އެންމެން ހައިރާން ކޮށްލުމަށްފަހު ޔުވެންޓަސް ކަޓުވާލައި އަޔެކްސް ސެމީއަށް

އަޔެކްސްގެ ކުޅުންތެރިން ޔުވެންޓަސް ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ--- ފޮޓޯ/މެޓް ޑޯމަން

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެން ހައިރާން ކޮށްލައި ވަރުގަދަ ޔުވެންޓަސް ބަލި ކުރުމަށްފަހު ސެމީފައިނަލުގެ ޖާގައެއް އަޔެކްސް ކަށަވަރު ކޮށްފި އެވެ.

ޔުވެންޓަސްގެ ޓޫރިންގައި ކުޅުނު އެ މެޗު އަޔެކްސްއިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން އަޔެކްސް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރި އިރު ބާސެލޯނާއިން ވެސް ވަނީ ފަސޭހަ ކަމާ އެކު މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށްފަހު ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ސެމީގެ ބާކީ ދެ ޖާގަ ކަށަވަރު ކުރާނެ ޓީމުތައް އެނގޭނީ މިރޭ ކުޅޭ މެޗުތަކުންނެވެ.

ޖުމްލަ ގޮތެއްގައި ޒުވާން ކުޅުންތެރީންތަކެއްގެ މައްޗަށް އެކުލެވޭ އަޔެކްސްގެ ޓީމުން އަދުގެ ފުޓުބޯޅައިގެ އެންމެ ތަޖުރިބާކާރު އެއް ޓީމު ކަމަށްވާ ޔުވެންޓަސް ބަލިކުރުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ސަބަބަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ކުރިސްޓިއާނޯ ރޮނާލްޑޯ ވެސް ޔުވެންޓަސްގެ ޓީމުގައި ހުރުމުންނެވެ.

މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. އަޔެކްސްގެ ޔޯހާން ކްރައިޔަފް އެރީނާގައި ކުޅުނު އެ މެޗުގެ ނަތީޖާއާ އެކު ރޭގެ މެޗަށް ނުކުތް އިރު ފައިދާ ބޮޑީ ޔުވެންޓަސްއަށެވެ. ނަމަވެސް އަޔެކްސްއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ އެ ޓީމަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން މުޅި ދުނިޔެއަށްވެސް ދައްކާފަ އެވެ.

ގިނަ އަހަރުތަކަކަށް ފަހު އަޔެކްސްއިން މުބާރާތުގެ ސެމީއާ ހިސާބަށް ދަތުރު ކުރި އިރު އެ ޓީމުން މިހާހިސާބަށް އައީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަނުން ރެއާލް މެޑްރިޑް ވެސް ބަލިކުރުމަށް ފަހު އެވެ.

ރޭގެ އެ ފޯރިގަދަ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޔުވެންޓަސްއިންނެވެ. ޔުވެންޓަސްއަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފާ ކުރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން އެ ގޯލާ އެކު އަޔެކްސްއަށް ކުރިއަށް ދާން ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ރޮނާލްޑޯގެ 126 ވަނަ ޗެމްޕިއަންސް ލީގު ގޯލާ އެކު ޔުވެންޓަސްއިން ސެމީ ފައިނަލަށް ދިއުމުގެ އުންމީދުގައި ހުއްޓާ އަޔެކްސްއިން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފާ ގޯލެއް ޖަހާފަ އެވެ. ޑޮނީ ވެން ޑެ ބީކްގެ ގޯލުން ނަތީޖާ ހަމަހަމަ ވެގެން ދިޔުމުން ދެ ޓީމުގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ.

އެގޮތުގައި އޮވެ މެޗު ނިންމާލަން ޖެހިއްޖެ ނަމަ އިތުރުވަގުތު ކުޅެ ޕެނަލްޓީއާ ހަމައަށް ދާނެކަން ދެ ޓީމަށް ވެސް އިނގުމުން ޓީމު ކުރިއަށް ޖައްސާ ދެ ޓީމުން ވެސް ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބުކޮށް ސެމީފައިނަލުގެ ޖާގަ ކަށަވަރު ކުރީ އަޔެކްސް އެވެ. އެ މުހިއްމު ގޯލު އެ އަޔެކްސްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން މެތިއަސް ޑެ ލީޚް އެވެ.

އަޔެކްސްއިން ސެމީފައިނަލުގައި ބައްދަލު ކުރަން ޖެހޭ ޓީމެއް އެނގިގެންދާނީ މިރޭ ޓޮޓެންހަމްއާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗަށް ފަހު އެވެ. ފުރަތަމަ ލެގުގައި 0-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރި ހޯދާފައިވާ އިރު ސިޓީއިން މިރޭގެ މެޗަށް ނުކުންނާނީ ބަދަލު ހިފުމުގެ ރޫހަކާ އެކު އެވެ.

comment ކޮމެންޓް