ލަންކާގެ ގާނޫނުތަކަށް ބޯލަނބަން ދިވެހިންނަށް އިލްތިމާސްކޮށްފި

ލަންކާ ހަމަލާތަކަށްފަހު އެގައުމުުގެ މަގުމަތި -- ފޮޓޯ/އޭޕީ

ސްރީލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސަމާލަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްގެންދާތީ އެކަމަށް އެއްބާރުލުން ދިނުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން އިލްތިމާސްކޮށްފިއެވެ.

އެމްބަސީ އިން ބުނީ ބޮމުގެ ހާދިސާތަކާ ގުޅިގެން އެގައުމުގެ ގޭގެ ބަލާ ފާސްކުރުމުގެ ކަންތައް ސަލާމަތީ ބާރުތަކުން އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. މީގެ އިތުރުން ޗެކްޕޮއިންޓުތަކުން ޕާސްޕޯޓު ފާސް ކުރުން ކުރިއަށް ގެންދާ ކަމަށާއި އެހެންކަމުން ބޭރަށް ނިކުންނައިރު ޕާސްޕޯޓު ގެންގުޅުމަށް ސަމާލުކަން ދިނުމަށް އެމްބަސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރން ލަންކާގެ ގަވައިދުތަކާއި ގާނޫނުތަކާ އެއްގޮތަށް ވިސާ ފުރިހަމަވޭތޯ ބެލުމަށްވެސް އެމްބަސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށްފަޖހު އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. އެ ހަމަލާތަކަށްފަހު ލަންކާގައި ކާފިއު ހިންގާއިރު މިރޭގެ 10 އިން ފަތިހު ހަތަރަކަށްވަނީ ކާފިއު އިއުލާނުކޮށްފައެވެ. އެ ވަގުތުގައި ބޭރަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު މި ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ގައުމެކެވެ. ބޮމުގެ ހަމަލާއަށްފަހު ލަންކާގެ ސަލާމަތީ ކަންތައް ވަރުގަދަކޮށްފައިވާތީ އެގައުމުގެ ކަމާބެހޭ ފަރާތްތަލުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ރާއްޖޭގެ އެމްބަސީ އިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް