ލަންކާގެ ހަމަލާތައް ދިނީ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ އެހީއާ އެކު

ލަންކާގެ ސެއިންޓް ސަބޭސްޓިއަންސް ފައްޅިއަށް ދިން ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި -- ފޮޓޯ: ގެޓީ

ކޮލަމްބޯ (އޭޕްރިލް 22): ސްރީލަންކާގައި އިއްޔެ ގިނަ އަދަދެއްގެ ހަމަލާތަކެއް ދިނީ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ އެހީއާއެކު ކަމަށް އެގައުމުގެ ކެބިނެޓުގެ ތަރުޖަމާނު އަދި ހެލްތް މިނިސްޓަރު ރަޖިތާ ސެނަރަޓްނަ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރުގެ ގެކޮޅު ހުންނަ ޓެމްޕަލް ޓްރީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސެނަރަޓްނަ ވިދާޅުވި ގޮތުގައި އެހަމަލާތައް ދިން ކަމަށް ބެލެވެނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިންނެވެ. އަދި އެމީހުން ހަމަލާ ދިނީ ބައިނަލްއަގުވާމީ އެހީއާ އެއްކޮށެވެ.

"އެބަޔަކާ ނުލައި މިހަމަލާ ނުދެވޭނެ ފަދަ ބައިނަލްއަގުވާމީ ނެޓްވޯކެއް މިކަމުގައި ބައިވެރިވި،" ސެނަރަޓްނަ ވިދާޅުވި އެވެ.

އެނެޓްވޯކް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީއަށް ރައީސް މައިތިރިޕާލާ ސިރިސޭނާ އެދިވަޑައިގަންނަވާނެ ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ. އިއްޔެ ދިން ހަމަލާތަކާ ގުޅިގެން ލަންކާއިން ވަނީ މިހާތަނަށް 24 މީހުން ހައްޔަރުކޮށްފަ އެވެ.

ސެނަރަޓްނަ އިތުރަށް ވިދާޅުވި ގޮތުގައި އިއްޔެގެ ހަމަލާގައި އަމިއްލައަށް މަރުވެގެން ހަމަލާތައް ދިނީ ހުސް އެގައުމުގެ ރައްޔިތުންނެވެ. އަދި އެފަދަ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު މީގެ ދެ ހަފްތާ ކުރިން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ދީފަ އެވެ. ނަމަވެސް އެމައުލޫމާތު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހިއްސާކޮށްފައި ނުވެ އެވެ.

ރޭ ބޮޑުވަޒީރު ވިކްރަމަސިންހަ ދެއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ވަނީ އެމައުލޫމާތު ބޮޑުވަޒީރާއި ކެބިނެޓާ ހިއްސާ ނުކުރި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހަމަލާތަކާ ގުޅިގެން ލަންކާއިން ވަނީ މިރޭ ކާފިއު ހިންގުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވެސް ނިންމާފަ އެވެ. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290އަށް ވުރެ އިތުރުވެފަ އެވެ. އެހަމަލާތައް އަމާޒުކުރި ސަރަހައްދުތަކުގެ ތެރޭގައި ކޮލަމްބޯ، ނިގަމްބޯ ، ބަޓިކޮލޯ، ދެހިވެލާ ، ނޮގޭގޮޑާ އަދި ޑެމަޓަގޮޑާ ހިމެނެއެވެ. އަދި ހަމަލާތައް އަމާޒުކުރި ހޮޓާތަކުގެ ތެރޭގައި ދަ ސިނަމަން ގްރޭންޑް ހޮޓަލާއި ކިންގްސް ބަރީ ހޮޓަލާއި ޝަންގްރިއްލާ ހޮޓާ ހިމެނޭ އިރު ހަމަލާ ދިން ފައްޅިތަކުގެ ތެރޭގައި ސެއިންޓް އެންތަނީސް ޝްރައިން ފައްޅިއާއި އާއި ސެއިންޓް ސެބާސްޓިއަން ފައްޅި ހިމެނެއެވެ.

comment ކޮމެންޓް