'އަންދާދުން' އަށް ޗައިނާ އިން 300 ކުރޯޑު

ޝްރީރާމް ރާގަވަން ޑައިރެކްޓުކޮށް، އާޔޫޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެން ދިޔަ ކާމިޔާބު ފިލްމު 'އަންދާދުން' އަށް ތިން ހަފްތާގެ ތެރޭގައި ޗައިނާ އިން 300 ކުރޯޑު (4,30,06,500 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ޗައިނާގައި 'އަންދާދުން' އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު އެ ފިލްމު ވެގެން ގޮސްފައި ވަނީ ޗައިނާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ތިން ވަނަ ފިލްމަށެވެ. ޗައިނާގައި ރިލީޒްކުރި އިންޑިއާގެ އެންމެ ކާމިޔާބު ފިލްމަކީ އާމިރު ޚާންގެ 'ދަންގަލް' އެވެ.

ޗައިނާގައި ފިލްމު ރިލީޒްކޮށްފައި ވަނީ 'ޕިއާނޯ ޕްލެޔާ' ގެ ނަމުންނެވެ. އެ ފިލްމަށް ހަ ދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ 106 ކުރޯޑު ރުޕީޒްގެ އާމްދަނީއެއް ލިބިފައެވެ. މިއީ އިންޑިއާ އިން އެ ފިލްމަށް ލިބުނު ޖުމްލަ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

'އަންދާދުން' އަކީ ލޮލަށް ނުފެންނަ ކަމަށް ހެދިގެން އުޅޭ ޕިއާނޯ ކުޅޭ މީހަކަށް ފެންނަ މަރެއްގެ ސަބަބުން ހިނގާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.

ފިލްމުގައި އާޔޫޝްމަންއާއެކު މުހިންމު ރޯލުތަކުން ފެނިގެން ދިޔައީ ތާބޫގެ އިތުރުން، ރާދިކާ އަޕްތޭއާއި އަނިލް ދަވަން އެވެ. 'އަންދާދުން' އަކީ މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. ކްރިޓިކުންނާއި ބެލުންތެރީންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ވަނީ ތަފާތު އެކި އެވޯޑުތައް ވެސް ލިބިފައެވެ.

comment ކޮމެންޓް