ލަންކާ ރައްޔިތުންނަށް ދިވެހިން އެހީވާން ހުތުބާގައި ގޮވާލައިފި

ލަންކާގެ ރައްޔިތެއް އޭނާގެ ދަރިފުޅު ސަލާމަތްކުރުމުގައި--- ފޮޓޯ/އޭޕީ

ސްރީލަންކާގެ ރައްޔިތުންގެ އުދާސްތަކާ ތަކުލީފުތަކުގައި ދިވެހިން ވެސް ބައިވެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ އަވަށްޓެރި ގައުމު ލަންކާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ ފަދަ ހިތާމަތަކާ ކުރިމަތިލާންޖެހިފައިވާއިރު އެމީހުންނަށް ހިއްވަރުދީ އެހީތެރިވުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް އިންސާނީ ހައްގެއް ކަމަށެވެ.

ހުތުބާގައި ބުނީ އެގައުމުގެ ރައްޔިތުން ވަރަށް ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި ރަހުމެއްނެތް އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި އެއީ ފަހުގެ ތާރީހެއްގައިވެސް އެ ގައުމަށް ކުރިމަތިވި އެންމެ ބިރުވެރި ހިތާމަވެރި ހާދިސާ ކަމަށް ހުތުބާގައި ބުންޏެވެ.

އެ އަނިޔާވެރި ހަމަލާގެ ޝިކާރައަކަށް ކުޑަކުދިންނާއި، އަންހެނުންނާއި، ދުވަސްވީ މީހުން އަދި ޒުވާނުން ވެގެން ގޮސްފައިވާ ކަމަށްވެސް މިއަދު އިއްވި ހުތުބާގައި ބުނެފައިވެ އެވެ.

"އިހްސާންތެރިވުން" އެ މައުލޫގެ ދަށުން މިއަދުގެ ހުތުބާގައި ބުނީ ކޮންމެ އިންސާނަކީ އެހެން މީހުންގެ އެހީތެރިކަމާ މަދަދަށް ބޭނުންވާ މީހުން ކަމަށެވެ. އަދި މުސީބާތްތަކާ ތަކުލީފުގެ ވަގުތުގައި އެހެން މީހުނަށް އެހީވެ ހަމްދަރުދީ ވާންޖެހޭ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މުޖުތަމައުގައި އުޅޭ ޔަތީމުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ އަޅާލާނެ މީހެއް ނެތް ކުދިންނަށް އެހީތެރިކަން ދޭންޖެހޭ ކަމަށެވެ. އޭގެ ތެރެއިން ވެސް ލޭއަޅާ ކުދިންނަށް ހާއްސަކޮށް އަޅާލަންޖެހޭ ކަމަށެވެ.

އެފަދަ ކުދިންގެ ބެލެނެވެރިންގެ ތަކުލީފުތަކާ އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި، އެކުދިން އެދި ގޮވަނީ އަހަރުމެންގެ އެހީތެރިކަމަށް ކަން ހުތުބާގައި ބުނެފައިވެއެވެ.

މިއަދު އިއްވި ހުތުބާގައި ބުނީ ބެލެނިވެރިން އިންތިޒާރުކުރަމުންދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތްތަކަށާއި އެކުދިން އާދޭސްކުރަމުންދަނީ ހަދިޔާކުރާ ލޭ ތިއްކަށް ކަމަށެވެ.

ކޮންމެ މީހަކުވެސް އަނެކުންނަށް އަޅާލައި އިހްސާންތެރިވުމަކީ ވާޖިބު ކަމެއްކަމަށްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް