މެސީގެ މާލިމީކަމުގައި ބާސެލޯނާގެ މިސްރާބު ތިން ތަށްޓަށް!

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޯ ރައިޓް

ބާސެލޯނާ އިން މި ސީޒަނުގައި ތިން ތަށި ހޯދުމަށް އަޒުމް ކަނޑައަޅާފައިވާ އިރު މެންޗެސްޓާ ޔުނައިޓެޑު އަތުން ލިބުނު މޮޅަކީ އެ ކަމަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑާ ކުޅެ ބާސެލޯނާ މޮޅުވި މެޗުގައި މެސީ ވަނީ ޖާދޫވީ ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި ދެ ގޯލު ޖެހުމުގެ އިތުރުން ވެސް މެސީ ވަނީ އޭނަގެ ފެންވަރު މުޅި ދުނިޔެ އަށް ވަރަށް ރަނގަޅަށް ދައްކާލައިފަ އެވެ.

ސްޕެނިޝް ލީގުގައި ވެސް ނުވަ ޕޮއިންޓްގެ ބޮޑު ލީޑެއް ބާސެލޯނާ އިން ނަގާފައިވާ އިރު ކުރިއަށް އޮތް ތިން މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ތަށި ޔަގީން ވާނެ އެވެ. މީގެ އިތުރުން ކޮޕާ ޑެލްރޭގެ ފައިނަލަށް ވެސް ބާސެލޯނާ ވަނީ ދަތުރު ކޮށްފަ އެވެ.

ޔޫރަޕުގެ މަދު ކުލަބަކަަށް ނޫނީ ހެދިފައި ނުވާ "ޓްރެބަލް" (ޑޮމެސްޓިކް ދެ ތަށީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށި) ހޯދިފައެއް ނުވެ އެވެ. ނަމަވެސް ބާސެލޯނާ އިން ވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި ދެފަހަރަކު ޓްރެބަލް ވަނީ ހޯދާފަ އެވެ. އެއީ 2009 ވަނަ އަހަރުގެ ސީޒަނުގައާއި 2014-2015 ވަނަ ސީޒަނުގަ އެވެ. އެ ޓީމުގެ އަމާޒަކީ މިއަހަރުގެ ސީޒަނުގައި ވެސް އެކަން ތަކުރާރު ކުރުމެވެ.

މެސީގެ ލީޑާޝިޕާ އެކު ބާސެލޯނާއިން މިއަހަރުގެ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު އެ ޓީމުގެ އަމާޒަށް ވާސިލް ވުމަށްޓަކާ ކުރަން ޖެހުނު ހުރިހާކަމެއް ކުރާން ވެސް ތައްޔާރަށް ހުރިކަމަށް މެސީ ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

"މެންޗެސްޓާ ޔުނައިޓެޑުގެ މެޗުން ލިބުނު ކާމިޔާބީއާ އެކު ޓީމު މިވަގުތު އޮތީ ވަރަށް އުފަލުން. މިއީ އަހަރަމެންގެ އަމާޒަށް ވާސިލް ވުމަށް އެޅުނު ވަރަށް މުހިއްމު އަދި އެހާމެ ބޮޑު ފިޔަވަޅެއް،" މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މޫވީސްޓާއަށް މައުލޫމާތު ދެމުން މެސީ ބުންޏެވެ.

އޭނާ ބުނީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ އަވަހަށް ލީގު ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

"މިހާރު އެންމެ ބޮޑު އިސްކަމެއް ދޭނީ ލަ ލީގާ [ސްޕެނިޝް ލީގު]ގެ ތަށި ހޯދުމަށް. ސެމީ ފައިނަލަށް ވެސް ތައްޔާރުވާން ޖެހޭ ގޮތަށް ތައްޔާރުވާނަން."

ބާސެލޯނާއިން ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ރަނގަޅު ފޯމެއްގައި މިވަގުތު އޮތް އިނގިރޭސިވިލާތުގެ ލިވަޕޫލްއާ އެވެ. މި ދެ ޓީމުގެ ކުރިމަތިލުމަކީ މިއަހަރުގެ ސީޒަނުގައި އެންމެ ފޯރިގަދަ ވާނެ ދެ މެޗުކަމަށް ބެލެވެ އެވެ.

comment ކޮމެންޓް