ލިންކް ރޯޑްގައި އަނިޔާވި އަންހެން މީހާ މާލެ ގެނެސްފި

އައްޑޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު ސައިކަލް ވަލުތެރޭގައި --- ޓްވިޓާ ފޮޓޯ/ ކޯޗް ޝުޖާ

އައްޑޫ ސިޓީ ލިންކު ރޯޑުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އަލީ މޫސާ "ސަން" އަށް ވިދާޅުވީ އޭނާ މާލެ ގެނައިރު ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށާއި ނަމަވެސް އިތުރު ޓެސްޓްތައް ހަދަން ޑޮކްޓަރު ލަފާދިނުމުން މާލެ ގެނައީ ކަމަށެވެ.

"އޭނާގެ އަތާއި ފައިގައި ރެނދު ލައިފައި ހުރީ. ބޮލުގައި ވެސް ދުޅަ ހުރި. އެހެންވެ ޑޮކްޓަރު ލަފާދީނީ ސީޓީސްކޭންއެއް ހަދަން މާލެދާން،" އަލީ މޫސާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ ހަވީރު 4:00 އެހައިކަންހާއިރު ހަންކެނޑެ ބްރިޖު ކައިރިން މަގުގެ އެއްފަޅިން އަނެއް ފަޅިއަށް ސައިކަލެއް ހުރަސްކޮށްލިވަގުތު ގަމުން ހިތަދުއަށް ދިޔަ ކާރެއްގައި ޖެހިގެން ކަމަށެވެ.

ސައިކަލްގައި ޖެހުމުން ކޮންޓްރޯލްނުވެ ކާރު ދިޔައީ އެ ސަރަހައްދުގެ ވަލުތެރެއަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސައިކަލްގައި އިން އަންހެން މީހާއަށް އަނިޔާ ލިބުނަސް، ކާރުގައި އިން މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސައިކަލް ދުއްވި އަންހެން މީހާއަށް ބޮޑު އަނިޔާއެއް ނުލިބުނީ ކާރު ދުއްވަންއިން މީހާ ކޮންޓްރޯލްކުރަން ކުރި މަސައްކަތުންނެވެ.

comment ކޮމެންޓް