ވަރުންގެ އެންގޭޖްމެންޓް ފަސްކޮށްފި

ވަރުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ---

ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެއް ބަތަލު ވަރުން ދަވަން 32،ގެ އެންގޭޖްމެންޓް ފަސްކޮށްފި އެވެ.

ވަރުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނަތާޝާ ދަލާލް 30، އާ އެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި ވަރުން އާއި ނަތާޝާ އެންގޭޖްވާން ނިންމީ ވަރުންގެ އުފަންދުވަހު (މިދިޔަ ބުދަ ދުވަހު)ގައި ކަމަށެވެ. ނަމަވެސް އެންގޭޖްނުވެ އެކަން ފަސްކުރީ ވަރުންގެ ކުރިއަށް އޮތް ފިލްމު "ކޫލީ ނަންބަރު 1"ގެ މަސައްކަތްކުރުމަށް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ވަރުން ކައިވެނިކުރާނެ ކަމަށް ދެކެވުނު ވާހަކަވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ.

"މިއަހަރަކު ނެތް އެކަން ވާކަށެއް. މިބުނީ ކައިވެނި ނުކުރާނަމޭ އެއް ނޫން. އެކަމަކު މި އަހަރު ކައިވެނި ކުރެވެން ނެތް ވާހަކަ. ގިނަ ފިލްމުތަކެއްގެ މަސައްކަތުގައި މިއުޅެނީ. ކައިވެނިކުރާ ނަމަ އެބަޖެހޭ އެކަމަށް ވަގުތު ދޭން،" ވަރުން ބުންޏެވެ.

ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކަރަން ޖޯހަރުގެ "ކަލަންކް"އިންނެވެ. އެ ފިލްމަކީ ވަރުންގެ ފިލްމީ ކެރިއަރުގައި ވެސް ފުރަތަމަ ފްލޮޕެވެ.

comment ކޮމެންޓް