ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އޯޓިޒަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ހިނގާލުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ދޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާ ގުޅިގެން ކޮންމެ ދެ އަހަރުން އެއްް އަހަރު ދޭން ނިންމާފައިވާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި އެވޯޑު ނުވަ ދާއިރާއަކުން ދޭން ނިންމާފައިވާއިރު އެ ދާއިރާ ތަކަކީ

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ހަތަރު ފަރާތް)
  • ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ ( އެއް ފަރާތް)
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ( އެއް ފަރާތް)
  • ފަންނީ ދާއިރާ (އެއް ފަރާތް)
  • ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (އެއް ފަރާތް)
  • ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާ (އެއް ފަރާތް)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަޞީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ ( އެއް ފަރާތް)
  • ޚާއްޞަ ދާއިރާ ( އެއް ފަރާތް)

މިދާއިރާތަކުން އެވޯޑަށް ކުރިމަތި ލުމަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެން ފަރާތަކުން ނަންނޮމިނޭޓް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ.

ރިވެލި އެވޯޑް ދޭނެ ފަރާތްތައް ހޮވާނީ ޖެމިނިސްޓްރީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ ފަރާތުން އެކުލަވާލާ ކޮމިޓީއަކުންނެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން ދެވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެންމެ ފަހުން ޑިސްއެބިލިޓީ އެވޯޑު ދިނީ 2016 ވަނަ އަހަރު އެވެ.

comment ކޮމެންޓް