ހުޅުމާލެއަށް ބަނގުރާ އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ އަށް އެތެރެކުރަން އުޅުނު ބަނގުރާ -- ފޮޓޯ: ޕޮލިސް

ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެތެރެއިން ހުޅުމާލެ އޮޕަރޭޝަންސް އާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އެޕްރީލް 11 ވަނަ ދުވަހުގެ 22:50ގައި ހިންގި އޮޕަރޭޝަންގައި 23 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑިންގީއަކުން ހުޅުމާލެއަށް ބޭލި ކަޅުކުލައިގެ ކޮތަޅަކާއި ހަވާލުވުމަށް އެ ސަރަޙައްދަށް ގޮސް ތިބި އެ ދެމީހުން އެ ކޮތަޅު ހިފައިގެން ސައިކަލެއްގައި ދާންއުޅުމުން އެ ދެމީހުން ހުއްޓުވައި އެ ކޮތަޅު ބަލައިފާސްކުރި އިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 48 ދަޅު ފެނިފައިިވާ ކަމަށާއި އެ ދެ މީހުން ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް އެތަނުން އެކަކު ހަމަލާދިންކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާއިރު މި މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

comment ކޮމެންޓް