އިންޑިއާގެ ކޮންގްރެސްއިން ހެދި އެލަޔަންސުން ގޮނޑި ބަހާނެ ގޮތާ ބެހޭ ގޮތުން ދެބަސްވުމަކަށް

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ އާއި ދިއްލީގެ އާމް އާދުމީ ޕާޓީގެ ލީޑަރު އަރުވިންދު ކެޖުރިވާލް -- ފޮޓޯ: އައިއެންސީ

ދިއްލީ (އޭޕްރިލް 16): އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ނިއު ދިއްލީގައި އެލަޔަންސް ހެދި ޕާޓީއާ އެކު އެކު ޕާލިމެންޓުގެ ގޮނޑި ބަހާނެ ގޮތަކާ ބެހޭ ގޮތުން ދެބަސްވުން އުފެދިއްޖެ އެވެ.

އިންޑިއާގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި އާއްމު އިންތިހާބާ ދިމާކޮށް ކޮންގްރެސްއިން ދިއްލީގައި އެލަޔަންސް ހެދީ ޗީފް މިނިސްޓަރު އަރުވިންދު ކެޖުރިވާލް އިސްކޮށް ހުންނަވާ އާމް އާދުމީ ޕާޓީ (އޭއޭޕީ)އާ އެކުގަ އެވެ. ދިއްލީ ތަމްސީލު ކުރާ ހަތް ގޮނޑި ޕާލިމެންޓުގެ ތިރީގޭގައި ހުރެ އެވެ.

އަދި ކޮންގްރެސް އިން ވަނީ އޭގެ ތެރެއިން ހަތަރު ގޮނޑިއަށް ވާދަ ކުރުމަށް އޭއޭޕީއަށް ފުރުސަތު ދޭނެ ކަމަށާއި ކޮންގްރެސްއިން ވާދަ ކުރާނީ ތިން ގޮނޑިއަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އޭއޭޕީން ވަނީ ފަސް ގޮނޑިއަށް ވާދަ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"ދިއްލީގައި ކޮންގްރެސް އާއި އޭއޭޕީ އިން އެލަޔަންސެއް ހެދުން ވާނީ ބީޖޭޕީ ނާކާމިޔާބު ވާނެ ކަމަކަށް. އަދި އެކަން ޔަގީން ކުރުމަށް ކޮންގްރެސް އިން އޮތީ ދިއްލީގެ ހަތަރު ސީޓު އޭއޭޕީއަށް ދޭން ތައްޔާރަށް. ނަމަވެސް ކެޖުރިވާލް ވަނީ އަނެއްކާ ވެސް ހިޔާލު ބަދަލު ކުރައްވާފައި،" ކޮންގްރެސްގެ ރައީސް ރާހުލް ގާންދީގެ ޓުވީޓެއްގައިވެ އެވެ.

އޭގެ ސަބަބުން ކެޖުރިވާލްވެސް ވަނީ ގާންދީއަށް ރައްދު ދެއްވުމުގެ ގޮތުން ޓުވީޓެއް ކުރައްވައިފަ އެވެ. އަދި ދެޕާޓީން ގޮނޑި ބަހާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި ގާންދީ އެފަދައިން ވިދާޅުވުމުން އެނގިގެންދަނީ ކޮންގްރެސް އިން އެލަޔަންސްއެއް ހަދަން ބޭނުން ނުވާ ކަން ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ ޕާލިމެންޓުގެ ތިރީގެއަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް މިހާތަނަށް ސްޓޭޓް ޕާޓީތަކާ އެކު އެލަޔަންސް ހެދިފައި ވަނީ ވަރަށް މަދު ސްޓޭޓެއްގަ އެވެ. އެއިންތިހާބު ކުރިއަށް ދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި ދިއްލީގެ ވޯޓުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12އިގަ އެވެ. އެއިންތިހާބުގެ ވޯޓުލުން ނިމޭނީ އެމަހުގެ 19އިގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ މެއި 23ގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް