މެޑިކަލް ސްކޫލްގައި ކިޔަވައިދޭން އިންސާނުންގެ ހަށިގަނޑު ބޭނުމެއް ނުކުރާނެ

ޑެޑް ބޮޑީގެ ބަދަލުގައި ބޭނުންކުރާ ވާޗުއަލް ޑައިސެކްޓިން ޓެބަލް---

ރާއްޖޭގައި އަލަަށް ޑޮކްޓަރުކަން ކިޔަވަދޭން ފެށި މެޑިކަލް ސްކޫލުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުގެ ބަދަލުގައި ބޭނުންކުރާނީ ވާޗުއަލް ޑައިސެކްޓިން ޓޭބަލްކަމަށް ގައުމީ ޔުނިވާސިޓީން ބުނެފި އެވެ.

މެޑިކަލް ސްކޫލުގެ ޑީން ޑރ. ޝީޒާ އަލީ "ސަން" އަށް މިއަދު ވިދާޅުވީ ވާޗުއަލް ޑައިސެކްޓިން ޓޭބަލްއަކީ އެންމެ ޒަމާނީ ވަސީލަތެއް ކަމަށާއި އަދި މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އެފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކުރަނީ ވަރަށް މަދު މެޑިކަލް ސްކޫލުތަކުގައި ކަމަށެވެ.

ޑައިސެކްޓިން ޓޭބަލް އަކީ، އިންސާނާގެ ހަށިގަނޑު ވާޗުއަލް ސްކްރީނަކުން ފެންނަ ގޮތަށް ބަހައްޓައިގެން ކިޔަވައި ދިނުމަށް ބޭނުން ކުރާ ނިޒާމެކެވެ.

"އާންމުކޮށް މި ސަރަހައްދުގެ ސަރުކާރު މެޑިކަލް ސްކޫލުތަކުގައި އަދިވެސް ބޭނުންކުރަނީ ހަމަ ޑެޑް ބޮޑީޒް. ދެން ވަރަށް މަދު ޕްރައިވެޓް ކޮލެޖުގައި ބޭނުންކުރާނީ. އެ މެޝިން އަޅުގަނޑުމެން ގެނައީ ސްވިޑަންއިން. ގެނައި ކުންފުނިގޭ ބޭފުޅުން ރާއްޖެއައިސް އަޅުގަނޑުމެންނަށް މިހާރު ވަނީ ޓްރެއިނިންތައްވެސް ދީ ނިންމާފަ." ޑރ. ޝީޒާ ވިދާޅުވިއެވެ.

މެޑިކަލް ސްކޫލުގެ ކިޔެވުން ފެށީ މިދިޔަ އަހަރު އެވެ. ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ފުރަތަމަ މޮޑިއުލްތައް މެލޭޝިއާގައިވެސް ވަނީ ކިޔަވައިދީފަ އެވެ.

މެޑިކަލް ސްކޫލުން މިހާރު ތައްޔާރުވަމުންދަނީ އެ ސްކޫލުގެ ދެވަނަ ބެޗުގެ ކިޔަވައިދިނުން ފެށުމަށެވެ. ޝީޒާ ވިދާޅުވީ ދެވަނަ ބެޗްއަށް 36 ދަރިވަރުން ޝަތުރުހަމަވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ ދަރިވަރުންގެ މެޑިކަލް ހެއްދުމުގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވި އެވެ.

މެޑިކަލް ސްކޫލް ގާއިމްކުރަން ނިންމާފައި ވަނީ އައިޖީއެމްއެޗްގެ 25 ބްރީގެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާގަ އެވެ.

comment ކޮމެންޓް