ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ލަންކާގައި މިރޭވެސް ކާފިއު ހިންގާނެ

އެޕްރީލް 21، 2019: ލަންކާގައި އިއްޔެ ދިން ހަމަލާއަށް ފަހު އެގައުމުގައި ކާފިއު އިއުލާންކޮށްފައި -- ފޮޓޯ/ އޭޕީ

ކޮލަމްބޯ (އޭޕްރިލް 22): ސްރީލަންކާގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިރޭވެސް ކާފިއު ހިންގާނެ އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ލަންކާގެ ޑިޕާޓްމެންޓް އޮފް ގަވަމެންޓް އިންފޮމޭޝަނުން ބުނި ގޮތުގައި މިރޭ 8:00އިން މާދަމާ ފަތިހު 4:00އާ ހަމައަށް ކާފިއު ހިންގާނެ އެވެ. އެގައުމުގައި އިއްޔެ ދިން ހަމަލާތަކާ ގުޅިގެން މެންދުރުފަހުގެ ވަގުތެއްގައި ކާފިއު އިއުލާން ކުރުމަށްފަހު، އެހާލަތު ވަނީ މިއަދު ހެނދުނު ހައެއްގައި އުވާލާފަ އެވެ.

ލަންކާގައި އިއްޔެ ތިން ފައްޅި އާއި ހަތަރު ހޮޓަލާއި ގެއެއްގައި ބޮން ގޮއްވާލުމުގެ ސަބަބުން 290 މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އެއީ 2009ވަނަ އަހަރު ލަންކާގެ ދާހިލީ ހަނގުރާމަ ނިމުނު ފަހުން އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާތަކެވެ.

އެހަމަލާތަކާ ގުޅިގެން ލަންކާއިން ވަނީ މިހާތަނަށް 24 މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެގައުމުން ވަނީ ހަމަލާތައްދިނީ އެއް ޖަމާއަތަކަށް ނިސްބަތްވާ މީހުން ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ކޮންބައެއްކަން ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް