ފޯރިގަދަ ކްރިކެޓް މެޗެއް ބެއްލެވުމަށް ރައީސް މާދަމާ އިންޑިއާއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ދާދި ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން: އެމަނިކުފާނު މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގައި ކުޅޭ ފޯރިގަދަ ކްރިކެޓް މެޗެއް ބެއްލެވުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު މާދަމާ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު ކަމަށާއި ދަތުރުފުޅު ނިންމަލާވެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ހޯމަ ދުވަހު ކަމަށެވެ.

ރައީސްގެ އެ ދަތުރުފުޅަކީ މާދަމާ ރޭ އައިޕީއެލް ގައި ވިރާޓް ކޯލީގެ ކެޕްޓަން ކަމުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއި ސުޕަ ކިންގްސް ދެމެދު ކުޅޭ މެޗު ބެއްލެވުމަށް އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ހޫދު ވިދާޅުވިއެވެ. އެ މެޗު ފެށުމައް ހަމަޖެހިފައިވަނީ މާދަމާ ރޭ، ރާއްޖެ ގަޑިން 7:30 ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގަ އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ރަސްމީ އެއްވެސް އިވެންޓެއް ނެތް ނަމަވެސް ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.

comment ކޮމެންޓް