ތަމަޅަ ޓައިގަރުންގެ ވަކިތަކުން 2009 ގައި ސްރީލަންކާ ސަލާމަތްވި ފަހުން އެ ގައުމުގެ ރައްޔިތުން އުޅެމުން އައީ އެއްވެސް ހާސްކަމެއް ނެތް މިނިވަން ޖައްވެއްގަ އެވެ. ނަމަވެސް، މިއަދު ހެނދުނު ސްރީލަންކާއަށް އިރު އަރައިގެން އައީ އެ ހަގީގަތް ބަދަލުކޮށްލަމުން އެވެ. މީގެ ނުވަ އަހަރު ކުރީގެ ބިރުވެރި ކަމަށް ލަންކާ އެކީ ގަންބާލީ ހަމަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. އެ ގައުމުގައި ދިރިއުޅެމުން ދިޔަ ގިނަ ދިވެހިން ވެސް ވަށައިލީ މި ބިރުވެރިކަމާއި ސިހުމާއި ހާސްކަމެވެ. ނަސޯރާއިންގެ އީސްޓާ ފާހަގަ ކުރަން މީހުން ޖަމާވެ ތިއްބި ވަގުތާ ދިމާކޮށް ތިން ފައްޅިއަކާ އެކު ޓޫރިސްޓް ހަތަރު ހޮޓަލެއް ހިމެނޭ ގޮތުން ދިން ހަމަލާތަކުން ލަންކާ ގުގުމާލި އެވެ. އެ އަޑުފައްގަނޑާ އެކު އެންމެން ވެސް ބިރުން ތެޅިފޮޅި ގަނެވުނު އިރު، ތިބީ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފަ އެވެ. އެންމެނަށް ވެސް ލިބުނީ ޝޮކެކެވެ.
"އެހެން ދުވަސް ދުވަހެކޭ ވެސް އެއްގޮތަށް ހޭލައިގެން ހެނދުނު ނާސްތާ ނަގަން އިންދާ އައީ ކުއްލިއަކަށް ފޯނަށް މެސެޖެއް. އޭގައި އޮތީ ބޮން ގޮއްވާލައިގެން ތިރީހަކަށް މީހުން ޒަހަމްވެއްޖެއޭ. ދެން އޭރުވެސް މިހާ ބޮޑުކަމެކޭ ހިތަކަށް ނާރާ. ދެން ހަބަރުތައް އަންނަން ފެށީ ފުލުފުލުގައި. އެ ހިސާބުން މީގެ ބޮޑުކަން އިހުސާސްވީ، ކަންބޮޑުވީ،" ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ދާއިރާއިން ތައުލީމް ހާސިލް ކުރަމުން އަންނަ 19 އަހަރުގެ މުހައްމަދު މާއިދު މަފާޒް އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.
އެ ގައުމުގައި 15،000 އަށް ވުރެ ގިނަ ދިވެހިން އެކި ބޭނުންތަކަށް އުޅޭއިރު މިއަދުގެ ހަމަލާތަކުން ދިވެއްސަކަށް ގެއްލުން ނުވެ ސަލާމަތްވީ ހަމަ ކިރިޔަ ކިރިޔާ އެވެ. އެ މީހުންގެ ނަސީބު މިއަދު ގަދައީ އެވެ. ކިންގްސް ބަރީ ހޮޓަލްއަށް ބޮމުގެ ހަމަލާގެ ގުޑުން ތިން ދިވެހިން އިހުސާސް ކުރަން ޖެހުނެވެ. އެއީ އެ މީހުންނަށް އަދި ކުރިމަތި ނުވާވަރުގެ ބިރުވެރިކަން ބޮޑު ދުވަހެކެވެ. ބަސް ހުއްޓުނު ދުވަހެކެވެ.
މިއީ އަޅުގަނޑުމެންވެސް ދިރުއެޅުމުންދާ ތަން. މިއީ ހަމަ އަހަރުމެންގެ ވެސް އަހުން ކަހަލަ ބައެއް. މިތާގައި އެފަދަ ކަމެއް ވުމުން ވަރަށް ބޮޑަށް ކަންބޮޑުވޭ، --
މިއަދު މެންދުރެއްހާއިރު އާންމުކޮށް ދިވެހިން އުޅޭ ދެހިވަލާ ޒޫ ކުރިމަތީ ހުންނަ ހޮޓަލެއްގައި ވެސް މެންދުރު ވަގުތު ބޮމެއް ގޮއްވާލި އެވެ. އެ ސަރަހައްދުން ދުއްވާ އެއްޗެއްގައި 15 ވަރަކަށް މިނެޓުން ދެވޭހާ ހިސާބު ދުރުގައި، އަމިއްލަ ގޭގައި ހުރި މުއައްލިމް އިބްރާހިމްއަށް އިވެން ފެށީ އެމްބިއުލަންސްގެ ސައިރަންގެ އަޑުތަކެވެ. ދުން އަރަމުން ދިޔަ ފޮޓޯތަކާއި ވީޑިއޯތައް އޭނާއަށް ފެންނަމުން ދިޔަ އެވެ. އޭނާ ލަންކާގައި މިވީ ދެއަހަރެއްހާ ދުވަހު އެކަހަލަ ކަމެއް އަދި އޭނާއަށް ތަޖުރިބާއެއް ނުކުރެވެ އެވެ. މުއައްލިމް ހީކޮށްގެން ހުރީ ހެނދުނުގެ ހަމަލާތަކަށް ފަހު ދެން ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ކަމަށެވެ. އެކަމަކު ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ލިބެމުން ދިޔަ ހަބަރުތަކާ އެކު އިތުރަށް ބިރުވެރިކަމުގެ ތެރެއަށް އޭނާ ދަމާ ގެންދިޔައީ އެވެ.
"ހެނދުނަށް ފަހު ހީކުރީ މިކަން ނިމުނީއޭ! އެކަމަކު އެހެނެއް ނޫންވީކީ. ގެއާ ކައިރީގައި އެއްޗެއް ގޮވާލިކަން ޔަގީންވީ. ދެން ހަމަ ވަރަށް ޕެނިކްވި،" މުއައްލިމް ބުންޏެވެ.
އޭގެ ގަނޑިއިރުތަކެއް ކުރިން ދިވެހިން ހިތަކަށް އުޅެމުން ދިޔަ ލަންކާ އެ މީހުންނަށް ސިފަވީ ހަނގުރާމައިގެ މައިދާނެއް ގޮތުގަ އެވެ. އެއަށް ވުރެވެސް ބޮޑަށް ދިވެހިންގެ ގިނަ ބަޔަކު އެ މީހުންގެ ދެވަނަ ވަޒަނުގެ ގޮތުގައި ބަލާ ލަންކާއަށް ދިން ހަމަލާތައް އެއްބަޔަކަށްވީ އަސްލު ވަޒަން، ރާއްޖެއަށް ބަޔަކު ހަމަލާއެއް ދިނުން ފަދަ ކަމަށެވެ. ލަންކާ މީހުންގެ ހިތުގައި އެޅިވޭން ދިވެހިން ވެސް މިއަދު ހިއްސާކުރި އެވެ. އެ މީހުންގެ ހިތްތައް ވެސް ވަނީ ކަރުނައިން ފޯވެ، މަޑުވެފަ އެވެ.
"މިއީ އަޅުގަނޑުމެންވެސް ދިރުއެޅުމުންދާ ތަން. މިއީ ހަމަ އަހަރުމެންގެ ވެސް އަހުން ކަހަލަ ބައެއް. މިތާގައި އެފަދަ ކަމެއް ވުމުން ވަރަށް ބޮޑަށް ކަންބޮޑުވޭ. ބިރުވެސް ގަނޭ،" 11 އަހަރު ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހި ކިޔަވާ ކުއްޖަކު ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން ބުންޏެވެ.
އާއިލާއާއެކު ލަންކާގައި ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ތިން ކުދިންގެ ބައްޕަ އަކު "ސަން" އަށް ވިދާޅުވީ، ލަންކާގައި މިއަދު ހިނގި ހާދިސާއަށް ފަހު އެކަމުގެ ތުހުމަތު މުސްލިމުންނަށް ރައްދު ވެދާނެތީ އޭނާ ކަންބޮޑުވާ ކަމަށެވެ. އެފަދަ ހާލަތެއްގައި އެ ގައުމުގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަށް ވެސް އެކަމުގެ ބިރު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
"ރައްޔިތުންގެ މެދުގައި އިތުރަށް ނުތަނަވަސްކަން އުފައްދާ މި ހަމަލާ މުސްލިމުންގެ ބޮލުގައި އަޅުވައިފި ނަމަ ހުރިހާ މުސްލިމުންނަކަށް ވެސް ނުރައްކަލަކަށް ވެދާނެ. އޭގައި ދިވެހިން ވަރަށް ބޮޑަށް ސަފާ ކުރާ ބަޔަކަށް ވާނެ،" އެނާ ބުންޏެވެ.
ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން އެގައުމުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު "ސަން" އަށް ޔަގީންކަން ދެއްވީ އެއްވެސް ދިވެއްސަކަށް ގެއްލުން ނުވެ ހެޔޮ ހާލުގައި ތިބި ކަމަށެވެ. އެހެން ނަމަވެސް އޭނާ އިލްތިމާސްއެއް ކުރެއްވި އެވެ. އެއީ ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ދިރިއުޅޭ ގެއިން ނުނިކުމެ ގޭތެރޭގައި މަޑުކުރާށެވެ.
މިއަދު ހެނދުނުން ފެށިގެން އެގައުމުގައި ހިނގަމުންދާ ބޮމުގެ ހަމަލާގައި ޖުމްލަ އަށް ސަރަހައްދަކުން ބޮން ގޮއްވާފައިވާއިރު، މަރުވި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 400 މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.
ފުލުފުލުގައި ދެމުން އައި ހަމަލާތަކާ އެކު މިއަދު ލަންކާއަށް އިރުއޮއްސެމުން އައި އިރު، ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު ވެސް ވަނީ އެ ގައުމުގައި އިއުލާންކޮށްފަ އެވެ. މުޅި ލަންކާ އޮތީ މިހާރު ހުއްޓި، ކޮށިއަރައިފަ އެވެ. މުޅި ގައުމުގައި އޮތް ބިރުވެރިކަން ދިވެހިން ވެސް ވަށާލާފައިވާ އިރު އެ މީހުންގެ ދިރިއުޅުން ވެސް މި އޮތީ ހުއްޓި ހާސްކަމުގެ ތެރޭގަ އެވެ.