ހެލްމެޓް އަޅައިގެން ޝައްކު ކުރެވޭ ގޮތަކަށް އުޅޭ ނަމަ ރިޕޯޓް ކޮށްދެއްވާ: ފުލުހުން

މާލޭގައި މި ފަހުން ހިންގާފައިވާ ފޭރުމުގެ މައްސަލަތަކާއި ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އލޮިލްޔާސް

ހެލްމެޓް އަޅައިގެން ޝައްކު ކުރެވޭ ގޮތަށް އަމަލުތައް ހުންނަ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓް ކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

މި ފަހުން މާލޭގައި ހިންގާފައިވާ ފޭރުމުގެ މައުލޫމާތު ހިއްސާކުރެއްވެވުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗީފް ސްޕުރިންޑެންޓް މޫސާ އަލީ ވިދާޅުވީ، މޫނު ނިވާވާ ގޮތަށް ހެލްމެޓް އަޅައިގެން އެކަހެރި ތަންތަނުގައި އުޅޭ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ހެލްމެޓް އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން ބަޔަކު އަންނަތަން ފެނިއްޖެ ނަމަ ނުވަތަ ފާރަލާކަމަށް ޝައްކު ކުރެވިއްޖެ ނަމަ ރައްކާތެރިތަނަކަށް ވަދެވަޑައިގަތުމަށްފަހު ފުލުހުންނަށް އެމީހުންގެ މައުލޫމާތު ހިއްސާ ކުރައްވާ،" މޫސާ އަލީ ވިދާޅުވި އެވެ.

އެގޮތަށް ރިޕޯޓް ކުރައްވާއިރު އެ ފަރާތްތަކުން ދުއްވާ ވެހިކަލްތަކުގެ ރެޖިސްޓްރީ ނަންބަރު މަތީގައިވާ އަކުރުތަކާއި އެކު ނޯޓް ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަހުން ހިންގާފައިވާ ބޮޑެތި ފަސް ފޭރުމުގެ ތެރެއިން ތިން ފޭރުމުގައި ބައިވެރިވި މީހުން ތިބީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ކަން މޫސާ އަލީ ފާހަގަކުރެއްވި އެވެ. އަދި ރޭގަނޑުގެ ވަގުތުގައި އާޓިފިޝަލް ބީޗާއި އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ފަތާ ޓްރެކާއި އުސްފަސްގަނޑު ސަރަހައްދުގައި އުޅޭ އިރު އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

"މި ޑިޕާޓްމެންޓަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ މާބޮޑު ރޭވުންތެރިކަމެއް ނެތި ފުރުސަތު ލިބިގެން ހިންގާފައިވާ ފޭރުންތަކެއް،" ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއިލް ނަދީމް ވިދާޅުވިއެވެ.

ދާދި ފަހުން ވަނީ އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ވޭނެއް ހުއްޓުވައި އޭގައި ހުރި ދެ މިލިއަން ރުފިޔާ ފޭރިގަނެފަ އެވެ. އެ ފޭރުމުގައި ވެސް ބައިވެރިވި މީހުން ތިބީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްފަ އެވެ.

comment ކޮމެންޓް