އާލިއާގެ މިސްރާބު ހޮލީވުޑަށް!

އާލިއާ ބަޓް --

ދެހާސް ބާރަ ވަނަ އަހަރު ބޮލީވުޑަށް ނުކުތް ޒުވާން ބަތަލާ އާލިއާ ބަޓް އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ކުޅަދާނަ އެއް އެކްޓަރެވެ.

މިވީ ހަތް އަހަރު ދުވަހުގެ ތެރޭގައި އާލިއާ ވަނީ ތަފާތު މޮޅު ރޯލުތަކެއް ކުޅެ، އަމިއްލަ ނަމެއް ހޯދައިފައެވެ. ކާމިޔާބު ހިންދީ ފިލްމުތަކަކަށް ފަހު އާލިއާ މިހާރު މިވަނީ ތެލުގޫ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ. އެއީ އެސްއެސް ރާޖާމައުލީގެ ފިލްމު 'އާރްއާރްއާރް' އެވެ. އެ ފިލްމަށް ތައްޔާރުވަމުން އަންނަ އާލިއާ މިވަނީ ހޮލީވުޑަށް ޝައުގުވެރިކަން ހުރިކަން ވެސް ހާމަކޮށްފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާލިއާ ބުނީ ކައިރި މުސްތަގުބަލެއްގައި ހޮލީވުޑަށް ދިއުމަށް އުންމީދު ކުރާ ކަމަށާއި ރަނގަޅު ފުރުސަތެއްގެ އިންތިޒާރުގައި ހުރި ކަމަށެވެ. ހޮލީވުޑަކީ މުޅިން ތަފާތު އިންޑަސްޓްރީއެއް ކަމަށާއި، އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަން އެނގޭ ކަމަށް އާލިއާ ބުންޏެވެ.

އެހެންކަމުން ހޮލީވުޑަށް ތައްޔާރުވުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އާލިއާ މިހާރު އުޅެނީ އަންނަ ބުދަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އޭނާގެ ފިލްމު 'ކަލަންކް' ގެ ޕްރޮމޯޝަން މަސައްކަތުގައެވެ. އޭގެ އިތުރުން ލޯބިވެރިޔާ ރަންބީރު ކަޕޫރު އާއެކު ފިލްމު 'ބްރަހްމާޝްތުރަ' ގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. އަދި ސަލްމާން ޚާން އާއެކު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ވެސް އާލިއާ ވަނީ ސޮއިކޮށްފަ އެވެ.

comment ކޮމެންޓް