ސްޕޯޓްސް ކައުންސިލަރުންގެ އަމަލީ މަސައްކަތް ފަށައިފި

ސްޕޯޓްސް ކައުންސިލަރުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން--- ފޮޓޯ: މަހުލޫފް

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކޮންމެ ރަށެއްގައި ކަސްރަތަށް އަހުލުވެރި ކުރުވަން ރަށްރަށުގައި ހިންގާ ކުޅިވަރުތަކުގައި އެހީތެރިވެދިނުމަށް ތަމްރީން ލިބިފައިވާ ސްޕޯޓްސް ކައުންސިލަރުންގެ އަމަލީ މަސައްކަތް ފަށައިިފިއެވެ.

ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

އެގޮތުން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ތަމްރީން ކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފެށި މިދިޔަ ޑިސެމްބަރުމަހުއެވެ. އެގޮތުން ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރުގެ ނަމުގައި ކޯހެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިން ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯސްތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް އިންނެވެ.

ސްޕޯޓްސް ކައުންސިލަރުންގެ މަސައްކަތްތައް ފެށުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކައުންސިލަރުންގެ އަމަލީ މަަސައްކަތްތައް ފެށިގެން ދިއުމަކީ އުފާވެރި މަންޒަރެއް ކަމަށެވެ.

" ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުން އެދެން. މިކަން އިތުރަށް ތަރައްގީ ކުރަން އިތުރަށް މަސައްކަތް ކުރާނަން" މަހުލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް