"ގޮންޖުންތަކާއެކުވެސް ދިރާގުން ދަނީ މުވާސަލާތީ ހިދުމަތްތައް ފުރިހަމަގޮތުގައި ފޯރުކޮށްދެމުން"

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ފަދަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގެ، މުޅި އާބާދީއަށް، އެއް ފެންވަރެއްގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ، ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ނަމަވެސް އެ ގޮންޖެހުންތަކާއެކުވެސް، ދިރާގުން ދަނީ ޒަމާނީ އެންމެ ފުރިހަމަކަމާއެކު މުވާސަލާތީ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 75 ޕަސެންޓަށް ދިރާގު ހައިސްޕީޑު ފައިބާ ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ދެވުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިރާގަކީ ރާއްޖޭގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ދިނުމުގައޮ ފަހުރުވެރި މާޒީއެއް އޮތް ކުންފުންޏެއް ކަމަށެވެ.

"އޭގެ އެންމެ އަލިގަދަ ހެތްކަކީ، ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަރނެޓްގެ ހިދުމަތް، ދިރާގުން މުޅި ރާއްޖެއަށް މިހާރު ފޯރުކޮށްދެމުން އަންނަކަން،" ރައީސް ވިދާޅުވީ ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދީ، ތަރައްގީގެ މަގުގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، އީޖާދީ ހައްލުތައް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގައި، ދިރާގު އަންނަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ދިރާގުގެ އެ ކާމިޔާބީތަކުގެ ސަބަބުން، އިޖްތިމާއި އަދި އިގްތިސޯދީ ތަރައްގީއަށް ވަރަށް ބޮޑު ދިރުމެއް އަތުވެއްޖެ. އަދި ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކާ އެއް ސަފެއްގައި ފައި ހަމަކުރުމުގެ ގާބިލުކަން، މި ރާއްޖެއަށް ލިބިއްޖެ،" މިއާއެކު 21 ވަނަ ގަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް، ދިރާގާއެކު ދެވޭނެކަން ޔަގީންވެއްޖެ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

"މިއީ ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޒަރިއްޔާއިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއް. މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ހިދުމަތްތައް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުން،" ރައީސް ވިދާޅުވީ ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ހިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުވައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސަރުކާރުގެ އެ ސިޔާސަތު ތަންފީޒު ވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ހިދުމަތް ލިބި، ޑިޖިޓަލް ހިދުމަތުގެ ފަރަގު މިހާރަށްވުރެވެސް ކުޑަވެގެންދާނެ،"

ދިރާގުން ފަށާފައިވާ ފައިބާ ބްރޯޑްބޭންޑް މަޝްރޫއުގެ އަމާޒަކީވެސް، ރަށްރަށުގެ މެދުގައި ތަފާތުނުކޮށް، އެއް ފެންވަރެއްގައި އަދި އެއް އަގެއްގައި، އާބާދީގެ ވީހާ ގިނަ ބަޔަކަށް، ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުން ކަމަށާއި ރާއްޖޭގެ ރަށްތައް ހުރިގޮތަށް ބަލާއިރު، ދިރާގުން އެ މަޝްރޫއު ފުރިހަމަކުރީ، ވަރަށް ކުރު މުއްދަތެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މަޝްރޫޢު ދިރާގުން ފުރިހަމަކުރީ އެންމެ ދެ އަހަރުގެ ތެރޭގައި. ވެރިރަށް މާލެއާއެކު، އާބާދީ އެންމެ ބޮޑެތި 58 ރަށަށް، ދިރާގުގެ ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް މިހާރު ލިބޭ. ރަށުގެ އަދަދު މަދުވިޔަސް، އެއީ ރާއްޖޭގެ އާބާދީގެ 75 އިންސައްތަ،"

ރައީސް ވިދާޅުވީ މިހާރު އެއް ރަށުން އަނެއް ރަށަށް މުވާސަލާތު ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކަނޑުގެ އަޑިން ގުޅައިލާފައިވާ 1253 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް ވިއުގައަކުން ކަމަށެވެ. މި ވިއުގައަކީރާއްޖޭގެ އިގްތިސޯދީ، ސިއްހީ އަދި އިޖްތިމާއީ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް ގެނުވި ވިއުގައެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުގެ ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ، ސަރަޙައްދީ އަދި އަތޮޅު ހޮސްޕިޓަލްތަކާއި، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް މިހާރުވަނީ، ޑިޖިޓަލް ވިއުގައިން ގުޅައިލެވިފައި. އަތޮޅު ތައުލީމީ މަރުކަޒުތަކާއި، ރަށްރަށުގެ ސްކޫލްތަކާއި މަދަރުސާތައްވެސް ވަނީ އެ ވިއުގައިން ގުޅައިލެވިފައި. ޝަރުޢީ ކޯޓުތައްވެސް ވަނީ އެ ވިއުގައިގެ ތެރެއިން އެއްތަން ކުރެވިފައި،" ރައީސް ވިދާޅުވީ އިޖްތިމާއީ ގުޅުންތަކުގައިވެސް، ދިރާގު އަމުހިންމު ހިދުމަތްތަކެއް ދެމުންދާ ކަމަށެވެ.

"ރާއްޖޭގައި އިންޓަނެޓް ވިއުގައިގެ ތެރެއިން، ޓީވީގެ ހިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަކީވެސް ދިރާގު. އެ މަޝްރޫއުގެ ދަށުން، ދިރާގު ޓީވީގެ ހިދުމަތް، ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް މިހާރު ލިބެމުންދޭ،"

ޑިޖިޓަލް ޒަމާނެއްގެ ތެރެއަށް ވަދެގެން ދާއިރު އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި، ޑިޖިޓަލް ކޮމިޔުނިކޭޝަނާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފެނީ، އެންމެ ރަނގަޅަށްތޯ ވިސްނައިލަން ޖެހޭ ކަމަށެވެ. އެ ދާއިރާތަކުން ދިވެހި ޒުވާނުން އުފެއްދުމަށް، އިތުރު ހިތްވަރެއްލުމަކީ، ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިލައްވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"ޑިޖިޓަލް ޓެކްނޮލޮޖީއަކީ އެއްވެސް އިމެއް، ހިފެހެއްޓުމެއްނެތި ތަރައްގީވެ ފައްކާވަމުން އަންނަ ސިނާއަތެއް. ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި، އައު ކަންތަކަށް ތަރުޙީބުދޭ ބަޔަކަށްވާއިރު، އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުމުގައި، މިހާރަށްވުރެ ފުޅާގޮތެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާމެދު އަޅުގަނޑުމެން ވިސްނަންވެއްޖެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ކަމުގައިވެސް ދިރާގަށް ވަރަށް އިސް ދައުރެއް އަދާކުރެވިދާނެ. ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން، ޑިޖިޓަލް ޓެކްނޮލޮޖީއަށް ދަރިވަރުން އަހުލުވެރި ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެކަން ތަންފީޒު ކުރެވޭނެ ގޮތްތަކާމެދު، ތިޔަބޭފުޅުން ވިސްނުން ހިންގަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،"

comment ކޮމެންޓް