ޔުވެންޓަސްގެ ކާމިޔާބީއާ އެކު ރޮނާލްޑޯ އުންމީދުގައި

އިޓާލިއަން ލީގުގެ ތަށި ދިފާއުކުރުމަށްފަހު ކުރިސްޓިއާނޯ ރޮނާލްޑޯ އުފާ ފާޅު ކުރަނީ --- ފޮޓޯ/ މެޓް ޑޯމަން

އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ ބަލިކޮށް ޔުވެންޓަސްއިން ލީގު ކަށަވަރު ކުރިއިރު އެ ޓީމުގެ ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅެ ފިއޮރެންޓީނާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު ޔުވެންޓަސްއަށް އިޓާލިއަން ލީގުގެ ތަށި ޔަގީންވެފައި ވާ އިރު މިއީ ޖެހިޖެހިގެން އެ ލީގު އެ ޓީމުން ކާމިޔާބު ކުރި އަށްވަނަ ފަހަރެވެ.

މިހާރު ކުރިއަށް މިދާ ސީޒަނަށް ޔުވެންޓަސްއާއި ގުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯގެ ފުރަތަމަ އިޓާލިއަން ސީރީއާގެ ތަށި ރޭ ޔަގީން ކުރި އިރު އޭނާއަށް ވަނީ ބޮޑު ޝަރަފެއް ވެސް ލިބިގެން ގޮސްފައެވެ. އެއީ އިނގިރޭސި ވިލާތާއި ސްޕެއިންގެ އިތުރުން އިޓަލީގެ ލީގު ޗެމްޕިއަންކަން ހޯދި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފެވެ.

ގިނަ އަހަރުތަކެއް ވަންދެން ރެއާލް މެޑްރިޑާއެކު ޔޫރަޕުގެ ރަސްކަން ކުރުމަށް ފަހު އިޓާލިއަން ލީގުގެ ރެކޯޑް އަދަދަކަށް ރޮނާލްޑޯ މި ސީޒަނުގައި ޔުވެންޓަސްއަށް ބަދަލުވީ މުޅިން އާ "ޗެލެންޖެއް" ހޯދުމަށްޓަކައެވެ. ނަމަވެސް މިއަހަރުގެ ޗެމްޕިއަންސް ލީގުން އެ ޓީމު ހިތްދަތި ގޮތަކަށް އަލްވަދާއު ކިޔަން ޖެހުމުން ރޮނާލްޑޯ އެ ކުލަބު ދޫކޮށް ގޮސްދާނެ ކަމުގެ ވާހަކަތައް އެކި އެކި ނޫސްތަކުން ވަނީ ފަތުރާފަ އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. ޔުވެންޓަސްއާ އެކު މި ތަށި އެ ޓީމަށް ހޯދަދިނުމުގެ އިތުރުން ތަފާތު ތިން ލީގެއްގައި ޗެމްޕިއަންކަން ހޯދި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ލިބުނީތީ،" ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"މިއަހަރުގެ ޗެމްޕިއަންސް ލީގުން ލިބުނު ހިތްދަތި ކަމާ އެކު ވެސް އަންނަ އަހަރު އެ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް. މި ކުލަބުގައި އަހަރެން މަޑު ކުރާނެ ކަމުގެ އެއް ހާސް ޕަސަންޓު އަހަރެން ދެން."

ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި 25 މެޗު ކުޅެ 19 ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.

comment ކޮމެންޓް