ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށްފަހު މިހާތަނަށް މަޖިލީހަށް ހުށަހަޅާފައި ވަނީ ކޮމިޝަންތައް ހެދުމާއި ބަދަލުހިފުމުގެ ރޫހުގެ ބިލްތަކެއް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންނަށް އިނާޔާތް ދިނުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އިލްހާމް ވިދާޅުވީ، އިންސާފް ހޯދައިދިނުމަށް ކަމަށް ވައުދުވެގެން އައި ސަރުކާރުގެ ފަރާތުން ފެންނަނީ ބަދަލު ހިފުމުގެ ރޫހުގައި ކަންތައްތަކެއް ކުރަމުން އަންނަ ތަން ކަމަށެވެ.
"މިއަދު މުޅިން ދައްކަނީ ބިރުވެރި ވާހަކަ. އަބަދުވެސް ކޮމިޝަނެއް އުފައްދާ ވާހަކަ. މީހަކު ހާޒިރުކޮށް ވަގަށް ޖަލަށް ލާ ވާހަކަ. މިވާހަކައާ ދެކޮޅަށް އެންމެ ބޮޑަށް ވާކާލާތުކޮށްގެން ނޫންތޯ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރީ. ބަދަލުކޮށްފައި އައިސް އަނެއްކާ ވެސް އެވާހަކަ ފެއްޓީ،" ޖުމްހޫރީ ޕާޓީގެ މެންބަރު އިލްހާމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް މިހާރު މިއޮތް ވެރިކަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަން އިލްހާމް ފާހަގަ ކުރެއްވި އެވެ. އަދި މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ނިންމި 12 މެންބަރުންނަށް ޓިކެޓް ދީ މަޖިލީހަށް ހޮވައިދެއްވާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހުރިހާ ލީޑަރުން އެއްބަސްވި ނަމަވެސް މަންޒަރު ފެނުނީ އެއާ މުޅިން އިދިކޮޅަށް ކަމަށް އިލްހާމް ވިދާޅުވި އެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ބިޔަ އަޣުލަބިއްޔަތާ އެކު މަޖިލިސް ލިބުމުން ދެން ކަން ކުރާ ގޮތް ބަލަން ތިބޭނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.
"މި މަޖިލީހަށް މިހާތަނަށް މި ސަރުކާރުން ހުށަހެޅި ހުރިހާ ބިލްތަކެއް އޮތީ ކޮމިޝަންތަކާއި ބަދަލުހިފުމުގެ ރޫހުގައި ހުށަހަޅާފައި ހުރި ބިލްތަކެއް. މަސްވެރިންނަށް ވެސް އޮތީ ބަދަލު ހިފުމުގެ ރޫހުގެ ބިލެއް. އޮއްވާ ނަސީބަކުން އެ ބިލް ވެސް ގެންގޮސްސި،" އިލްހާމް ވިދާޅުވިއެވެ.