ދެ ހަމަލާއެއް ދިނީ އަމިއްލައަށް މަރުވެގެން: ލަންކާގެ ފުލުހުން

ލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓަލަށް ގެއްލުންތަކެއް ލިބިފައި -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (އޭޕްރިލް 21): ސްރީ ލަންކާގައި މިއަދު ދިން ހަމަލާތަކުގެ ތެރެއިން ދެ ހަމަލާއެއް ދިނީ އަމިއްލައަށް މަރުވެގެން ކަމަށް އެގައުމުގެ ފުލުހުންނާއި އެހެން އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އޭއެފްޕީގައިވާ ގޮތުން އެގައުމުގައި މިއަދު އަށް ވަނައަށް ދިން ހަމަލާ ދިނީ ހަށިގަނޑުގައި ގޮވާތަކެތި ހައްޔަރުކޮށްގެން ހުރި މީހެކެވެ. އަދި އޭނާ އެތަކެތި ގޮއްވާލީ ޑެމަޓަގޮޑާގައި ހުންނަ އެނާގެ ގެޔަށް ފުލުހުން ވަނުމުންނެވެ.

އެހާދިސާގައި ތިން ފުލުހުން ވަނީ މަރުވެފަ އެވެ. އަދި ލަންކާގައި މިއަދު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 207އަށް އަރައި، އަނިޔާވި މީހުންގެ އަދަދު 450އަށް އަރާފަ އެވެ.

ލަންކާގައި މިއަދު ހަމަލާދިން ސަރަހައްދުތަކުގެ ތެރޭގައި ކޮލަމްބޯ އާއި ނިގަމްބޯ އާއި ބަޓިކޮލާ އާއި ދެހިވަލާ އާއި ޑެމަޓަގޮޑާ ހިމެނެ އެވެ. އޭގެ ތެރެއިން ހަމަލާއެއް އަމާޒުވި ސިނަމަން ގްރޭންޑް ހޮޓެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހޮޓެލަށް ހަމަލާ ދިނީވެސް ގައިގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހެކެވެ.

އެގޮތުން އޭނާ ހަމަލާ ދިނީ ހޮޓެލުގެ ރެސްޓޯރެންޓަށް ކަމަށާއި އޭނާގެ އަތުގައި ހުރި ގޮވާތަކެތި ގޮއްވާލި ރެސްޓޯރެންޓުގެ ކިޔޫއަށް އަރާފައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އެހަމަލާތައް ކުށްވެރި ކުރައްވައި، އެހަމަލާތައް މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދެނޭ ވަނީ ހަމަލާތަކާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ލަންކާއިން ވަނީ އެހަމަލާތަކާ ގުޅިގެން މުޅި ގައުމުގައި ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދެ ދުވަހަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.

ލަންކާގައި ދިން ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށާއި ހަމަލާތަކުގައި ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބުނުތޯ ގާތުން ބައްލަވަމުންދާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސަޑަރު އުމަރު އަބްދުލް ރައްޒާގު ވަނީ ވިދާޅުވެފަ އެވެ. އަދި ސަފީރު ވަނީ އެއްވެސް ދިވެއްސަކު ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރައްވާފަ އެވެ.

comment ކޮމެންޓް