ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން މަޖިލީހަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ތެރެއިން --

ސިވިލް ސާވިސްގެ ވަޒީފާތަކަށް އިލްމީ ގާބިލު މީހުންގެ ބަދަލުގައި ޝަރުތު ހަމަ ނުވާ ބަޔަކު އައްޔަން ކުރާކަމަށް ބުނާ މައްސަލައެއްގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ހާޒިރު ކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ސީއެސްސީގެ މެމްބަރުން އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ނިންމީ އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ސީއެސްސީގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ސީއެސްސީގެ މެމްބަރުން މަޖިލީހަށް ހާޒިރު ކުރާނެ ވަކި ދުވަހެއް އަދި ވަގުތެއް ފަހުން އަންގަވާނެ ކަމަށެވެ. އަދި މާދަމާގެ ވަގުތަކަށް ސީއެސްސީގެ މެމްބަރުން ހާޒިރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ވަޒީފާތަކަށް އިލްމީ ގާބިލު މީހުންގެ ބަދަލުގައި ޝަރުތު ހަމަ ނުވާ ބަޔަކު އައްޔަން ކުރާކަމަށް ރިޕޯޓު ކުރީ މީޑިއާގަ އެވެ.

comment ކޮމެންޓް