ހިތްދަތި ގޮތަކަށް ސިޓީ ކަޓުވާލުމަށްފަހު ޓޮޓެންހަމް ސެމީއަށް

މެންޗެސްޓާ ސިޓީކޮޅަށް ރޭ ކުޅުނު މެޗުގައި ސޮން ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ރަޔާން ބެންސަން

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން ކުޑަ ތަފާތަކުން ބަލިވި ނަމަވެސް ތާރީހުގައި ވެސް ދެވަނަ ފަހަރަށް އެ މުބާރާތުގެ ސެމީފައިނަލަށް ޓޮޓެންހަމް ދަތުރު ކޮށްފި އެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން 3-4 ގެ ނަތީޖާއަކުން ސިޓީ މޮޅުވި ނަމަވެސް އެގްރިގޭޓަށް ބަލައި 4-4 އިން ދެ ޓީމު އެއްވަރުވެފައި ވާތީ އަވޭ ގޯލުގެ ތަފާތަށް ބެލުމުން ކުރި ލިބުނީ ޓޮޓެންހަމްއަށެވެ. ފުރަތަމަ ލެގުގައި 0-1 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވި މެޗުގައި ސިޓީއަށް އަވޭ ގޯލެއް ޖެހިފައި ނުވުމުން ރޭގެ މެޗުން އެ ޓީމު މޮޅުވާން ޖެހޭނީ މަދުވެގެން ދެ ގޯލުގެ ލީޑެއް އޮވެގެންނެވެ.

މެންޗެސްޓާ ސިޓީކޮޅަށް ރޭ ކުޅުނު މެޗުގައި ފެނާންޑޯ ލޮރެންޓޭ ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ރަޔާން ބެންސަން

ނަމަވެސް ހިތްދަތި ގޮތަކަށް ސިޓީ މުބާރާތުން އަލްވަދާއު ކިޔާފައިވާ އިރު ޓޮޓެންހަމް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ޓޮޓެންހަމްއިން ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ އިޓަލީގެ ޔުވެންޓަސް ކަޓުވާލުމަށްފަހު ސެމީއަށް ދަތުރު ކުރި އަޔެކްސްއާ އެވެ.

ސިޓީއާއި ޓޮޓެންހަމްގެ ފުރަތަމަ ކުރިމަތިލުން އާދައިގެ ގޮތަކަށް ދިޔަ ނަމަވެސް ރޭގެ މެޗު ވެގެން ދިޔައީ ފޯރިގަދަ ބަލާ ހިތްވާ ފަދަ ފުޓުބޯޅަ މެޗެއްގައި ފެނިގެން ދާނެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ފެނުނު މެޗަކަށެވެ. ދާދި އަވަސް އަވަހަށް ގޯލުތައް ފެނިގެން ދިޔަ އެ މެޗުގައި އެތައް "ޑްރާމާތަކާއި" ހަމަނުޖެހުންތަކުގެ އިތުރުން ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ބޭނުން ވަރަށް ރަނގަޅަށް ކޮށްފައި ވެއެވެ.

ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ މެންޗެސްޓާ ސިޓީއެވެ. މެޗުގެ ހަތަރު ވަނަ މިނަޓުގެ ތެރޭގައި ރަހީމް ސްޓާލިންގް ޖެހި ގޯލާ އެކު ޓޯޓެންހަމްއަށް ސިހުން ގެނުވި ނަމަަވެސް އެ ދަނދިވަޅުން އަރައިގަންނަން ޓޮޓެންހަމްއިން ވަގުތުން ވަގުތަށް މަސައްކަތް ފެއްޓިއެވެ.

އެ ގޮތުން މެޗުގެ 10 ވަނަ މިނަޓު ހިނގުމުގެ ކުރިން އެ ޓީމުން ވަނީ ދެ ގޯލު ޖަހައި ލީޑު އަނބުރާ ގެންގޮސްފައެވެ. މި ދެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ ދެކުނު ކޮރެއާގެ ހުނަރުވެރި ފޯވާޑް ސޮން ހެންގް މިން އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

ޓޮޓެންހަމްގެ ދެ ގޯލާ އެކު ދެން ފެނިގެންދިޔައީ އަނެއްކާވެސް ސިޓީއިން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި މަންޒަރެވެ. ބާނޭޑޯ ސިލްވާގެ އެ ގޯލާ އެކު ސިޓީއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އަދި އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށް އެމީހުންގެ ޕާސިންގް ގޭމުގެ ޖާދޫ ދައްކަން ފެށިއެވެ. އެގޮތުގައި މާ ގިނަ އިރުތަކެއް ނުވަނީސް ސިޓީއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ.

ރަހީމް ސްޓާލިންގްގެ ދެވަނަ ގޯލާ އެކު ޓޮޓެންހަމް އިން އަނެއްކާވެސް ނަތީޖާ އަނބުރާލަން މަސައްކަތް ކުރި އެވެ. އެގޮތުގައި އޮވެ ފުރަތަމަ ހާފު ނިމިގެންދިޔަ އިރު ދެވަނަ ހާފަށް ދެ ޓީމުން ވެސް ނުކުތީ ނަތީޖާއެއް ނެރެން ލެޔަށް ކުޅޭށެވެ.

އެގޮތުން ދެވަނަ ހާފު ފެށިތާ މާ ގިނަ އިރު ނަވަނީސް ސާޖިއޯ އަގުއޭރޯގެ ހިތްގައިމު ގޯލަކާ އެކު ސިޓީއަށް ސެމީގެ އުންމީދު ބޯޑުވެގެން ދިޔައެވެ. ނަމަވެސް ޓޮޓެންހަމްއިން ރައްދުގައި ޖެހި ގޯލާ އެކު މުޅި މެންޗެސްޓާ ސިޓީ ރޮށްވާލިއެވެ. ފެނާންޑޯ ލޮރެންޓޭގެ އެ ގޯލާ އެކު ސިޓީއިން އިތުރު ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރި އެވެ.

މި ދެ ޓީމުގެ ކުރިމަތިލުމެއް އަންނަ ހޮނިހިރު ދުވަހު ވެސް އޮންނާނެއެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެކެވެ. އެ މެޗުން ސިޓީ މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.

comment ކޮމެންޓް