ލަންކާ އިންޑިއާ އަދި މެލޭޝިއާގައި އުޅޭ ދިވެހިންނަށް އާސަންދައިން ހާއްސަ ސްކީމެއް

--

ސްރީލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި އުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ ސްކީމެއް އާސަންދަ އިން ތައާރަފު ކޮށްފިއެވެ.

އާސަންދަ އިން ބުނީ "މެރަނާ" ގެ ނަމުގައި ތައާރަފުކުރި ސްކީމުގެ ސަބަބުން އެ ގައުމުތަކުގައި އުޅޭ ދިވެހިންނަށް ސިއްހީ ހިދުމަތް ހޯދުމުގައި މާލީގޮތުން ލުއި ލިބޭނެ ކަމަށެވެ.

ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި އުޅޭ ދިވެހިންނަށް ބޭސްފަރުވާގެ މާލީ އެހީ ލިބޭނީ މެރަނާ ސްކީމުގެ ތެރެއިންނެވެ. އެގޮތުން ހަ މަހަށްވުރެ ދިގު މުއްދަތަކަށް އެ ގައުމުތަކުގައި އުޅުމަށް ކަނޑައަޅާފައިވާ ވިސާ އޮތް މީހުންނަށް މި ސްކީމުން ބޭސް ފަރުވާ ކުރެވޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

މި ސްކީމުގެ ކޮންމެ ބައިވެރިޔަކަށް އަހަރަކު 1،50000 ރުފިޔާ ކަނޑައަޅާފައިވާއިރު އައުޓް ޕޭޝަންޓް ހިދުމަތްތަކަށް ކަނޑައަޅާފައިވަނީ 10،000 ރުފިޔާ އެވެ. އެނދުމަތިކޮށްގެން ހޯދާ ހިދުމަތްތަކަށް ކަނޑައަޅާފައިވަނީ ޖުމްލަ ކަވަރޭޖާ އެއްވަރު އަދަދެކެވެ.

އާސަންދަ އިން ބުނީ މި ސްކީމު ހަމަޖެހިގެންދިޔުމާއެކު މި ތިންގައުމުގައި އުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނީ ސްކީމުގެ ތެރެއިން ކަމަށެވެ. މިވަގުތު ރާއްޖެއިންބޭރުން މި ތިންގައުމުގައި އާސަންދަ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލަކުންވެސް މެރަނާ ސްކީމުގެ ހިދުމަތް ލިބޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

މެރަނާ ސްކީމުގެ ހިދުމަތް ލިބޭނީ ރާއްޖޭގައި އާސަންދަ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ހިދުމަތްދޭ އުސޫލުން ކަމަށާއި މި ސްކީމުން ހަމަޖައްސައިދޭ ހަރަދުގެ އިތުރުން ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށް ކަމަށްވެސް އާސަންދަ އިން ބުންޏެވެ.

މެރަނާ ސްކީމު ތައާރަފު ކުރެވޭއިރު އިންޑިއާ އާއި ލަންކާގައި އާސަންދަ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލަކުން މި ހިދުމަތް ލިބޭނެ ކަމަށާއި މެލޭޝިއާގައި މި ހިދުމަތް ދިނުމަށް އިދާރީ ތައްޔާރީތައް ވަމުންދާއިރު، ކުރިއަށް އޮތް ދެ މަސް ތެރޭ މި ހިދުމަތް ދޭން ފެށޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އިންޑިއާ، މެލޭޝިއާ އަދި ލަންކާ ގައި ދިރިއުޅޭ ދިވެހިން އާސަންދަ އެބްރޯޑް ޕޯޓަލްގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ މަހު 28 ގައި ހުޅުވާލިއިރު، ރައީސް ސޯލިހު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭޕްރީލް މަހުން ފެށިގެން ލަންކާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ލިބޭނެ ކަމަށެވެ.

comment ކޮމެންޓް