ރަފާލް އެއްބަސްވުމުގެ މައްސަލާގައި ރާހުލް ގާންދީ ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން އަންގައިފި

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން ވަނީ އަންގާފައި -- ފޮޓޯ: ޕީޓީއައި

ދިއްލީ (އޭޕްރިލް 15): އިންޑިއާ އާއި ފްރާންސުން ހެދި ރަފާލް އެއްބަސްވުމާ ބެހޭ ގޮތުން ރާހުލް ގާންދީ ދެއްކެވި ވާހަކައާ ގުޅިގެން ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން އަންގައިފި އެވެ.

މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓުން ވަނީ، ރަފާލް އެއްބަސްވުމާ ބެހޭ ގޮތުން އާމައުލޫމާތުތަކެއް ލީކުވުމާ ގުޅިގެން، މީގެ ކުރިން އެމައްސަލައާ ބެހޭ ގޮތުން ކޯޓުން ނިންމި ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ޕެޓިޝަނެއް ބަލައިގަނެފަ އެވެ. އަދި ރާހުލް ގާންދީ ވަނީ އެއީ ނަރެންދުރަ މޯދީ "ވައްކަން ކުރެއްވިކަން" ކޯޓުން ބަލައިގަތުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

އޭގެ ސަބަބުން ބީޖޭޕީން ވަނީ ރާހުލް ގާންދީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި ކޯޓުން ވަނީ އެމައްސަލަ ބަލައިގަނެ، ގާންދީ ދެއްކެވި ވާހަކަ ތަފްސީލުކޮށް ދިނުމަށް ކޯޓަށް ޖަވާބުދާރީވާން އަންނަ ހޯމަ ދުވަހާ ހަމައަށް މުހުލަތު ދީފަ އެވެ.

މީގެ އިތުރުން ރަފާލް އެއްބަސްވުން ހެދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ރާހުލް ގާންދީ ތަކުރާރުކޮށް ވިދާޅުވަމުންދާތީ ބީޖޭޕީން ވަނީ އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިލެކްޝަން ކޮމިޝަނުގައި އެދިފަ އެވެ.

އިންޑިއާ އިން ފްރާންސުގެ ޑަސޯލްޓް އޭވިއޭޝަނުން ފައިޓާ ޖެޓުތަކެއް ގަންނަން ފުރަތަމަ އެއްބަސްވީ މާޗް 2014ގައި އޭރު އޮތް ކޮންގްރެސް ޕާޓީ އިސްކޮށް އޮންނަ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަނަސް (ޔޫޕީއޭ)ގެ ސަރުކާރުންނެވެ. ނަމަވެސް މެއި 2014އިގައި ބާރަތިޔާ ޖަނަތަ ޕާޓީ އިސްކޮށް އޮންނަ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވެރިކަމަށްއަ އެވެ. އަދި ޔޫޕީއޭއިން ހެދި އެއްބަސްވުން އުވާލުމަށް ފަހު ޑަސޯލްޓާއެކު އާ އެއްބަސްވުމެއް ހެދި އެވެ.

މޯދީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ވަނީ "އޮފްސެޓް ކްލޯސް"އެއް ހިމަނައިފަ އެވެ. އަދި އެ މާއްދާގައި ވަނީ އެއްބަސްވުމުގައި ހިމެނޭ ފްރާންސުގެ ކުންފުނިތަކުން، އެއްބަސްވުމުގެ އަގުގެ 50 ޕަސެންޓު އިންޑިއާގެ ކުންފުނިތަކަށް އިންވެސްޓު ކުރުމަށް ޝަރުތުކޮށްފަ އެވެ. އެގޮތުން ޑަސޯލްޓުން އިންވެސްޓު ކުރަން ނިންމި ކުންފުނިތަކުގެ ތެރޭގައި ބިލިއަނަރު އަނިލް އަމްބާނީގެ ކުންފުންޏެއް ހިމެނެ އެވެ.

ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި ޔޫޕީއޭގެ ސަރުކާރުން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ހުރީ 526 ކުރޯޑު ރުޕީސްގައި (75,828,160 ޑޮލަރު) އެވެ. ނަމަވެސް އެންޑީއޭ އިން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ވަނީ 1600 ކުރޯޑު ރުޕީސްއަށް ވުރެ އިތުރުވެފަ އެވެ.

ކޮންގްރެސް ޕާޓީން ތުހުމަތު ކުރާ ގޮތުގައި އެހާވަރަށް ޖެޓުގެ އަގު ބޮޑު ކުރުމުގެ މަގުސަދަކީ ބިލިއަނަރު އަނިލް އަމްބާނީއަށް ފައިދާވާ ގޮތަށް އެއްބަސްވުން ހެދުމެވެ. ނަމަވެސް ޑަސޯލްޓާއި އިންޑިއާ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ރަފާލް އެއްބަސްވުން ހެދުމުގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަން ސާބިތު ނުކުރެވޭ ކަމަށް ނިންމާފަ އެވެ. އެކޯޓަށް ރާހުލް ގާންދީ ހާޒިރުވާން އަންގާފައި ވަނީ އޭނާ ވާދަ ކުރައްވާ އާއްމު އިންތިހާބު ކުރިއަށްދާ ދަނޑިވަޅުގަ އެވެ.

ގާންދީ ވާދަ ކުރައްވަނީ އޭނާ މިހާރުވެސް ތަމްސީލު ކުރައްވާ އަމެތީގެ އިތުރުން ކެރަލާގެ ވަޔަނާޑްގެ ގޮނޑިއަށެވެ. އެދެ ގޮނޑިވެސް ކާމިޔާބުވެއްޖެ ނަމަ ގާންދީ އޭގެ ތެރެއިން އެއް ގޮނޑި ދޫކޮށްލައްވަން ޖެހޭނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށުނު އިންޑިއާގެ އާއްމު އިންތިހާބު އަންނަ މަހުގެ 19އާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ އެމަހުގެ 23ގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް