގްރެސްގައި ކުރިއަށް ދަނީ، އާންމު މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ 15 މެމްބަރުންގެ މެދުގައި ބާއްވާ އިންތިހާބެވެ. މިއަދު އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު، އެޕާޓިގެ މަޝްވަރާ މަޖިލީހުގައި 25 މެމްބަރުން ތިއްބަވައެވެ.

މިއަދުގެ ވޯޓުގެ ކަންތައް ލަސްވުމާ ގުޅިގެން ކުރިން މިރެއަށް ތާވަލް ކޮށްފައިވާ ކޮންގްރެސްގެ ނިމުމުގެ ރަސްމިއްޔާތު މާދަމާ ރެޔަށް ވަނީ ފަސްކޮށްފައެވެ. މި ރަސްމިއްޔާތުގައި އެޕާޓީގެ ކޯލިޝަންގެ މައި ޕާޓީ، ޕީޕީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް